ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އީރާނުގައި ތިބި ޕޮލެންޑްގެ ރައްޔިތުން ވަގުތުން ފޭބުމަށް ބޮޑުވަޒީރު ގޮވާލައްވައިފި
ދުނިޔެ

އީރާނުގައި ތިބި ޕޮލެންޑްގެ ރައްޔިތުން ވަގުތުން ފޭބުމަށް ބޮޑުވަޒީރު ގޮވާލައްވައިފި

އއިބްރާހީމްް ސަމީރު20 ފެބްރުއަރީ 2026
އީރާނުގައި ތިބި ޕޮލެންޑްގެ ހުރިހާ ރައްޔިތުން ވަގުތުން އެގައުމުން ފޭބުމަށް ޕޮލެންޑްގެ ބޮޑުވަޒީރު ޑޮނަލްޑް ޓުސްކް ބުރާސްފަތި ދުވަހު ގޮވާލައްވައިފިއެވެ. ބޮޑުވަޒީރު އިންޒާރު ދެއްވި ގޮތުގައި، އެމެރިކާއިން ދީފާނެ އަސްކަރީ ހަމަލާއެއްގެ ސަބަބުން ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެގައުމުން މީހުން ބޭރުކުރުމުގެ ފުރުސަތު ބަންދުވެގެން ހިނގައިދާނެއެވެ. ބޮޑުވަޒީރު ޓުސްކް ވިދާޅުވީ، "އާދޭސްކޮށްފައި ބުނަން، ވަގުތުން އީރާނުން ފައިބާ. އަދި އެއްވެސް ހާލެއްގައި އެ ގައުމަށް ދަތުރުނުކުރޭ،" ކަމަށެވެ. މި ގޮވާލުމަކީ އީރާނަށް ހޮނިހިރުގެ ފަހުން ދީފާނެ ހަމަލާއެއްގެ ފުރުސަތު ބޮޑުވަމުންދާތީ ރައްޔިތުންގެ ސަލާމަތަށްޓަކައި ދެއްވި އިންޒާރެކެވެ. މި ގޮތަށް ގޮވާލެއްވީ މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިން އީރާނަށް ވަރުގަދަ ހަމަލާއެއް ދިނުމަށް ތައްޔާރުވެފައިވާ ކަމަށް އެމެރިކާގެ އަސްކަރީ އޮފިޝަލުން ހާމަކުރުމާ ގުޅިގެންނެވެ. އެމެރިކާގެ ސިފައިން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރައްވައިފިނަމަ، މި ހަފްތާ ބަންދުގައި ހަމަލާ ދިނުމަށް ތައްޔާރަށް ތިބިކަން ވައިޓް ހައުސްއަށް އަންގާފައެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލިން ލީވިޓް ބުދަ ދުވަހު ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އީރާނުން އެމެރކާއަށް ދީލާލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ރައީސް ޓްރަމްޕް އަސްކަރީ ފިޔަވަޅެއް އެޅުއްވުމުން ދުރުހެލިވާނެތޯ ކުރެވުނު ސުވާލަށް އޭނާ ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ސިފައިން ތިބީ  ހަފްތާ ބަންދުގައި އީރާނަށް ހަމަލާ ދިނުމަށް "ފުރިހަމައަށް ތައްޔާރުވެފައެވެ." މިދިޔަ ދުވަސްތަކުގައި އެ ސަރަހައްދަށް އެމެރިކާގެ ވައިގެ އަދި ކަނޑުގެ ސިފައިން އިތުރުކޮށްފައިވާއިރު، ދެވަނަ މަތިންދާބޯޓު އުފުލާ މަނަވަރު "ޖެރަލްޑް ފޯޑް" ވެސް މިހާރު ދަނީ އެ ސަރަހައްދާ ގާތްވަމުންނެވެ. އެއާއެކު އީރާނުން ވަނީ އެމެރިކާ ސިފައިން ވަޅުލުމަށްޓަކައި 5ހާސް މީހުންނަށް ޚާއްސަ ގަބުރުސްތާނެއް ސަހަރާގައި ތައްޔާރުކޮށް ނިންމާފައެވެ.

ގުޅުންހުރި ޚަބަރު