ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ސައުދީ-ޕާކިސްތާން ބްރިޖް އިނީޝިއޭޓިވް
ދުނިޔެ

ސައުދީ-ޕާކިސްތާން ބްރިޖް އިނީޝިއޭޓިވް

އއިބްރާހީމްް ސަމީރު9 ފެބްރުއަރީ 2026
ޕާކިސްތާނާއި ސައުދީ އަރަބިއްޔާއާ ދެމެދު ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށް، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްޓަކައި "ސައުދީ-ޕާކިސްތާން ބްރިޖް އިނީޝިއޭޓިވް" އިފްތިތާހުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޕާކިސްތާން ރީޖަނަލް އިކޮނޮމިކް ފޯރަމް އަދި ސައުދީ ބްރިޖްގެ ފަރާތުންނެވެ. ސައުދީ އަރަބިއްޔާގެ ރިޔާޒްގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރެވުނު މި އެމްއޯޔޫގެ ދަށުން، ދެ ގައުމުގެ ދެމެދުގައި ވިޔަފާރިން ވިޔަފާރިއަށް (ބީ2ބީ) ގުޅުންތައް ގާއިމުކުރުމަށް ޗައިނާގެ ޓެކްނޮލޮޖީ ބޭނުންކުރުމަށް ވަނީ ނިންމާފައެވެ. މިއީ ސައުދީ އަރަބިއްޔާގެ ވިޜަން 2030 އާ އެއްގޮތްވާ ގޮތުގެ މަތިން، އަމަލީ ގޮތުން ނަތީޖާ ނެރުމަށް އެކުލަވާލެވުނު ދިގު މުއްދަތުގެ އޮނިގަނޑެކެވެ. މި އިނީޝިއޭޓިވްގެ ދަށުން އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ހަކަތަ، މައިނިންގް، ކުޅިވަރު ސާމާނު އުފެއްދުން، ލޮޖިސްޓިކްސް، ދަނޑުވެރިކަން، ސިއްހީ ދާއިރާ، ޓެކްނޮލޮޖީ އަދި އިމާރާތްކުރުމުގެ ދާއިރާ ހިމެނެއެވެ. މި މަޝްރޫއުގެ ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި އިންވެސްޓްމަންޓް ފޯރަމްތަކާއި، ރެގިއުލޭޓަރީ ވޯކްޝޮޕްތަކުގެ އިތުރުން ދެ ގައުމުގެ ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ "ވަން-ސްޓޮޕް ބްރިޖް ޑެސްކް" އެއް ގާއިމުކުރެވޭނެއެވެ. އިގްތިސާދީ މާހިރު ހާރޫން ޝަރީފް ވިދާޅުވި ގޮތުގައި، މި ފޯރަމް މެދުވެރިކޮށް މިހާތަނަށް ދެ ގައުމުގެ ދެމެދުގައި ބައި ބިލިއަން ޑޮލަރުގެ ޖޮއިންޓް ވެންޗާތައް ވަނީ ދެނެގަނެވިފައެވެ. މި މަސައްކަތް ކުރިއަށްދަނީ ސައުދީ ސަރުކާރާއި ޕާކިސްތާނުގެ ސްޕެޝަލް އިންވެސްޓްމަންޓް ފެސިލިޓޭޝަން ކައުންސިލް (އެސްއައިއެފްސީ) އާ ގުޅިގެންނެވެ. މި ޕްލެޓްފޯމަކީ ސައުދީ އަރަބިއްޔާ އާއި ޕާކިސްތާނުގެ އިތުރުން ސަރަހައްދީ އެހެން ގައުމުތަކުގެ މެދުގައިވެސް އިގްތިސާދީ ބައިވެރިވުންތައް އިތުރުކޮށް، އިންވެސްޓަރުންނާއި ފަންޑުތަކުގެ މެދުގައި މުއާމަލާތްތައް ފަސޭހަކޮށްދޭނެ ނިޒާމެކެވެ.

ގުޅުންހުރި ޚަބަރު