ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
އެމެރިކާގެ އަނިޔާވެރިކަމާ ހުރި ގުޅުންތައް
ދުނިޔެ

އެމެރިކާގެ އަނިޔާވެރިކަމާ ހުރި ގުޅުންތައް

އއިބްރާހީމްް ސަމީރު3 ފެބްރުއަރީ 2026
ދުނިޔޭގެ ހަމަޖެހުން ބަލަހައްޓާ ފަރާތެއްގެ ގޮތުގައި އެމެރިކާއިން އަމިއްލައަށް ދައްކަމުންދާ ސޫރައާއި، އެ ގައުމުގެ އެތެރޭގެ ސިޔާސަތުތަކާއި ބޭރުގެ އަމަލުތަކާ ދެމެދު ބޮޑެތި ފުށުއެރުންތަކެއް ހުރިކަން މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރަން ފަށައިފިއެވެ. އެނަލިސްޓުން ބުނާ ގޮތުގައި، އެމެރިކާއިން ބޭރު ގައުމުތަކަށް ނުފޫޒު ފޯރުވުމަށް ބޭނުންކުރާ އަސްކަރީ ބާރާއި، މަޖުބޫރުކުރުވުމުގެ ޑިޕްލޮމަސީ އަދި އިގްތިސާދީ ޕްރެޝަރުގެ ސިޔާސަތުތައް، އެ ގައުމުގެ އެތެރޭގެ ފުލުހުންގެ ނިޒާމާއި، ޖަލަށްލުމުގެ ސިޔާސަތުތަކުން ދަނީ ފެންނަމުންނެވެ. އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ތާރީޚަށް ބަލާއިރު، ގިނަ ގައުމުތަކަކަށް އަސްކަރީ ގޮތުން ވަދެގަނެ ސަރުކާރު ވައްޓާލުމުގެ ސަބަބުން އެ ގައުމުތަކަށް ދާއިމީ ނާމާން ކަމާ ވަނީ ކުރިމަތިވެފައެވެ. މިގޮތުން 2003 ވަނަ އަހަރު އިރާގަށް އެރި އެރުމަކީ މީގެ ބޮޑު މިސާލެކެވެ. ސައްދާމް ހުސައިންގެ ވެރިކަން ވައްޓާލުމަށްފަހު އުފެދުނު ބާރުގެ ހުސްކަމުގެ ތެރެއިން އައިއެސް ފަދަ ޖަމާއަތްތައް އުފެދި، އެތައް ލައްކަ އާންމުންނެއް މަރުވެފައިވާކަން ފާހަގަކުރެވެއެވެ. ހަމައެފަދައިން، އަފްޣާނިސްތާނުގައި ކުރި 20 އަހަރުގެ ހަނގުރާމަ ނިމިގެންދިޔައީ އެތައް ޓްރިލިއަން ޑޮލަރެއްގެ ގެއްލުމާއި، އެތައް ހާސް ބައެއްގެ ފުރާނަ ގެއްލި، އަލުން ތާލިބާނުންގެ އަތްމައްޗަށް ވެރިކަން ދޫކޮށްލުމަށްފަހުގައެވެ. ލެޓިން އެމެރިކާގެ ގައުމުތަކަށް އެމެރިކާއިން ފޯރުވާ ނުފޫޒަށްވެސް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ޚާއްސަކޮށް 2026 ވަނަ އަހަރު ވެނެޒުއޭލާގައި ސަރުކާރު ވައްޓާލުމަށް ހިންގި ޓެރަރިސްޓް އޮޕަރޭޝަނާއި، ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމާ ގުޅިގެން ސަރަހައްދީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މީގެ އިތުރުން ގުއަޓެމާލާ، ނިކަރާގުއާ އަދި ޕެނަމާ ފަދަ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަދެފައިވަނީ އެ ގައުމުތަކުގެ ޑިމޮކްރެސީއަށް ބުރޫއަރާ ފަދަ ގޮތްތަކަށް ކަމަށް މީޑިއާއިން ބުނެއެވެ. އެމެރިކާގެ އެތެރޭގެ ހާލަތަށް ބަލާއިރު، ފުލުހުންގެ ނިޒާމު އަސްކަރީ ސިފައެއްގައި ބައްޓަންވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. 2020 ވަނަ އަހަރު ޖޯޖް ފްލޮއިޑް ގެ ކަރަށް ފައިން އަރައި މަރާލުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުން ހާމަވި ގޮތުގައި، ބޭރުގެ ހަނގުރާމަތަކުގައި ބޭނުންކުރާ އަސްކަރީ އާލާތްތައް މިހާރު ދަނީ އެމެރިކާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ފުލުހުން ލައްވައި ބޭނުންކުރަމުންނެވެ. "މިއީ ބޭރު ގައުމުތަކުގައި ބޭނުންކުރާ އުކުޅުތައް އަމިއްލަ ރައްޔިތުންނާ ދެކޮޅަށް ބޭނުންކުރުން" ކަމަށް ބައެއް މާހިރުން ސިފަކުރެއެވެ. އެމެރިކާއިން ބޭރު ދުނިޔޭގައި ގެންގުޅޭ ހަރުކަށި ސިޔާސަތުތަކާއި، އެ ގައުމުގެ އެތެރޭގައި އާންމުވަމުންދާ އަނިޔާވެރިކަމަކީ އެއް ފަލްސަފާއެއްގެ މައްޗަށް ބިނާވެފައިވާ ކަންކަމެވެ. މީގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި އެމެރިކާއަށް އޮތް އިތުބާރާއި އަޚްލާގީ ބާރު ވަނީ ކުޑަވެފައެވެ.

ގުޅުންހުރި ޚަބަރު