ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޔޯގާ މަސްތުވާތަކެތިން ސަލާމަތް ކޮށްދޭ
ދުނިޔެ

ޔޯގާ މަސްތުވާތަކެތިން ސަލާމަތް ކޮށްދޭ

އއިބްރާހީމްް ސަމީރު12 ޖެނުއަރީ 2026
މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލުމުން ކުރިމަތިވާ އުނދަގޫތަކުން ސަލާމަތްވުމަށް ޔޯގާގެ ސަބަބުން އެހީތެރިކަމެއް ލިބޭކަން އާ ކްލިނިކަލް ޓްރަޔަލްއަކުން ދައްކައިފިއެވެ. މި ދިރާސާއިން ދައްކާ ގޮތުގައި އާދައިގެ ފަރުވާއާ އެކު ޔޯގާ ކުރިއަށް ގެންދާ ބަލިމީހުން، ހަމައެކަނި ފަރުވާ ހޯދާ މީހުންނަށްވުރެ ހަތަރު ގުނަ އަވަހަށް ހާލަތު ރަނގަޅުވެ، ހަމައަކަށް އެޅެއެވެ. ޖޭއޭއެމްއޭ ސައިކިއޭޓްރީގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި އޮޕިއޮއިޑް ބޭނުންކުރާ 59 ފިރިހެނުން ބައިވެރިކޮށްފައިވެއެވެ. މީގެ ތެރެއިން 30 މީހަކަށް ބިއުޕްރެނޯފިން ބޭހާއެކު ޔޯގާގެ ފަރުވާ ދެވުނުއިރު، ބާކީ ތިބި 29 މީހުންނަށް ދިނީ ހަމައެކަނި ބިއުޕްރެނޯފިން ބޭހެވެ. ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި ޔޯގާ ހެދި މީހުންގެ ހާލަތު އެވްރެޖްކޮށް 5 ދުވަސް ތެރޭގައި ހަމައަކަށް އެޅުނުއިރު، ހަމައެކަނި ބޭސް ބޭނުންކުރި މީހުންނަށް މިކަމަށް 9 ދުވަސް ނެގިއެވެ. މަސްތުވާތަކެތި ހުއްޓާލުމުން ކުރިމަތިވާ ނުތަނަވަސްކަމާއި، ނިދިނައުމާއި، ހަށިގަނޑުގައި އަޅާ ރިހުން ކުޑަކުރުމަށް ޔޯގާގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބޭކަން ފާހަގަކުރެވުނެވެ. މާހިރުން ބުނާ ގޮތުގައި އޮޕިއޮއިޑް ވިތްޑްރޯވަލްގެ ސަބަބުން ނާވަސް ސިސްޓަމް ހައިޕަރއެކްޓިވްވެ، ނުތަނަވަސްކަމާއި ރިހުން އިތުރުވެއެވެ. ނަމަވެސް ޔޯގާގެ ނޭވާލުމުގެ އުކުޅުތަކާއި، މައިންޑްފުލްނެސް އަދި ހަށިގަނޑުގެ ހަރަކާތްތަކުގެ ސަބަބުން ނާވަސް ސިސްޓަމް މަޑުމައިތިރިކޮށްދީ، އަލާމާތްތައް ކުޑަކޮށްދެއެވެ. ނިއުޔޯކްގެ އެޑިކްޝަން ސައިކިއޭޓްރީ މާހިރަކު ފާހަގަކުރެއްވި ގޮތުގައި ޔޯގާއަކީ އެއްވެސް ޚަރަދަކާ ނުލައި، ރައްކާތެރިކަމާއެކު ޑިޓޮކްސް ޔުނިޓްތަކުގައި ބޭނުންކުރެވިދާނެ ވަސީލަތެކެވެ. މިއީ ބަލިމީހުން ފަރުވާގެ ތެރޭގައި ނަފްސާނީ ގޮތުން ދެމިތިބުމަށް އެހީތެރިވެދޭ ކަމެކެވެ. ޔޯގާއަކީ ބޭހުގެ ބަދަލުގައި ބޭނުންކުރާ އެއްޗެއް ނޫން ނަމަވެސް، މިއީ ފަރުވާގެ ފެންވަރު ރަނގަޅުކޮށް، އަލުން މަސްތުވާތަކެތީގެ ތެރެއަށް ދިއުމުގެ ފުރުސަތު ކުޑަކޮށްދޭނެ ވަރުގަދަ އެހީތެރިއެކެވެ. ކުރިމަގުގައި މި ހޯދުންތައް އިތުރަށް ކަށަވަރުކުރުމަށްޓަކައި ބޮޑެތި ދިރާސާތައް ހިންގުމަށް ސައިންސްވެރިން ވަނީ ގޮވާލާފައެވެ. މީގެ ސަބަބުން ފަރުވާގެ ޚަރަދު ކުޑަވެ، ބޭހުން އެކަނި ހައްލުނުވާ ފިޒިއޮލޮޖިކަލް މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ޚަބަރު