ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އިންތިޚާބާ ގުޅިގެން އަދިވެސް ކޯޅުންތައް އިތުރު ވަނީ
ދުނިޔެ

އިންތިޚާބާ ގުޅިގެން އަދިވެސް ކޯޅުންތައް އިތުރު ވަނީ

އއިބްރާހީމްް ސަމީރު23 ޖެނުއަރީ 2026
ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ދަރިވަރުންގެ ގޮފި ކަމަށްވާ ޖާތިޔަތަބާދީ ޗާޓްރާ ދަލް (ޖޭސީޑީ) ގެ އެކްޓިވިސްޓުން ވަނީ ބަންގްލަދޭޝް އިލެކްޝަން ކޮމިޝަން (ބީއީސީ) ގެ މައި މަރުކަޒު ކުރިމަތީގައި މުޒާހަރާކޮށްފައެވެ. އެ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އިލެކްޝަން ކޮމިޝަނުން އަމަލުކުރަނީ ވަކި ފަރާތަކަށް ޖެހިގެންނެވެ. ބަންގްލަދޭޝްގައި ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގައި، ދެ ގައުމެއްގެ ރައްޔިތުކަން ނުވަތަ ޑުއަލް ސިޓީޒަންޝިޕް އޮންނަ ފަރާތްތަކަށް ވާދަކުރެވޭނެތޯ އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ އެކު އެ ގައުމުގެ ސިޔާސީ މަސްރަހު ހޫނުވެއްޖެއެވެ. މި މައްސަލައިގައި ކުރިއަށްދާ މުޒާހަރާތަކުގެ ސަބަބުން އިންތިޚާބަށް ބުރޫއަރާފާނެ ކަމުގެ ބިރު މިހާރު ވަނީ އުފެދިފައެވެ. އެ ދަރިވަރުން ޑިމާންޑް ކުރަމުން ދަނީ ދެ ގައުމެއްގެ ސިޓީޒަންޝިޕް އޮންނަ ކެންޑިޑޭޓުންނަށް ވެސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށެވެ.
އަނެއްކޮޅުން، 2024 ވަނަ އަހަރުގެ އޮގަސްޓް މަހު އޭރުގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަގާމުން ދުރުކުރުމަށް ކުރި މުޒާހަރާތަކުން އުފެދުނު ނޭޝަނަލް ސިޓިޒަން ޕާޓީ (އެންސީޕީ) އިން ވެސް ވަނީ އިލެކްޝަން ކޮމިޝަނަށް ފާޑުކިޔާފައެވެ.
އެންސީޕީގެ ލީޑަރުން ތުހުމަތުކުރާ ގޮތުގައި ކޮމިޝަނުން އަމަލުކުރަމުން ދަނީ ބީއެންޕީއަށް ފައިދާވާ ގޮތަށެވެ. އެންސީޕީގެ ތަރުޖަމާނު އާސިފް މަހްމޫދު ސަޖީބް ބުއިޔާން ވިދާޅުވީ، މި މައްސަލައިގައި އެ ޕާޓީން އިންތިޚާބުގައި ބައިވެރިވުމާ މެދު އަލުން ވިސްނަން ޖެހިދާނެ ކަމަށެވެ.
ބަންގްލަދޭޝްގެ ގާނޫނު ބުނާގޮތުން ބޭރު ގައުމެއްގެ ރައްޔިތަކަށް ވެފައިވާ މީހަކަށް ޕާލަމެންޓް އިންތިޚާބުގައި ވާދައެއް ނުކުރެވޭނެއެވެ.
ނޮމިނޭޝަން ކަރުދާސްތައް ދިރާސާކުރުމުގެ މަރުހަލާގައި، 25 ކެންޑިޑޭޓެއްގެ ޑުއަލް ސިޓީޒަންޝިޕް މައްސަލަ ކޮމިޝަނުން ބަލާފައިވެއެވެ. އޭގެ ތެރެއިން 23 ކެންޑިޑޭޓެއްގެ ކެންޑިޑެސީ ކޮމިޝަނުން ވަނީ ސައްހަ ކަމަށް ކަނޑައަޅާފައެވެ. ކޮމިޝަނުން މިގޮތަށް ނިންމީ ބައެއް ކެންޑިޑޭޓުން ބޭރު ގައުމުގެ ސިޓީޒަންޝިޕް ދޫކޮށްލާފައިވާ ކަމުގެ ނުވަތަ ދޫކޮށްލުމަށް އެދިފައިވާ ކަމުގެ ލިޔެކިޔުންތައް ހުށަހެޅުމުންނެވެ. އިލެކްޝަން ކޮމިޝަނުގެ މި ނިންމުމުގެ ސަބަބުން ހުރިހާ ސިޔާސީ ޕާޓީތަކަކަށް ވެސް ފައިދާ ވެފައިވެއެވެ. ކެންޑިޑެސީ ކަށަވަރުވި 23 މީހުންގެ ތެރޭގައި ބީއެންޕީގެ 10 ކެންޑިޑޭޓުންނާއި، ޖަމާއަތު އިސްލާމީގެ 4 ކެންޑިޑޭޓުން ހިމެނެއެވެ. ނަމަވެސް، މި މައްސަލައިގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން އިންތިޚާބުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެދި، ގައުމުގެ ހަމަޖެހުމަށް ވަނީ ނުރައްކާވެފައެވެ.

ގުޅުންހުރި ޚަބަރު