ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
މުސްލިމުންނާއެކު ދުނިޔޭގެ ތާރީޚުގެ ރަންޒަމާން
ދުނިޔެ

މުސްލިމުންނާއެކު ދުނިޔޭގެ ތާރީޚުގެ ރަންޒަމާން

އއިބްރާހީމްް ސަމީރު29 ޑިސެމްބަރު 2025
އިސްލާމީ ތާރީޚަކީ ދުނިޔޭގެ ޗާޓާއި އިންސާނީ ޙަޟާރަތް ބަދަލުކޮށްލި ވަރުގަދަ ބާރެކެވެ. މުސްލިމުންނަކީ ދުނިޔޭގެ ތާރީޚުގައި އެއްއިރެއްގައިވެސް ބާކީކޮށްލެވޭނެ ބައެއް ނޫނެވެ. މީލާދީން 571 ވަނަ އަހަރަކީ މުޅި އިންސާނިއްޔަތަށް އައި އެންމެ ބޮޑު ބަދަލުގެ ފެށުމެވެ. އެއީ ކައު އިތުރު ރަސޫލާ މުޙައްމަދު ﷺ އުފަންވެވަޑައިގަތް އަހަރެވެ. އެކަލޭގެފާނުގެ ރިސާލަތާއެކު، ދުނިޔެ ދުށް އެންމެ ވަރުގަދަ އުންމަތް ބިނާވެގެން ދިޔައެވެ. އިސްލާމީ ދައުލަތުގެ ފެށުމާއި ޚުލަފާއުއްރާޝިދޫންގެ ޒަމާނަކީ ފާހަގަ ވެގެން ދިޔަ ޒަމާނެކެވެ. ކައު އިތުރު ރަސޫލާ ﷺ މަދީނާއަށް ކުރެއްވި ހިޖުރައަކީ އިސްލާމީ ތާރީޚުގެ ފެށުން ކަމުގައި އަމީރުލް މުއުމިނީން ޢުމަރުގެފާނު ކަނޑައެޅުއްވިއެވެ. ރަސޫލާ ﷺ ސުވަރުގެވަޑައިގަތުމަށްފަހު، ޚުލަފާއުއްރާޝިދޫންގެ 29 އަހަރުގެ ކުރު މުއްދަތުގެ ޚިލާފަތުގެ ތެރޭގައި، އޭރު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ދެ ބާރު ކަމަށްވާ ފާރިސީންނާއި ރޫމީންގެ އެމްޕަޔަރުތައް މުސްލިމުންގެ ކުރިމަތީގައި ކަކޫޖެހިއެވެ. މިއީ މުސްލިމުންގެ އީމާންތެރިކަމާއި ރޭވުންތެރިކަމުގެ ވަރުގަދަކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ. އުމަވީ އަދި އައްބާސީ ދައުރު ފުޅާވެ އިންސާނިއްޔަތަށް ޙަޟާރީ ތަރިކައެއް ދޫކޮށް ދިނެވެ. އުމަވީ ދައުލަތުގެ 89 އަހަރުގެ ތެރޭގައި އިސްލާމީ ދައުލަތުގެ އިންތައް އިންތިހާއަށް ފުޅާވެގެން ދިޔައެވެ. އޭގެ ފަހުން އައި އައްބާސީ ދައުލަތް ފަސް ގަރުނަށް ދެމިގެންދިޔައިރު، އިސްލާމީ ބާރު ޗައިނާގެ ބޯޑަރާ ހަމައަށް ފޯރިއެވެ. މުސްލިމުންގެ ވަރުގަދަކަމާއި ހައިބަތު ހުރި މިންވަރަކީ، އޭރުގެ ބޮޑެތި ބާރުތަކުން މުސްލިމުންނާ ހަނގުރާމަކުރުމުގެ ބަދަލުގައި ޖިޒުޔަ ދީގެން ސުލްހައިގެ މަގު އިޚްތިޔާރުކުރުމެވެ. މިއީ ހަމައެކަނި އަސްކަރީ ބާރެއް ނޫނެވެ. އަދި މުސްލިމުން އިސްކުރީ ކަނޑިއެއްވެސް ނޫނެވެ. އެއީ އިލްމާއި، ސަގާފަތާއި، އިގްތިސާދީ ގޮތުންވެސް މުސްލިމުން ހޯދި ކުރިއެރުމެކެވެ. ޢުޘްމާނީ ދައުލަތާއި އިސްލާމީ އުންމަތުގެ ފަހުގެ ތާރީޚަކީވެސް ފާހަގަ ކުރެވިގެން ދިޔަ ޒަމާނެކެވެ. ޢުޘްމާނީ ޚިލާފަތަކީ 673 އަހަރަށް ދެމިގެން ދިޔަ ޚިލާފަތެކެވެ. އެއީ ދުނިޔޭގެ ސިޔާސީ މަސްރަހުގައި މުސްލިމުންގެ ބަސްވިކޭ ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް އެންމެ ފަހު ދައުލަތެވެ. ނަމަވެސް، ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު ޚާއިނުންގެ ބަޔަކު ސޮލީބީންނާ ގުޅިގެން އިސްލާމީ އުންމަތް ބައިބައި ކޮށް، ޔޫރަޕްގެ ބާރުތަކުން އިސްލާމީ ބިންތައް ބަހާލުމަށް ފުރުސަތު ދިނެވެ. 1923 ވަނަ އަހަރަކީ އެންމެ ފަހު އިސްލާމީ ބޮޑު އިންޕަޔަރު ނިމުމަކަށް އައި އަހަރެވެ. މުސްލިމުންގެ ތާރީޚަށް ބަލާއިރު ފެންނަނީ ހިތްވަރާއި، ގުރުބާނީއާއި، ވަރުގަދަ އަޒުމުގެ ސިލްސިލާއެކެވެ. އިސްލާމީ އުންމަތަކީ ކިތަންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވިޔަސް، އަލުން ތެދުވުމުގެ ގާބިލުކަން ލިބިގެންވާ އުންމަތެކެވެ. މިއަދު އަޅުގަނޑުމެންގެ ތާރީޚުން އިބުރަތް ހާސިލުކޮށް، އެއްބައިވަންތަކަމާއެކު ކުރިއަށް ދިއުމަކީ މުސްލިމުންގެ ވަރުގަދަކަން އަލުން އިއާދަކުރުމަށް އޮތް އެންމެ ބޮޑު މަގެވެ.  

ގުޅުންހުރި ޚަބަރު