ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެވަނަ މަނަވަރު މެދުއިރުމައްޗަށް ފޮނުވަނީ
ދުނިޔެ

އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެވަނަ މަނަވަރު މެދުއިރުމައްޗަށް ފޮނުވަނީ

އއިބްރާހީމްް ސަމީރު14 ފެބްރުއަރީ 2026
އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެވަނަ މަނަވަރު މެދުއިރުމައްޗަށް ފޮނުވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ. މިކަން އިޢުލާނު ކުރައްވާފައިވަނީ ނޯތު ކެރޮލައިނާގެ އަސްކަރީ މަރުކަޒަކަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަވަމުންނެވެ. ރައީސް ޓްރަމްޕް ވިދާޅުވީ އީރާނާއެކު މަޝްވަރާތައް ކާމިޔާބު ނުވެއްޖެނަމަ އީރާނަށް އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ އީރާނުގެ ވެރިކަން ބަދަލުކުރުމަކީ އެ ގައުމަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުން ކަމަށާއި، ވޭތުވެދިޔަ 47 އަހަރު އެ ގައުމުން ކުރިހާވެސް ކަމަކީ ހުސް ވާހަކަ ދެއްކުން ކަމަށެވެ. ޚަބަރުތައް ބުނާގޮތުން މެދުއިރުމައްޗަށް މިފަހަރު ފޮނުވަނީ ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރު "ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް" އެވެ. މި މަނަވަރު ކެރީބިއަން ކަނޑުން މިހާރު ދަނީ މެދުއިރުމައްޗަށް ދަތުރުކުރަމުންނެވެ. މި މަނަވަރު ގޮސް ގުޅޭނީ މިހާރުވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފްލީޓާއެވެ. މިހާރުވެސް މެދުއިރުމަތީގައި އެމެރިކާގެ "ޔޫއެސްއެސް އަބްރަހަމް ލިންކަން" މަނަވަރާއި ގައިޑެޑް މިސައިލް ޑިސްޓްރޯޔަރުތައް ދަނީ ހަރަކާތްތެރިވަމުންނެވެ. ޓްރަމްޕް ވިދާޅުވީ އީރާނުން ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިނުކޮށްފިނަމަ، ދެވަނަ މަނަވަރުގެ ބޭނުން އެމެރިކާއަށް ޖެހޭނެ ކަމަށެވެ. މި ނިންމުން އިޢުލާނު ކުރައްވާފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރެއްވުމަށްފަހުގައެވެ. މިކަމާ ގުޅިގެން ގަލްފުގެ އަރަބި ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ގައުމުތަކުން އިންޒާރު ދޭ ގޮތުގައި، މިފަދަ އެއްވެސް އަސްކަރީ ކުރިމަތިލުމެއް ހިނގައިފިނަމަ މުޅި ސަރަހައްދުގައި ބޮޑު ހަނގުރާމައެއް ފެށިގެން ހިނގައިދާނެއެވެ.

ގުޅުންހުރި ޚަބަރު