ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
ފަލަސްތީނުގެ އެކްޓިވިސްޓުންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ނިންމައިފި
ދުނިޔެ

ފަލަސްތީނުގެ އެކްޓިވިސްޓުންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ނިންމައިފި

އއިބްރާހީމްް ސަމީރު19 ފެބްރުއަރީ 2026
އިނގިރޭސިވިލާތުގެ ބްރިސްޓަލް ކައިރީގައި ހުންނަ ހަތިޔާރު އުފައްދާ އެލްބިޓް ސިސްޓަމްސްގެ ފެކްޓްރީއަކަށް 2024 ވަނަ އަހަރު ވަދެގަތް މައްސަލާގައި "ފިލްޓަން 24" ގެ ނަމުން މަޝްހޫރުވެފައިވާ 24 އެކްޓިވިސްޓުންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ނިންމައިފިއެވެ. މި ދައުވާއަކީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ ފަދަ ސީރިއަސް ދައުވާއެކެވެ. ވޫލްވިޗް ކްރައުން ކޯޓުގައި ކުރިއަށްދިޔަ މި ޝަރީއަތުގައި،  ހަ މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖޫރީން ވަނީ ނިންމާފައެވެ. އެ ނިންމުމާ ގުޅިގެން، ކްރައުން ޕްރޮސެކިއުޝަން ސާވިސް (ސީޕީއެސް) އިން ވަނީ ބާކީ ތިބި 18 މީހުންގެ މައްޗަށް ކުރި އެއް ދައުވާ އަނބުރާ ގެންގޮސްފައެވެ. ޖޫރީން ބުނި ގޮތުގައި އެކްޓިވިސްޓުން ގެންގުޅުނު އާލާތްތަކަކީ ހަތިޔާރުގެ ގޮތުގައި ބޭނުންކުރަން ގެންގުޅުނު ތަކެތިކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް ނެތެވެ. ފަލަސްތީން އެކްޝަން ގްރޫޕާ ގުޅުން ހުރި މި އެކްޓިވިސްޓުން ވަނީ އިޒްރޭލުގެ ސިފައިންނަށް ބޭނުންވާ ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ މެޝިނަރީތަކަށް ގެއްލުން ދިން ކަމަށް އިއުތިރާފުވެފައެވެ. ނަމަވެސް، އެމީހުން ބުނަމުންދަނީ އެމީހުންގެ މަގްސަދަކީ "ހަތިޔާރު ނައްތާލުން" ކަމަށާއި، އެތަނުގެ މުވައްޒަފުންނަށް އެއްވެސް އަނިޔާއެއް ދިނުމުގެ ނިޔަތެއް ނެތް ކަމަށެވެ. މި މައްސަލާގައި ބައެއް މީހުން ޝަރީއަތް ނިމެންދެން 17 މަސް ދުވަހު ބަންދުގައި ބޭތިއްބުމާ ގުޅިގެން، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ ކައުންޓަރ ޓެރަރިޒަމް ގާނޫނުތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ ފާޑުކިޔާފައެވެ. އެހެންނަމަވެސް، މުދަލަށް ގެއްލުން ދިނުމާއި ހަމަނުޖެހުން ހިންގުމުގެ ބައެއް އެހެން ދައުވާތައް އަދިވެސް ނުނިމި އެބަހުއްޓެވެ. ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި މީގެ ތެރެއިން ހަ މީހެއްގެ މައްޗަށް 2027 ވަނަ އަހަރު އަލުން ޝަރީއަތް ހިންގުމަށް އެދޭނެއެވެ. ފަލަސްޠީން އެކްޝަން އަކީ ޓެރަރިސްޓް ގްރޫޕެއްގެ ގޮތުގައި ކަނޑައެޅުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށް ވެސްހައިކޯޓުން މިމަހު ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް ސަރުކާރުން ވަނީ އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ. މުޒާހަރާ ކުރުމުގެ ހައްގަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ކެމްޕޭން ކުރާ ފަރާތްތަކުން މި ނިންމުމަށް މަރުހަބާ ކިޔާފައިވާއިރު، އެލްބިޓް ސިސްޓަމްސް އިން ވަނީ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކުގައި ބޭނުންކުރާ ހަތިޔާރު ފޯރުކޮށްދޭ ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ.

ގުޅުންހުރި ޚަބަރު