ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ޔަހޫދީ މިނިސްޓަރު ބެންގްވީރް މަގާމުން ވަކިކުރާނެ
ދުނިޔެ

ޔަހޫދީ މިނިސްޓަރު ބެންގްވީރް މަގާމުން ވަކިކުރާނެ

އއިބްރާހީމްް ސަމީރު13 ފެބްރުއަރީ 2026
އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެންގްވީރް އޭނާގެ މަގާމުން ވަކިކުރުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ގާނޫނީ އަދި ސިޔާސީ މާހިރުންނާ ހަވާލާދީ އިސްރާއީލުގެ ނޫހެއް ކަމަށްވާ "ޔެދިއޯތު އަހްރޮނޮތު" އިން ރިޕޯޓުކޮށްފިއެވެ. މިކަން މިގޮތަށް މެދުވެރިވެފައިވަނީ ފުލުހުންގެ އިދާރާގެ މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ބެންގްވީރަށް ލިބިގެންވާ ބާރުތަކާ ގުޅޭގޮތުން އިސްރާއީލުގެ ސުޕްރީމް ކޯޓާ ދެމެދު އުފެދިފައިވާ މައްސަލަ ހޫނުވުމާ ގުޅިގެންނެވެ. މި މައްސަލައިގެ ތެރެއިން، ފުލުސް އޮފިސަރެއް ކަމަށްވާ ރިނާޓް ސަބާންގެ މަގާމުގެ ކުރިއެރުން ދިނުމާ ގުޅޭގޮތުން ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން، ބެންގްވީރް ވަނީ އެކަމަށް ހުރަސްއަޅައި އެ އައްޔަންކުރުން ފާސްކުރަން ދެކޮޅު ހަދާފައެވެ. މުހައްލިލުން ދެކޭގޮތުގައި ބެންގްވީރް މިގޮތަށް އަމަލުކުރަނީ އިންތިޚާބުގެ ކުރިން އޭނާ މަގާމުން ވަކިކުރަން ކޯޓަށް ނުކެރޭނެ ކަމަށް ގަބޫލުކުރެވޭތީއެވެ. ނަމަވެސް، ކޯޓުގެ ފަނޑިޔާރުން ދެކެވަޑައިގަންނަވާ ގޮތުގައި ބެންގްވީރް ދަނީ އަމިއްލައަށް ނަހަމަ ބާރުތަކެއް ބޭނުންކުރަމުންނެވެ. އިސްރާއީލުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފާހަގަކުރާ ގޮތުގައި، ފުލުހުންގެ މަގާމުތަކަށް މީހުން އައްޔަންކުރުމުގައި މިނިސްޓަރު ބެންގްވީރް ބާރު ފޯރުވުމަކީ ފުލުހުންގެ މުއައްސަސާގެ މިނިވަންކަން ގެއްލި، އެ މުއައްސަސާ ސިޔާސީވުމަށް މަގުފަހިވާ ކަމެކެވެ. މީގެ އިތުރުން، މިކަމުގެ ސަބަބުން ފުލުސް އޮފިސަރުންނަށް ދެވޭ މެސެޖަކީ މަގާމުގެ ކުރިއެރުން ލިބުމުގެ މިންގަނޑަކީ ގާބިލުކަން ނޫން ކަމަށާއި، އެއީ މިނިސްޓަރަށް އޮންނަ އަމިއްލަ ވަފާތެރިކަން ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މި މައްސަލައިގެ އިތުރުން، ސަރުކާރުގެ ކޮރަޕްޝަން މައްސަލަތައް ތަހުގީގު ކުރުމުގައި ޖާސޫސުން ބޭނުންކުރުމާ ގުޅޭގޮތުން ޖަސްޓިސް މިނިސްޓަރު ޔާރިވް ލެވިން އާއި ބެންގްވީރާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، ކަމާބެހޭ ގާނޫނުތައް ފާސްކުރުމަށް ވަނީ ހުރަސްއެޅިފައެވެ. މީގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައި ޔަހޫދީން ހިންގާ ކުށްތައް ހުއްޓުވުމަށް ފުލުހުންނަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ސުޕްރީމް ކޯޓުން މިހާރު ވަނީ މި މައްސަލަ ބެލުމަށް ނުވަ ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައެވެ. މިއީ ވަރަށް ތާރީޚީ އަޑުއެހުމަކަށް ވެގެންދާނެ ކަމަށް ބެލެވޭއިރު، މި އަޑުއެހުމަށްފަހު ބެންގްވީރް މަގާމުން ވަކިކުރުމަށް ނުވަތަ ގާނޫނު ތަންފީޒުކުރާ މުއައްސަސާއަކާ ނުގުޅޭ އެހެން މަގާމަކަށް އޭނާ ބަދަލުކުރުމަށް ކޯޓުން އަމުރުކުރުމަކީ އެކަށީގެންވާ ކަމެކެވެ. އިސްރާއީލުގެ އާންމު މަސްލަހަތަށް ބަލާއިރު، ބެންގްވީރްގެ ދަށުން ފުލުހުންގެ މަސައްކަތްތައް ހުރި ގޮތުން އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކުޑަވަމުންދާ ކަމުގެ ބިރުވެރިކަން ވަނީ އުފެދިފައެވެ. ކޯޓުން ގާނޫނީ ސިޔާދަތު ދެމެހެއްޓުމަށް މަސައްކަތް ކުރަމުންދާއިރު، ކުރިއަށް އޮތް ބޮޑު އަޑުއެހުމަކީ އިސްރާއީލުގެ ސަރުކާރާއި އަދުލު އިންސާފުގެ ނިޒާމާ ދެމެދު އޮތް ގުޅުމަށް އަންނާނެ ބޮޑު ބަދަލަކަށް ވެގެންދާނެއެވެ.

ގުޅުންހުރި ޚަބަރު