ދިވެހި|English 10 ޖުލައި 2026 · 00:41
Top banner
Advertisement
ދެކުނު އެފްރިކާގައި ހުންނަ އިޒްރޭލުގެ ސަފީރު ގައުމުން ބޭރުކޮށްލައިފި
ދުނިޔެ

ދެކުނު އެފްރިކާގައި ހުންނަ އިޒްރޭލުގެ ސަފީރު ގައުމުން ބޭރުކޮށްލައިފި

އއިބްރާހީމްް ސަމީރު1 ފެބްރުއަރީ 2026
ދެކުނު އެފްރިކާގެ ސިޔާދަތަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އަމަލުކުރަމުންދާ ކަމަށް ބުނެ، އެ ގައުމުގައި ހުންނަ އިޒްރޭލުގެ ސަފީރު ގައުމުން ބޭރުކޮށްލަން ނިންމާފައިވާ ކަމަށް ދެކުނު އެފްރިކާގެ ފޮރިން މިނިސްޓްރީން އިއުލާންކޮށްފިއެވެ. ދެކުނު އެފްރިކާގެ ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަނުން ހުކުރު ދުވަހު ބުނީ، އިޒްރޭލު އެމްބަސީގެ މަސްއޫލުވެރިޔާގެ މަގާމުގައި ހުރި އެރިއަލް ސައިޑްމަން އަކީ އެ ގައުމަށް ބޭނުންނުވާ މީހެއް ކަމަށް ކަނޑައަޅައި، 72 ގަޑިއިރުގެ ތެރޭގައި ގައުމުން ބޭރުވުމަށް އަންގާފައިވާނެ ކަމަށެވެ. ސައިޑްމަންއާ ދެކޮޅަށް ދެކުނު އެފްރިކާއިން ކުރާ ތުހުމަތުތަކުގެ ތެރޭގައި، ސޯޝަލް މީޑިއާގައި އެ ގައުމުގެ ރައީސް ސިރިލް ރާމަފޯސާއަށް އަމާޒުކޮށް އިހާނެތި ބަސްތައް ބޭނުންކުރުމާއި، އިޒްރޭލުގެ އިސް އޮފިޝަލުން އެ ގައުމަށް ކުރި ދަތުރުތަކުގެ މައުލޫމާތު ގަސްދުގައި މިނިސްޓްރީއާ ހިއްސާނުކުރުން ހިމެނެއެވެ. "މިފަދަ އަމަލުތަކަކީ ޑިޕްލޮމެޓިކް އިމްތިޔާޒުތަކުގެ ނާޖާއިޒު ފައިދާ ނެގުމާއި، ވިއެންނާ ކޮންވެންޝަނާ ޚލާފު އަމަލުތަކެއް. މީގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރާއި އުސޫލުތަކަށް ވަނީ ބުރޫއަރާފައި،" ދެކުނު އެފްރިކާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ. މި ނިންމުމާ ގުޅިގެން އިޒްރޭލުން ވަނީ ވަގުތުން ރައްދު ދީފައެވެ. އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނީ ދެކުނު އެފްރިކާގެ އިސް ޑިޕްލޮމެޓެއް ކަމަށްވާ ޝޯން އެޑްވާޑް ބައިނެވެލްޑް އަކީ ވެސް އެ ގައުމަށް ބޭނުންނުވާ މީހެއް ކަމަށް ކަނޑައަޅައި، 72 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން ފޭބުމަށް އަންގާފައިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ފިޔަވަޅުތައް އެޅުމާ މެދު ވިސްނާނެ ކަމަށް ވެސް އިޒްރޭލުން ބުނެފައިވެއެވެ. ބައިނެވެލްޑް އަކީ ފަލަސްތީނަށް ދެކުނު އެފްރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރެވެ. އޭނާ މަސައްކަތް ކުރައްވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲ ގައި ހުންނަ އޮފީހުގައެވެ.  

ގުޅުންހުރި ޚަބަރު