އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ މިނިއާޕޮލިސްގައި ފެޑެރަލް އިމިގްރޭޝަން އޭޖެންޓުން ހިންގި ދެ އޮޕަރޭޝަނެއްގައި ދެ މީހަކު މަރުވުމާ ގުޅިގެން، އެ ސިޓީގައި 10 ހާސްމީހުން ބައިވެރިވާ ބޮޑެތި އިހުތިޖާޖުތަކެއް ފެށި، ފެޑެރަލް އިދާރާތަކާއި ލޯކަލް ސަރުކާރާ ދެމެދު އޮތް އިތުބާރު ވަނީ ގެއްލިފައެވެ. މި ހަމަނުޖެހުންތައް ބޮޑުވީ މި މަހުގެ ތެރޭގައި ހިނގި ދެ ހާދިސާއެއްގައި އާންމުންގެ ދެ މީހަކު ގަޔަށް ޓްރަމްޕްގެ ފުލުހުން ބަޑިޖަހައި މަރާލުމާ ގުޅިގެންނެވެ.
އެންމެ ފަހުން ހިނގި ހާދިސާގައި މަރުވީ އައިސީޔޫ ގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 37 އަހަރުގެ އެލެކްސް ޕްރެޓީއެވެ. އައިސް އޭޖެންޓުން ބުނާ ގޮތުގައި ޕްރެޓީ ވަނީ ހަތިޔާރާއެކު އޮފިސަރުންނަށް ހަމަލާދީ، ހައްޔަރުކުރުމަށް ހުރަސް އަޅާފައެވެ. ނަމަވެސް، ވީޑިއޯ ހެކިތަކާއި މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އޭޖެންޓުން ވަނީ ޕްރެޓީގެ ގަޔަށް ޕެޕަރ ސްޕްރޭ ޖަހައި، ބިމަށް ވައްޓާލައި ފިއްތާލުމަށްފަހު އޭނާގެ ގަޔަށް ބަޑިޖަހާފައެވެ. މީގެ އިތުރުން، އުމުރުން 37 އަހަރުގެ ރެނޭ ގުޑް ނަމަކަށް ކިޔާ މައެއްގެ ގަޔަށް ބަޑިޖަހައި މަރާލި ހާދިސާގައި ވެސް އައިސް އޭޖެންޓުން ބުނެފައިވަނީ އެއީ އަމިއްލަ ދިފާއުގައި ކުރި ކަމެއް ކަމަށެވެ. އެހެންނަމަވެސް، މި މައްސަލައިގެ އިންސާނީ ހައްގުތަކުގެ ތަހުގީގެއް ފެށުމަށް މަސައްކަތް ކުރި އެފްބީއައި އޭޖެންޓަކަށް، އެ މައްސަލަ އަލުން ކްލެސިފައި ކުރުމަށް އެންގުމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.





