ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އިޕްސްޓީންގެ މައްސަލަތަކަކީ 'އިންސާނިއްޔަތާ ހިލާފު ޖަރީމާތަކަކަށް' ވެދާނެ: އދ. ގެ މާހިރުން
ދުނިޔެ

އިޕްސްޓީންގެ މައްސަލަތަކަކީ 'އިންސާނިއްޔަތާ ހިލާފު ޖަރީމާތަކަކަށް' ވެދާނެ: އދ. ގެ މާހިރުން

އއިބްރާހީމްް ސަމީރު18 ފެބްރުއަރީ 2026
އެމެރިކާގެ ޖެފްރީ އިޕްސްޓީންއާ ގުޅުންހުރި ގިނަ އަދަދެއްގެ ލިޔެކިޔުންތަކުން ފެންނަން ހުރި ކަންކަމަކީ "އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއްގެ" ދަރަޖައަށް ފެތޭ ކަންކަން ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ މިނިވަން މާހިރުންގެ ޓީމަކުން ބުނެފިއެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކުރި މިލިއަނަކަށް ވުރެ ގިނަ ލިޔެކިޔުންތަކާ ހަވާލާދީ އދ. ގެ މާހިރުން ފާހަގަކުރި ގޮތުގައި، މި މައްސަލައަކީ ދުނިޔޭގެ ފެންވަރުގައި ހިންގާފައިވާ ބޮޑު ޖިނާއީ މަސައްކަތެކެވެ. މި ލިޔެކިޔުންތަކުން އަންހެނުންނާއި އަންހެން ކުދިންނަށް ނިޒާމީ ގޮތެއްގައި ކުރި އަނިޔާތައް ހާމަވާން ހުރިއިރު، މި ޖަރީމާތަކުގެ އަސްލަކީ ހައްދުފަހަނަޅާފައިވާ ނަސްލީ ތަފާތުކުރުމާއި، ކޮރަޕްޝަނާއި، އަދި އަންހެނުންނަށް ނަފްރަތު ކުރުން ކަމަށް މާހިރުން ބުނެއެވެ. މި މައްސަލައިގައި މިހާތަނަށް 1,200 އަށް ވުރެ ގިނަ އަނިޔާ ލިބުނު ދެނެގަނެވިފައިވާއިރު، މާހިރުން ވަނީ މިކަމުގެ ބޮޑުމިނާއި ބައިނަލްއަގުވާމީ ގޮތުން މިކަން ފެތުރިފައިވާ މިންވަރުގެ ސަބަބުން މިނިވަން އަދި އިންސާފުވެރި ތަހުގީގެއް ހިންގަން ގޮވާލާފައެވެ. އަދި ބާރުގަދަ ދޮން މީހުންގެ ބަޔަކު ވެގެން މިފަދަ ބޮޑެތި އިހާނެތި އަމަލުތަކެއް އެތައް އަހަރެއް ވަންދެން ހިނގަމުން ދިޔައިރު، އެކަން ނުހުއްޓުވި ދިޔަ ސަބަބުތައް ހޯދުމަށް ފުން ތަހުގީގެއް ބޭނުންވާ ކަމަށްވެސް އެ ފަރާތުން ބުންޏެވެ. މީގެ އިތުރުން، ލިޔެކިޔުންތައް އާންމުކުރުމުގައި ޝިކާރައަކަށް ވެފައިވާ މީހުންގެ ނާޒުކު މައުލޫމާތު ރައްކާތެރިކުރުމުގައި އިހުމާލުވެފައިވާތީ މާހިރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުންނަށް އަލުން ނަފްސާނީ އަސަރުތައް ކޮށްފައިވާ ކަމަށާއި، މުއައްސަސާތަކުގެ ފަރާތުން ބިރުދެއްކުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށް މާހިރުން ފާހަގަކުރެއެވެ. އާންމުވެފައިވާ މި ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި، 2008 ވަނަ އަހަރު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވުމުގެ ކުރިންނާއި ފަހުންވެސް، އިޕްސްޓީންއަކީ ސިޔާސީ، މާލީ، ތައުލީމީ އަދި ވިޔަފާރީގެ ދާއިރާގެ ނުފޫޒުގަދަ ފަރާތްތަކާ ބޮޑެތި ގުޅުންތަކެއް ބޭއްވި މީހެކެވެ. ޖެފްރީ އިޕްސްޓީން ޖަލުގައި މަރާލީ 2019 ވަނަ އަހަރު، ޖިންސީ ވަގުފާރީގެ ފެޑަރަލް ދައުވާތަކެއްގައި ޝަރީއަތް ކުރިއަށް ދަނިކޮށެވެ.  

ގުޅުންހުރި ޚަބަރު