ދިވެހި|English 10 ޖުލައި 2026 · 00:41
Top banner
Advertisement
އުޒްބެކިސްތާނުގައި: "އިސްލާމްދީނަކީ ސުލްހައާއި ހެޔޮކަމުގެ ދީނެއް" ކޮންފަރެންސް ބާއްވައިފި
ދުނިޔެ

އުޒްބެކިސްތާނުގައި: "އިސްލާމްދީނަކީ ސުލްހައާއި ހެޔޮކަމުގެ ދީނެއް" ކޮންފަރެންސް ބާއްވައިފި

އއިބްރާހީމްް ސަމީރު17 ފެބްރުއަރީ 2026
އިސްލާމްދީނުގެ ސައްހަ ސޫރަ ދުނިޔެއަށް ހާމަކޮށްދިނުމަށާއި، ދީނީ އެއްބައިވަންތަކަން ގާއިމުކުރުމަށް މަގުފަހިކުރުމުގެ މަގްސަދުގައި ބާއްވާ ބައިނަލްއަގްވާމީ ކޮންފަރެންސް "އިސްލާމްދީން – ސުލްހައާއި ހެޔޮކަމުގެ ދީނެއް" އުޒްބެކިސްތާނުގެ ވެރިރަށް ތަޝްކެންދްގައި ބާއްވައިފިއެވެ. އުޒްބެކިސްތާނުގެ ދީނީ ކަންކަމާ ބެހޭ އިދާރާއިން އިންތިޒާމްކޮށްގެން ކުރިއަށްގެން ދިޔަ މި ކޮންފަރެންސް އޮތީ މި މަހުގެ 15 އިން 16 އަށެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 އަށް ވުރެ ގިނަ ދީނީ އިލްމުވެރިންނާއި، މުފްތީންނާއި، ދީނީ ލީޑަރުންގެ އިތުރުން މުސްލިމް ޖަމާއަތްތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. މީގެ ތެރޭގައި އިންޑިއާގެ މަޝްހޫރު އިލްމުވެރިޔާ މައުލާނާ އަރުޝަދު މަދަނީ ފަދަ ބޭފުޅުން ހިމެނިވަޑައިގަތެވެ. މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި، އިސްލާމްދީނާ މެދު ފެތުރިފައިވާ ނުބައި ތަސައްވުރުތަކަށް ރައްދުދީ، ދީންތަކުގެ މެދުގައި އޮންނަންޖެހޭ ސަގާފީ އަދި ފިކުރީ މަޝްވަރާތައް ކުރިއެރުވުމެވެ. ކޮންފަރެންސްގެ ސެޝަންތަކުގައި ބައިނަލްއަގްވާމީ އެކި ޖަމިއްޔާތަކުން ވަނީ އިސްލާމްދީނުގެ ހަގީގީ އުސޫލުތަކާ ބެހޭ ކަރުދާސްތައް ހުށަހަޅާފައެވެ. އެގޮތުން ރިސާޗް ސެންޓަރ ފޯ އިސްލާމިކް ހީސްޓްރީ، އާޓް އެންޑް ކަލްޗަރު ގެ ފަރާތުން ހުށަހެޅި މުހިންމު ކަރުދާސްތަކުގެ ސެޝަން މޮޑެރޭޓް ކުރެއްވީ އުޒްބެކިސްތާނުގެ ރައީސްގެ އެޑްވައިޒަރު ޑރ. ޝޯއާޒިމް މިނޮވަރޯވް އެވެ. މި ބައްދަލުވުމުގެ ތެރެއިން ދީނީ އިލްމުވެރިން ބާރުއެޅުއްވީ، ދުނިޔޭގައި ސުލްހަ ގާއިމުކުރުމުގައާއި އިންސާނިއްޔަތަށް ހެޔޮކަން ފޯރުކޮށްދިނުމުގައި އިސްލާމްދީނުގެ ދައުރު ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. މިއީ މުސްލިމް އުންމަތުގެ އެއްބައިވަންތަކަން ވަރުގަދަކުރުމަށް ބޭއްވޭ ވަރަށް މުހިންމު ފޯރަމެއްގެ ގޮތުގައި ބައިވެރިން ފާހަގަކުރެއްވިއެވެ. މަޝްވަރާތަކުގައި ސުލްހަ ގާއިމްކުރުމުގެ އިސްލާމީ އުސޫލުތަކާއި، މިޒަމާނުގެ މުޖުތަމައުގައި އަޚްލާޤީ އަގުތަކާއި، ދުނިޔޭގެ ހެޔޮއެދުންތަކަށް ދީނުގެ ޙިއްޞާތައް ފަދަ މައުޟޫޢުތައް ހިމެނެއެވެ.

ގުޅުންހުރި ޚަބަރު