ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ޖަޔާ ބައްޗަން އަށް ރީއްޗަށް ހެދުން އަޅާކަށް ނޭނގޭ
ދުނިޔެ

ޖަޔާ ބައްޗަން އަށް ރީއްޗަށް ހެދުން އަޅާކަށް ނޭނގޭ

އއިބްރާހީމްް ސަމީރު10 ފެބްރުއަރީ 2026
ބޮލީވުޑްގެ މަޝްހޫރު ޑްރާމާ ކުއީން ރާކީ ސާވަންތު، ލެޖެންޑަރީ އެކްޓަރު އަމީތާބު ބައްޗަން އަށް އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި މަޝްހޫރު ބަތަލާ ރޭކާއާ ދެވަނަ ކައިވެންޏެއް ކުރުމަށް ލަފާދީފިއެވެ. ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯ ކްލިޕެއްގައި ރާކީ ވަނީ އަމީތާބާއި ޖަޔާ ބައްޗަންގެ ކައިވެނި އަދ ދިރިއުޅުމާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. ރާކީ ބުނި ގޮތުގައި މިހާރު ދެ ކައިވެނި ކުރުމުގެ ޓްރެންޑެއް ހިނގަމުންދާތީ، އަމީތާބު ވެސް ރޭކާއާ ކައިވެނި ކުރަންވީއެވެ. އަމީތާބު އޭނާގެ އަނބިމީހާ ޖަޔާ ބައްޗަން އިޚްތިޔާރު ކުރި ސަބަބާ މެދު ސުވާލު އުފައްދަމުން ރާކީ ބުނީ، ޖަޔާ އަކީ ބިލިއަނަރަކަށް ވީ ނަމަވެސް އޭނާއަށް ރީއްޗަށް ހެދުމެއް އަޅަން ނޭނގޭ ކަމަށެވެ.
"ޖަޔާ ބައްޗަން އެހާ މުއްސަނދި އިރުވެސް، ރީތި ޝަލްވާރު ކަމީޒެއް ވެސް ލާކަށް ނޭނގޭ،" ރާކީ ބުންޏެވެ.
ޖަޔާ ބައްޗަން އަށް މުޚާތަބުކޮށް ރާކީ އިތުރަށް ބުނީ، އޭނާގެ އުފަންދުވަހަށް ދައުވަތު ދީފިނަމަ ރީތި ހެދުމެއް ހަދިޔާ ކުރާނެ ކަމަށެވެ. އަދި ޖަޔާގެ އިސްތަށިގަނޑު ޑައިކޮށް، މޫނަށް ބޮޓޮކްސް ޖެހުމަށް ވެސް ރާކީ ވަނީ ލަފާދީފައެވެ. އޭނާ ބުނި ގޮތުގައި އަމީތާބުގެ އަނބިމީހާގެ ގޮތުގައި ހުންނައިރު މިއަށްވުރެ ބޮޑަށް ރީތިވާން ޖެހެއެވެ. ރާކީ ބުނީ، އަމީތާބު ބައްޗަން އަށްޓަކައި ޖަޔާ އާއި ރޭކާގެ ތެރެއިން މީހަކު އިޚްތިޔާރު ކުރަން ޖެހިއްޖެ ނަމަ، އޭނާ އަބަދުވެސް އިޚްތިޔާރު ކުރާނީ ރޭކާ ކަމަށެވެ. މި ވީޑިއޯއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

ގުޅުންހުރި ޚަބަރު