ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ގައްޒާފީގެ ދަރިކަލުން އަވަހާރަކޮށްލައިފި
ދުނިޔެ

ގައްޒާފީގެ ދަރިކަލުން އަވަހާރަކޮށްލައިފި

އއިބްރާހީމްް ސަމީރު4 ފެބްރުއަރީ 2026
ލީބިޔާގެ ކުރީގެ ޒައީމް މުޢައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ އަވަހާރަކޮށްލާފައިވާ ކަމަށް ގައްޒާފީގެ އާއިލާއާ ގާތް މަސްދަރުތަކުން ކަށަވަރުކޮށްދީފިއެވެ. މި ހާދިސާއާ ގުޅިގެން ލީބިޔާގެ ސިޔާސީ މަސްރަހަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. ޢަރަބި މީޑިއާން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައިފުލް އިސްލާމް އަވަހާރަކޮށްލާފައިވަނީ ބަގީޗާއެއްގެ ތެރޭގައި ހުންނަވަނިކޮށް ހަތަރު މީހަކު އައިސް ބަޑިން ހަމަލާދީގެންނެވެ. މި ހަމަލާ ދިނުމަށްފަހު ހަމަލާދިން މީހުން ވަނީ އެ ސަރަހައްދުން ފިލާފައެވެ. ލީބިޔާގެ ރަސްމީ ނޫސް އެޖެންސީ "ލާނާ" އިން ވަނީ ސައިފުލް އިސްލާމްގެ މުޝީރު ޢަބްދުﷲ އުޘްމާނާ ހަވާލާދީ އޭނާ އަވަހާރަވިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް މި ހަމަލާގެ ފަހަތުގައިވަނީ ކޮން ބައެއްކަން އަދި ސާފެއް ނުވެއެވެ. ސައިފުލް އިސްލާމް ގައްޒާފީއަކީ އޭނާގެ ބައްޕަ މުޢައްމަރުލް ގައްޒާފީގެ ވެރިކަމަށްފަހު އެ މަގާމަށް އަންނާނެ އެންމެ ގާބިލް ބޭފުޅާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރަމުން އައި ބޭފުޅެކެވެ. އޭނާ ވަނީ 2021 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހުނު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަންވެސް އިއުލާނު ކުރައްވާފައެވެ. ނަމަވެސް ލީބިޔާގެ މަސްރަހު އޮތްގޮތުން އެ އިންތިޚާބު ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. ސައިފުލް އިސްލާމް އަވަހާރަކޮށްލުމަކީ ލީބިޔާގެ ކުރިމަގަށް ލިބުނު ބޮޑު ލޮޅުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ގުޅުންހުރި ޚަބަރު