ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
އިނގިރޭސިވިލާތުގެ ވަލީއަހުދު ސައޫދީގައި
ދުނިޔެ

އިނގިރޭސިވިލާތުގެ ވަލީއަހުދު ސައޫދީގައި

އއިބްރާހީމްް ސަމީރު10 ފެބްރުއަރީ 2026
އިނގިރޭސިވިލާތުގެ ވަލީއަހުދު ޕްރިންސް ވިލިއަމް ސައުދީ އަރަބިއްޔާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ހޯމަ ދުވަހު ފައްޓަވައިފިއެވެ. މި ދަތުރުފުޅުގެ ފެށުމެއްގެ ގޮތުން، ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ޕްރިންސް ވިލިއަމްއާއެކު ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ސައިޓެއް ކަމަށްވާ ދިރްޢިއްޔާ ބައްލަވާލެއްވުމަށް ޚާއްސަ ދަތުރުފުޅެއް ކުރައްވާފައެވެ. ޕްރިންސްވިލިއަމްއަކީ ޤުރައިޝްވަންހައަށް ނިސްބަތްވެ ވަޑައިގަންނަވާ އަމީރެކެވެ. ޕްރިންސް ވިލިއަމްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ވަނީ މި ތާރީޚީ ސައިޓަށް ކުރެއްވި ޒިޔާރަތުގެ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރައްވާފައެވެ. އޭގެ ތެރެއިން އެއް ވީޑިއޯއިން ފެންނަނީ ދެ ބޭފުޅުން އެކުގައި ހިންގަވާފައި ވަޑައިގަންނަވާ އިރު،  ފުން މަޝްވަރާތަކެއްގައި ތިއްބަވާ މަންޒަރެވެ. މި ޕޯސްޓުގައި ޕްރިންސް ވިލިއަމް ވަނީ "ދިރްޢިއްޔާއަކީ 18 ވަނަ ގަރުނުގައި ކުރިއަރާފައިވާ ނަޖްދީ އާކިޓެކްޗާގެ ފުރިހަމަ މިސާލެއް" ކަމަށާއި، އެތަނުގެ ފަރުމާގެ ރީތިކަމާއި ވަރުގަދަކަމަށް ތައުރީފު ކުރައްވާފައެވެ. މި ދެ ބޭފުޅުން އެންމެ ފަހުން ބައްދަލުވެވަޑައިގަތީ 2018 ވަނަ އަހަރުގެ މާޗް މަހު ލަންޑަނުގައެވެ. އެފަހަރު ޕްރިންސް ވިލިއަމް އާއި އޭނާގެ ބައްޕާފުޅު (އޭރުގެ ޕްރިންސް ޗާލްސް) ވަނީ ކްލެރެންސް ހައުސްގައި ސައުދީ ވަލީއަހުދަށް ރޭގަނޑުގެ ފަރިއްކޮޅެއް އަރުވާފައެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ އިނގިރޭސިވިލާތާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމެވެ. އަދި ސައުދީ އަރަބިއްޔާއަކީ ބައިނަލްއަގުވާމީ މައިދާނުގައި މުހިންމު ބައިވެރިއެއްކަން ދުނިޔެއަށް ހާމަކޮށްދިނުމެވެ. ކެންސިންގްޓަން ޕެލަސްއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅަކީ އިނގިރޭސި ސަރުކާރުގެ އެދުމުގެ މަތިން ކުރައްވާ ދަތުރުފުޅެކެވެ. ކެންސިންގްޓަން ޕެލަސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ދަތުރުފުޅުގައި ޕްރިންސް ވިލިއަމް ސައުދީ އަރަބިއްޔާގެ އިގްތިސާދީ އިސްލާހީ މަސައްކަތްތަކާއި، ސަގާފީ ހަރަކާތްތަކުގެ އިތުރުން ތިމާވެށީގެ އެކި ޕްރޮގްރާމްތަކާ ގުޅޭ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ގުޅުންހުރި ޚަބަރު