ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
ލީބިޔާގެ ކޮމާންޑަރު ޚަލީފާ ހަފްތަރު ޕާކިސްތާނުގައި
ދުނިޔެ

ލީބިޔާގެ ކޮމާންޑަރު ޚަލީފާ ހަފްތަރު ޕާކިސްތާނުގައި

އއިބްރާހީމްް ސަމީރު3 ފެބްރުއަރީ 2026
ލީބިޔާގެ އިރުމަތީ ސަރަހައްދުތައް ކޮންޓްރޯލްކުރާ ހަތިޔާރު އެޅި ލަޝްކަރުގެ ކޮމާންޑަރު ޚަލީފާ ހަފްތަރު، ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެ ގައުމުގެ އަސްކަރީ ވެރިޔާ ޖެނެރަލް އާސިމް މުނީރާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރާވަލްޕިންޑީގައި ހުންނަ ޕާކިސްތާނު ސިފައިންގެ މައި މަރުކަޒުގައެވެ. ޕާކިސްތާނުގެ އިންޓަރ-ސާވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު) އިން ހާމަކުރި ގޮތުގައި، ނޫރު ޚާން އެއާބޭސްއިން ހަފްތަރަށް ވަނީ ރަސްމީ އިއްޒަތުގައި މަރުހަބާ ދަންނަވާފައެވެ. މި ދަތުރުފުޅުގައި ހަފްތަރުގެ އަރިހުގައި އޭނާގެ ދަރިކަލުން އަދި ޑެޕިއުޓީ ސައްދާމް ހަފްތަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ދެ ބޭފުޅުންގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެ ގައުމުގެ ދެމެދުގައި އޮންނަ "ޕްރޮފެޝަނަލް ކޯޕަރޭޝަން" އާއި ސަރަހައްދީ ސަލާމަތާ ގުޅޭ ގޮތުންނެވެ. ޚަލީފާ ހަފްތަރަކީ ލީބިޔާގެ ސިޔާސީ ހަމަޖެހުމަށް ހުރަސްއަޅާ، އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމުގެ ތުހުމަތު ކުރެވޭ ފަރާތަކަށް ވުމުން، ޕާކިސްތާނުން އޭނާއަށް މިފަދަ މަރުހަބާއެއް ކިޔުމުން ގިނަ އެނަލިސްޓުން ދަނީ ސުވާލު އުފައްދަމުންނެވެ. ހަފްތަރުގެ ލަޝްކަރުން 2019 ވަނަ އަހަރު ލީބިޔާގެ ވެރިރަށް ތަރާބުލުސްއަށް ދިން ހަމަލާތަކުގެ ސަބަބުން އދ. އިން ކުރިއަށްގެންދިޔަ ސުލްހައިގެ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދިޔައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތުކުރާ ގޮތުގައި ހަފްތަރުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި މީހުން ރަހީނުކުރުމާއި، އަނިޔާކުރުމާއި، އަދި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ބޭއިންސާފުން ހަމަލާދިނުން ފަދަ ލާއިންސާނީ އަމަލުތައް ހިންގައެވެ. މިފަދަ ޝަހުސިއްޔަތަކަށް ޕާކިސްތާނުން ދޭ މިފަދަ ދަރަޖައަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފު ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ. މި ބައްދަލުވުމުން ދޭހަވަނީ ޕާކިސްތާނުގެ ޚާރިޖީ ސިޔާސަތު މަދަނީ މުއައްސަސާތަކަށްވުރެ ބޮޑަށް އަސްކަރިއްޔާގެ ބާރުގެ ދަށަށް ގޮސްފައިވާ މިންވަރު ކަމަށް މުހައްލިލުން ބުނެއެވެ. އައިއެސްޕީއާރުގެ ބަޔާނުގައި ލީބިޔާއާއެކު އޮންނަނީ ގާތް ރަހުމަތްތެރި ގުޅުމެއް ކަމަށް ބުނި ނަމަވެސް، ހަފްތަރު ފަދަ ބޭފުޅަކާ ގުޅުން ބޭއްވުމަކީ ލީބިޔާގެ ސުލްހައަށް ޕާކިސްތާނުން ތާއީދުކުރާ ކަމަށް ބުނާ ބުނުމާ ފުށުއަރާ ކަމެކެވެ. މި ދަތުރުފުޅުގެ ސީދާ ބޭނުމެއް ޕާކިސްތާނުން ސާފުކޮށްދީފައި ނުވި ނަމަވެސް، ބެލެވޭ ގޮތުގައި މީގެ ބޭނުމަކީ ލީބިޔާގެ އަސްކަރީ ކޮންޓްރެކްޓްތައް ހޯދުމާއި، ލީބިޔާ އަލުން އާރާދުކުރުމުގެ މަޝްރޫއުތަކުގައި ބައިވެރިވުމެވެ. އަދި ހަފްތަރަށް ތާއީދުކުރާ ގަލްފުގެ ގައުމުތަކާ އޮންނަ ގުޅުން ބަދަހިކުރުމަކީ ވެސް މި ދަތުރުފުޅުގެ ފަހަތުގައިވާ ސަބަބެއް ކަމަށް ބެލެވެއެވެ.

ގުޅުންހުރި ޚަބަރު