ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އިސްތިރި އޮބިގެން އަނދާފައި ހުރި ގަމީހެއް 1,139 ޑޮލަރަށް
ދުނިޔެ

އިސްތިރި އޮބިގެން އަނދާފައި ހުރި ގަމީހެއް 1,139 ޑޮލަރަށް

އއިބްރާހީމްް ސަމީރު21 ފެބްރުއަރީ 2026
ފެޝަންގެ ދުނިޔޭގައި އާދަޔާ ހިލާފު ތަފާތު ކަންކަން ތައާރަފްކުރުމަށް މަޝްހޫރު ސުވިޒަލޭންޑުގެ ބްރޭންޑެއް ކަމަށްވާ ވެޓެމެންތްސް އިން، އިސްތިރި އޮބިގެން އަނދާފައި ހުރި ކަމަށް ދައްކުވައިދޭ ގްރެފިކްސްއެއް ޖަހާފައިވާ ގަމީހެއް ބާޒާރަށް ނެރުމާ ގުޅިގެން ސޯޝަލް މީޑިއާ ހަލަބޮލިވެއްޖެއެވެ. "ރަނގަޅަށް އިސްތިރިކޮށްފައި" މި ނަމުން ނަންދީފައިވާ މި ހުދު ގަމީހަކީ އާދައިގެ ރަސްމީ ގަމީހެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. ނަމަވެސް މި ގަމީހުގެ އެންމެ ޚާއްސަ އަދި ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމަކީ ގަމީހުގެ ޖީބާ ދިމާލުން އިސްތިރި ބާއްވައިގެން ފޮތިގަނޑު އަނދާފައި ހުންނަ ގޮތް ދައްކުވައިދޭ ކުރެހުމެކެވެ. މި ގަމީހުގެ ފަރުމާއަށް ވުރެ ބޮޑަށް އާންމުން ހައިރާންކޮށްލީ އޭގެ އަގުންނެވެ. މި ގަމީހުގެ އަގަކީ 1,139 އެމެރިކާ ޑޮލަރެވެ. މިކަމާ ގުޅިގެން އާންމުންގެ ހިޔާލު ވަނީ ދެބައިވެފައެވެ. އެއް ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ އާންމު ދިރިއުޅުމުގައި ދިމާވާ މިފަދަ ކަންކަން ފަންނީ ގޮތަކަށް ފެޝަންގެ ތެރެއަށް ގެނައުމެވެ. ނަމަވެސް އަނެއް ބަޔަކު ދެކޭ ގޮތުގައި މިއީ އުފެއްދުންތެރިކަމެއް ނެތް، ހަމައެކަނި މީހުންގެ ސަމާލުކަން ހޯދުމަށް ކޮށްފައިވާ ބޭކާރު ކަމެކެވެ. މިފަދަ "ހަލާކުވެފައިވާ" ކަމަށް ދައްކާ ތަކެތި ބޮޑު އަގުގައި ގަންނަ ސަބަބާ ބެހޭގޮތުން ނަފްސާނީ މާހިރުން ބުނަނީ، މިއީ ހަމައެކަނި ފޮތިގަނޑަކަށް ނުވަތަ ފެހުމަކަށް ކުރާ ޚަރަދެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިއީ ދުނިޔެއަށް ދައްކަން ބޭނުން ވަނީ "އަހަރެން މިއީ، އަނދާފައި ހުރި ގަމީހަކަށް 1,139 ޑޮލަރު ހަރަދުކުރެވޭ ފަދަ ތަނަވަސް މީހެއް" ކަމަށެވެ. މީގެ ކުރިންވެސް ބަލެންސިއާގާ ފަދަ ބްރޭންޑްތަކުން ވަނީ ވީދިފައި ހުންނަ ބޫޓާއި ހަޑިވެފައި ހުންނަ ހެދުންތައް ބޮޑު އަގުގައި ވިއްކައިގެން މިފަދަ ބޮޑެތި ފާޑުކިޔުންތަކާ ކުރިމަތިލާފައެވެ. މިއީ ޒަމާނީ ފެޝަންގެ ތެރޭގައި ތަފާތުވުމަށް ކުރާ ކަމެއްގެ ގޮތުގައި ބައެއް މީހުން ބެލިކަމުގައިވިއަސް، ގިނަ ބަޔަކު ދެކެނީ މިއީ ވިޔަފާރީގެ މަންފާއަށްޓަކައި އާންމުންގެ ބުއްދިއަށް ކުރާ މަލާމާތެއް ކަމަށެވެ.

ގުޅުންހުރި ޚަބަރު