ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ދުނިޔޭގައި އުސޫލުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް މިހާރަކު ނެތް: ޖަރުމަނުގެ ޗާންސެލަރ މާޒް
ދުނިޔެ

ދުނިޔޭގައި އުސޫލުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް މިހާރަކު ނެތް: ޖަރުމަނުގެ ޗާންސެލަރ މާޒް

އއިބްރާހީމްް ސަމީރު14 ފެބްރުއަރީ 2026
ދުނިޔޭގެ މަސްރަހު މިހާރު އޮތް ގޮތާ މެދު ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިކް މާޒް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަދައްކަވަމުން މާޒް ވިދާޅުވީ، ދުނިޔޭގައި އުސޫލާއި ހަމައާއި ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގުވާމީ ނިޒާމު މިހާރު ވަނީ ފުނޑުފުނޑުވެފައި ކަމަށާއި، ޔޫރަޕުން ބޮޑެތި ބާރުތަކުގެ މެދުގައި އޮތް ވާދަވެރިކަމުގެ އާ ދައުރަކަށް ތައްޔާރުވާން ޖެހޭ ކަމަށެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ޔޫރަޕްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި މާޒް ވިދާޅުވީ، ޔޫރަޕްގެ ސަލާމަތާއި ފާގަތިކަމަކީ ކަށަވަރުވެފައިވާ ކަންކަން ކަމަށް ދެން ބެލެވެން ނެތް ކަމަށެވެ. "އަޅުގަނޑުމެންގެ މިނިވަންކަމަކީ ކަށަވަރުވެފައިވާ އެއްޗެއް ނޫން،" މާޒް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ބޮޑެތި ގުރުބާނީތަކެއް ވާން ޖެހިދާނެ ކަމަށް ގަބޫލުކުރުމަށް އޭނާ ޔޫރަޕްގެ ގައުމުތަކަށް ގޮވާލެއްވިއެވެ. ޖަރުމަނަކީ މީގެ ކުރިން ދެހަނގުރާމަ ފެށިގައުމެވެ. މާޒްގެ ވާހަކަފުޅުގައި ޔޫރަޕާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ބޮޑު ފަރަގަށް ވެސް އަލިއަޅުވާލެއްވިއެވެ. އެމެރިކާގައި އޮތް ޓްރަމްޕްގެ މޮޔަ ސަޕޯޓަރުންގެ "މާގާ" ހަރަކާތުގެ ސަބަބުން އުފެދިފައިވާ ސިޔާސީ ސަގާފަތަކީ ޔޫރަޕްގެ ސަގާފަތެއް ނޫން ކަމަށް ވިދާޅުވެ، ވޮޝިންގޓަނުން ގެންގުޅޭ ބޮލުރޮދި ކެނޑިފައިވާ ސިޔާސަތުތަކަށް އޭނާ ފާޑުވިދާޅުވިއެވެ. ނަމަވެސް، މި ހިޔާލުތަފާތުވުންތަކާ އެކުވެސް ދެފަރާތުގެ އެއްބާރުލުން މުހިންމު ކަމަށާއި، އެމެރިކާއަށް އެކަނި މުޅި ދުނިޔެ ކޮންޓްރޯލް ނުކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޔޫރަޕުން އެމެރިކާއަށް މާބޮޑަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ނޭޓޯގެ ތެރޭގައި ޔޫރަޕަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ވަރުގަދަ ބާރަކަށް ވާންޖެހޭ ކަމަށް މާޒް ވިދާޅުވިއެވެ. ފަރަންސޭސި ރައީސް އެމަނުއެލް މެކްރޮން ވެސް ވަނީ މި ވާހަކައަށް ތާއީދުކުރައްވައި، ޔޫރަޕަކީ ޖިއޯޕޮލިޓިކަލް ބާރަކަށް ވުމަށްޓަކައި ދިފާއީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މިއުނިކް ސަމިޓް ކުރިއަށް ދިޔައީ ދުނިޔޭގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން ރަޝިޔާ އާއި ޔޫކްރެއިންގެ މެދުގައި ކުރިއަށްދާ މަޝްވަރާތަކާ ގުޅޭގޮތުން މާޒް އާއި އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ ވަނީ ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާ ބައްދަލުކުރައްވާފައެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވެސް ވަނީ "މާޒީގެ ދުނިޔެ މިހާރު ނެތް" ކަމަށާއި، ބާރުތަކުގެ މެދުގައި އޮތް ކުރީގެ ގަބޫލުކުރުންތައް މިހާރު ބަދަލުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު