ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ފިރިހެން ހެދުމުގައި މަސައްކަތް ކުރި އަފްޣާން އަންހެނަކު ހައްޔަރުކޮށްފި
ދުނިޔެ

ފިރިހެން ހެދުމުގައި މަސައްކަތް ކުރި އަފްޣާން އަންހެނަކު ހައްޔަރުކޮށްފި

އއިބްރާހީމްް ސަމީރު11 ފެބްރުއަރީ 2026
އަފްޣާނިސްތާނުގެ ހެލްމަންދް ޕްރޮވިންސްގައި ފިރިހެން ހެދުމުގައި ސިއްރުން މަސައްކަތް ކުރަމުންދިޔަ ނޫރިއާ ނަމަކަށް ކިޔާ ޒުވާން އަންހެނަކު ތާލިބާން ސިފައިން ހައްޔަރުކޮށްފިއެވެ. ނޫރިއާ ހައްޔަރުކޮށްފައިވަނީ އޭނާގެ އާއިލާ ބެލެހެއްޓުމަށްޓަކައި ފިރިހެނެއްގެ ސިފަ ޖެހިގެން ކެފޭއެއްގައި މަސައްކަތް ކުރަމުން ދަނިކޮށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ނޫރިއާ ކިޔައިދީފައިވާ ގޮތުގައި، އޭނާގެ ބައްޕަ ނިޔާވުމާ ގުޅިގެން އާއިލާގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހުނީ އޭނާއަށެވެ. އާއިލާގެ ފަގީރުކަމާއި އާމްދަނީ ހޯދާނެ އެހެން މަގެއް ނެތުމުގެ ސަބަބުން، "ނޫރު އަހުމަދު" ގެ ނަމުގައި ފިރިހެން ހެދުން އަޅައިގެން އޭނާ ވަނީ ތިން އަހަރު ދުވަހު ކެފޭއެއްގައި މަސައްކަތް ކޮށްފައެވެ.
"މިއީ އަހަރެންގެ އާއިލާއަށް ބޭނުންވާ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް އޮތް ހަމައެކަނި މަގު،" ނޫރިއާ ބުނެފައިވެއެވެ. އޭނާގެ އަސްލު ނޭނގޭނެހެން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް، އެންމެ ފަހުން އޭނާގެ ހަގީގަތް ބޭޒާރުވެ ތާލިބާނުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.
ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވި ފަހުން އަންހެނުންނަށް ވަނީ މަސައްކަތް ކުރުމާއި ތައުލީމު އުނގެނުމުގައި ހުރަސްތަކެއް ކުރިމަތިވެފައެވެ. ސަރުކާރުގެ ގިނަ މުއައްސަސާތަކާއި އަމިއްލަ ދާއިރާތަކުން އަންހެނުން މަސައްކަތް ކުރުން މަނާކޮށްފައިވާއިރު، މީގެ ސަބަބުން އެތައް ހާސް އަންހެނުންނެއްގެ ވަޒީފާ ގެއްލި، އާއިލާތައް ވަނީ ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. މީގެ އިތުރުން، އަންހެން ކުދިން ސާނަވީ އަދި މަތީ ތައުލީމު އުނގެނުމާއި، މަގުމައްޗަށް ނުކުމެ އުޅުމުގައިވެސް ވަނީ ހަރުކަށި ގަވާއިދުތަކެއް ކުރިމަތިކުރުވާފައެވެ. ނޫރިއާގެ މައްސަލައަކީ މިފަދަ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން އަންހެނުންނަށް ކުރިމަތިވަމުންދާ އިންސާނީ އަދި އިޖުތިމާއީ ހިތްދަތިކަމުގެ ސާފު ހެއްކެކެވެ. މިފަދަ ސިޔާސަތުތަކުގެ ސަބަބުން އަންހެނުންގެ އަސާސީ ހައްގުތައް ގެއްލުމުގެ އިތުރުން، އާއިލާ ބަލަހައްޓާ އަންހެނުން ވަނީ ފަގީރުކަމުގެ ސަބަބުން ނުރައްކާތެރި ހާލަތްތަކަށް ހުށަހެޅިފައެވެ. ނޫރިއާ ފަދަ އަންހެނުންނަށް މަޖުބޫރުވަނީ ސިއްރުން މަސައްކަތް ކުރުމަށާއި، އޭގެ ސަބަބުން ކުރިމަތިވެދާނެ އަދަބުތަކާއި ހައްޔަރުކުރުމުގެ ބިރުވެރިކަމާ ކުރިމަތިލާންޖެހިފައެވެ.

ގުޅުންހުރި ޚަބަރު