ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
މުނާފިގުކަން:
ދުނިޔެ

މުނާފިގުކަން:

އއިބްރާހީމްް ސަމީރު17 ޖެނުއަރީ 2026
ބަހާއި އަމަލު ދިމާނުވުމަކީ އިންސާނީ މުޖުތަމައުއެއްގައި ފެންނާނެ އެންމެ ނުރައްކާތެރި އެއް ސިފައެވެ. މިއަދުގެ ދުނިޔޭގެ ސިޔާސީ މަސްރަހަށް ބަލާއިރު، އިންސާނީ ހައްގުތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ވަކާލާތުކުރާ ހުޅަނގުގެ ބޮޑެތި ބާރުތަކުގެ ކިބައިން މި ބުނި މުނާފިގުކަން ދަނީ ވަރަށް ބޮޑަށް ފެންނަމުންނެވެ. ވަކި ބަޔަކަށް އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލާއިރު، ހަމަ އެ ހައްގުތަކަށް އެދި އަމިއްލަ ގައުމުގައި އަޑުއުފުލާ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކަކީ މިކަމުގެ ސާފު ހެއްކެކެވެ. އިރާނުގައި ތަކެތީގެ އަގު ބޮޑުވުމާއި އިގްތިސާދީ ދަތިތަކާ ގުޅިގެން މުޒާހަރާތަކެއް ފެށުނެވެ. އެ މުޒާހަރާތައް މުޅި ގައުމަށް ފެތުރި، ސަރުކާރާ ދެކޮޅު ހަރަކާތަކަށް ބަދަލުވުމާއެކު، ހުޅަނގުގެ ލީޑަރުން އަޑަށް ބާރުލާފައި ގޮވާލަމުންދިޔައީ އިރާނުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އިހުތިރާމް ކުރުމަށެވެ. ޖަރުމަނުވިލާތުގެ ލީޑަރުން ފަދަ ބޭފުޅުން ވިދާޅުވަމުން ގެންދެވީ، އިރާނުގެ ލީޑަޝިޕުން އެ ގައުމުގެ ރައްޔިތުންނަށް ބިރުދެއްކުމުގެ ބަދަލުގައި އެމީހުން ރައްކާތެރިކުރަން ޖެހޭނެ ކަމަށެވެ. އަދި އަމިއްލަ ރައްޔިތުންނާ ދެކޮޅަށް ބޭނުންކުރާ ހަރުކަށި ބާރަކީ އެއީ ގައުމުގެ ވަރުގަދަކަން ދައްކުވައިދޭ ކަމެއް ނޫން ކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ. ނަމަވެސް، މި މަންޒަރު މުޅިން ބަދަލުވެގެން ދިޔައީ ފަލަސްތީނުގެ މައުސޫމް ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުގެ ދަރިވަރުންނާއި އާންމުން މަގުތަކަށް ނުކުތުމުންނެވެ. ޣައްޒާގައި ހިންގާ ގަތުލުއާންމު ހުއްޓާލުމަށާއި، ފަލަސްތީނުގެ ހައްގުގައި އަޑުއުފުލި ކިޔަވާ ކުދިންނާއި ޒުވާނުންނަށް ހުޅަނގުގެ "ޑިމޮކްރެޓިކް" ސަރުކާރުތަކުން ދިނީ ވަރަށް ހަރުކަށި ޖަވާބެކެވެ. މުޒާހަރާގެ ބައިވެރިންނަށް ފުލުހުން މެދުވެރިކޮށް އަނިޔާކޮށް، އެތައް ބަޔަކު ހައްޔަރުކުރިއެވެ. މީގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ޖަރުމަނުވިލާތުގެ ފުލުހުން، ސުލްހަވެރިކަމާއެކު މުޒާހަރާކުރި މީހުންނަށް ދިން އަނިޔާތަކެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި، ޖަރުމަނުގެ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ކޮއްޕައި، ތަޅައި އަދި އަނިޔާވެރިކަމާއެކު ހައްޔަރުކޮށްފައެވެ. ވަކިން ހާއްސަކޮށް، ޒުވާން އެކްޓިވިސްޓެއްގެ މޫނުމަތީގައި ބާރަށް ޖެހުމުގެ ސަބަބުން އެ ކުއްޖާގެ ނޭފަތުން ލޭ އޮހޮރިގެންދިޔަ މަންޒަރަކީ އިންސާނީ ކަރާމާތަށް އިހުތިރާމްކުރާ ކަމަށް ދައުވާކުރާ ގައުމަކުން ފެނިގެންވާނެ މަންޒަރެއް ނޫނެވެ. އިރާނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރި ލީޑަރުން، އަމިއްލަ ގައުމުގެ ދަރިވަރުންނާއި ޒުވާނުން ފަލަސްތީނުގެ ހައްގުގައި ނުކުތުމުން އެމީހުންގެ އަޑު ކަނޑުވާލުމަށް ބާރުގެ ބޭނުންކުރުމަކީ އިންތިހާ ދަރަޖައިގެ މުނާފިގުކަމެކެވެ. ހުޅަނގުގެ ގައުމުތަކުން މި އަނިޔާވެރި އަމަލުތައް ދިފާއުކުރުމަށްޓަކައި ދައްކާ ބަހަނާއަކީ، ޔަހޫދީންނާ ދެކޮޅުވެރިކަން ފެތުރިދާނެ ކަމުގެ ބިރެވެ. ނަމަވެސް، ހަގީގަތަކީ އިސްރާއީލުން ހިންގާ ޖަރީމާތަކާ ދެކޮޅަށް ވާހަކަދެއްކުމަކީ ވަކި ނަސްލަކާ ނުވަތަ ދީނަކާ ދެކޮޅުވުން ނޫން ކަމެވެ. އެއީ އިންސާނިއްޔަތުގެ ހައްގުގައި ކުރެވޭ މަސައްކަތެކެވެ. ހުޅަނގުގެ ލީޑަރުން ދުނިޔެއަށް ދޭ މެސެޖުތަކުގެ އިހުލާސްތެރިކަމެއް މިއަދު ނެތެވެ. އެއް ގައުމެއްގައި ހިނގާ މުޒާހަރާތަކަކީ "މިނިވަންކަމުގެ ޖިހާދެއް" ކަމަށް ސިފަކުރާއިރު، ފަލަސްތީނުގެ ހައްގުގައި ކުރެވޭ މުޒާހަރާތަކަކީ "ނުރައްކަލެއް" ކަމަށް ބަލައި ބާރުގެ ބޭނުންކުރުމަކީ ދުނިޔޭގެ ކުރިމަތީގައި އެ ބޭފުޅުންގެ އަގު ވެއްޓިގެންދާ ކަމެކެވެ. އިންސާނީ ހައްގުތަކަކީ ހަމައެކަނި ވަކި ބަޔަކަށް ނުވަތަ ވަކި މަގްސަދެއް ހާސިލުކުރުމަށް ބޭނުންކުރާ ހަތިޔާރަކަށް ވެގެން ނުވާނެއެވެ.  

ގުޅުންހުރި ޚަބަރު