ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
އައްޝަރައު އަވަހާރަކޮށްލަން ފަސް ފަހަރަކު މަސައްކަތްކޮށްފި: އދ
ދުނިޔެ

އައްޝަރައު އަވަހާރަކޮށްލަން ފަސް ފަހަރަކު މަސައްކަތްކޮށްފި: އދ

އއިބްރާހީމްް ސަމީރު12 ފެބްރުއަރީ 2026
ސޫރިޔާގެ ރައީސް އަހުމަދު އައްޝަރައު އާއި އެ ގައުމުގެ ކެބިނެޓުގެ ދެ ވަޒީރަކު އަވަހާރަކޮށްލުމަށް ވޭތުވެދިޔަ އަހަރުގެ ތެރޭގައި ފަސް ފަހަރަކު މަސައްކަތް ކޮށްފައިވާ ކަމަށް އދ. އިން ހާމަކޮށްފިއެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ނެރުއްވި ރިޕޯޓެއްގައިވާ ގޮތުން، މި ހަމަލާތަކުގެ އަމާޒަކަށްވީ ރައީސް އައްޝަރައުގެ އިތުރުން އެ ގައުމުގެ ދާޚިލީ ވަޒީރާއި ޚާރިޖީ ވަޒީރެވެ. އދ. ގެ އެންޓި-ޓެރަރިޒަމް އޮފީހުން ތައްޔާރުކުރި މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރައީސް އައްޝަރައުއަށް އަމާޒުކޮށް ހަމަލާތައް ދޭން މަސައްކަތްކޮށްފައިވަނީ ސޫރިޔާގެ އުތުރުގެ ހަލަބްގައާއި ދެކުނުގެ ދަރުޢާގައެވެ. މި ހަމަލާތަކުގެ ފަހަތުގައިވަނީ "ސަރާޔާ އަންސާރުއް ސުންނާ" ކިޔާ ޖަމާއަތެކެވެ. މިއީ ދާޢިޝް ޓެރަރިސްޓް ޖަމާއަތުގެ ގޮފިތަކެއް ކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ހަމަލާތަކަކީ ސޫރިޔާގެ އާ ސަރުކާރު ބަލިކަށިކޮށް، އެ ގައުމުގައި އުފެދިފައިވާ ސަލާމަތީ ހުސްކަމުގެ ބޭނުން ހިފުމަށް ދާޢިޝް އިން ކުރަމުންދާ މަސައްކަތެއް ކަމަށް އދ. އިން ބުނެއެވެ. ނަމަވެސް، މި ހަމަލާތައް ދިން ވަކި ތާރީޚުތަކެއް ނުވަތަ އެކަމުގެ އިތުރު ތަފްސީލެއް ރިޕޯޓުގައި ހާމަކޮށްފައެއް ނުވެއެވެ. ބައްޝާރުލް އަސަދުގެ ވެރިކަން ޑިސެމްބަރު 2024 ގައި ވައްޓާލުމަށްފަހު، ސޫރިޔާގެ ވެރިކަމާ ހަވާލުވެވަޑައިގަތީ އަހުމަދު އައްޝަރައުއެވެ. އޭގެ ފަހުން، މިދިޔަ ނޮވެމްބަރު މަހު ސޫރިޔާ ވަނީ ދާޢިޝް އާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ އިއްތިހާދާ ގުޅިފައެވެ. އދ. ގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، ސޫރިޔާ އާއި އިރާގުގައި އަދިވެސް ދާއިޝް ގެ 3،000 އެއްހާ ހަނގުރާމަވެރިން އެބަތިއްބެވެ. މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ތަދުުމުރު ކައިރީގައި ދިން ހަމަލާއެއްގައި އެމެރިކާގެ ތިން މީހަކު މަރުވެފައިވާއިރު، މީގެ ރައްދުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދާއިޝް ނައްތާލުމަށް އަސްކަރީ އޮޕަރޭޝަންތަކެއް ފަށްޓަވާފައެވެ. މީގެ އިތުރުން، ސޫރިޔާގެ އުތުރުގައި ހުރި ޖަލުތަކުގައި ތިބި ދާއިޝް ގެ ހަނގުރާމަވެރިން މިހާރު ދަނީ ރައްކާތެރިކަމާއެކު އިރާގަށް ބަދަލުކުރަމުންނެވެ. ދާއިޝްއަކީ އެމެރިކާއާއި އިޒްރޭލުން އުފެއްދި ޖަމާއަތެކެވެ. އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ރިޕޯޓުގައިވާ ގޮތުން، ސޫރިޔާގެ އުތުރުގައިވާ ކޭމްޕްތަކުގައި އަދިވެސް 25،740 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. މީގެ ތެރެއިން 60 އިންސައްތައަށްވުރެ ގިނައީ ކުޑަކުދިންނެވެ. މި މީހުންނަކީ ދާއިޝް ގެ އާއިލާތަކަށް ނިސްބަތްވާ މީހުން ކަމަށް ބެލެވެއެވެ. އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު އދ. އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގުޅުންހުރި ޚަބަރު