ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އެޕްސްޓީންގެ ފައިލްތަކުގެ މައްސަލައިގައި ޑީޕީ ވޯލްޑްގެ މުޑުދާރު ސީއީއޯ މަގާމުން ވަކިކޮށްފި
ދުނިޔެ

އެޕްސްޓީންގެ ފައިލްތަކުގެ މައްސަލައިގައި ޑީޕީ ވޯލްޑްގެ މުޑުދާރު ސީއީއޯ މަގާމުން ވަކިކޮށްފި

އއިބްރާހީމްް ސަމީރު14 ފެބްރުއަރީ 2026
ދުނިޔޭގެ ލޮޖިސްޓިކްސް އަދި ބަނދަރުތައް ހިންގާ ދުބާއީގެ މަޝްހޫރު ކުންފުނި، ޑީޕީ ވޯލްޑްގެ ޗެއާމަން އަދި ސީއީއޯގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި ސުލްތާން އަހުމަދު ބިން ސުލައިމް މަގާމުން ވަކިކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ މަރުވެފައިވާ އެމެރިކާގެ މަހުޖަނު ޖެފްރީ އެޕްސްޓީންއާއި ބިން ސުލައިމްއާ ދެމެދު ބަދަލުކޮށްފައިވާ އެތައް ހާސް އީމެއިލްތަކެއް ފަޅާއަރައި، ޔޫއޭއީގެ އަބުރަށް ހުތުރުވާ ފަދަ މައުލޫމާތުތަކެއް އާންމުވުމާ ގުޅިގެންނެވެ. ސުލައިމްވަނީ އެޕްސްޓީނަށް ކައްކައިދޭން އުލެފައިކަމަށް ވީޑިއޯއިން ފެނެއެވެ.
ޑީޕީ ވޯލްޑުން އިއުލާންކޮށްފައިވާ ގޮތުގައި، ކުންފުނީގެ އާ ޗެއާމަންގެ މަގާމަށް އީސާ ކާޒިމް އަދި ގްރޫޕް ސީއީއޯގެ މަގާމަށް ޔުވްރާޖް ނާރަޔަން ވަނީ ވަގުތުން އަމަލުކުރާ ގޮތަށް އައްޔަންކޮށްފައެވެ. ނަސްޑެކް ދުބާއީއަށް ފޮނުވި ބަޔާނެއްގައި ބިން ސުލައިމް މަގާމުން ބޭރުކުރިކަން ކަށަވަރުކޮށްދީފައިވާއިރު، ކުންފުނީގެ ވެބްސައިޓުން އޭނާގެ ވަނަވަރު މިހާރު ވަނީ އުނިކޮށްފައެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން އާންމުކުރި "އެޕްސްޓީން ފައިލްސް" ތަކުން ހާމަވާ ގޮތުގައި، އެ ލިޔެކިޔުންތަކުގައި ބިން ސުލައިމްގެ ނަން 9،400 އަށްވުރެ ގިނަ ފަހަރު ފާހަގަކޮށްފައިވެއެވެ.
އެޕްސްޓީން އޭނާއާ މުހާތަބުކޮށްފައިވަނީ އޭނާގެ "އެންމެ އިތުބާރުކުރެވޭ އެކުވެރިޔާ" ގެ ގޮތުގައެވެ. މީގެ އިތުރުން، ޔޫއޭއީގެ މަތީ ފަންތީގެ އަންހެނަކު އޭނާގެ ކޮއްކޮ އެޕްސްޓީނަށް ހަދިޔާ ކުރިކަމާއި، އެހެން އަންހެން ލީޑަރަކު ގެފުޅުގެ އުރަކޮޅު އެޕްސްޓީނަށް ދިންކަން ވެސް މި ފައިލްތަކުން ވަނީ ހާމަވެފައެވެ. ޔޫއޭއީންވަނީ ޔަހޫދީ އެޕްސްޓީންއާ ގާތްގުޅުމެއް ބާއްވައި މަސްލަހަތު އެއްގޮތް ކޮށްފައެވެ. އެޕްސްޓީނަކީ އިޒްރޭލުގެ ޖާސޫސެކެވެ.
މި މައްސަލައާ ގުޅިގެން ބައިނަލްއަގުވާމީ ދުނިޔޭގެ ފާޑުކިޔުންތައް އަމާޒުވެ، އިންވެސްޓްމަންޓްތަކަށް ވަނީ ހުރަސް އެޅިފައެވެ. އެ ގޮތުން އިނގިރޭސިވިލާތުގެ ބްރިޓިޝް އިންޓަނޭޝަނަލް އިންވެސްޓްމަންޓް (ބީއައިއައި) އިން ވަނީ ޑީޕީ ވޯލްޑާއެކު ކުރިއަށްގެންދާ އާ އިންވެސްޓްމަންޓްތައް މެދުކަނޑާލާފައެވެ. ނަމަވެސް، ކުންފުނީގެ ލީޑަޝިޕަށް ގެނައި ބަދަލާއެކު އަލުން އެއްބާރުލުން ދިނުމަށް ތައްޔާރަށް އޮތްކަން އެ މުއައްސަސާއިން މިހާރު ވަނީ ހާމަކޮށްފައެވެ.
ސުލްތާން އަހުމަދު ބިން ސުލައިމްއަކީ ދުބާއީގެ އިގްތިސާދީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. 2007 ވަނަ އަހަރުން ފެށިގެން ޗެއާމަންކަން އަދި 2016 އިން ފެށިގެން ސީއީއޯގެ މަގާމު ފުރުއްވަމުން ގެންދެވި ބިން ސުލައިމްއަކީ ޖަބަލް އަލީ ބަނދަރު ދުނިޔޭގެ ފެންވަރުގެ މަރުކަޒަކަށް ހެއްދެވި މައިގަނޑު އެއް ބާނީއެވެ. އޭނާ މަގާމުން ވަކިކުރުމަކީ ދުބާއީގެ ވެރިކަން ކުރާ އާއިލާއާއި އިގްތިސާދީ ގާތްގުޅުމެއް އޮތް ކުންފުންޏަށް އައި ބޮޑު ބަދަލެކެވެ.

ގުޅުންހުރި ޚަބަރު