ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
ޑޮނަލްޑް ޓުރަމްޕަށް ހޫނު ރައްދެއް!
ދުނިޔެ

ޑޮނަލްޑް ޓުރަމްޕަށް ހޫނު ރައްދެއް!

ޙޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ1 އޭޕްރީލް 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕަށް ވަރަށް ހޫނު ރައްދެއް ދެއްވަމުން، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ ތާރީޚުގެ ތެރޭގައި މޫލާފައިވާ، އަދި ބުރަ މަސައްކަތުން ދަސްވެ ވަޑައިގެންނެވި ފިލާވަޅުތަކެއް ޙިއްޞާ ކުރައްވާފައެވެ. އޭނާ އިޝާރާތް ކުރެއްވީ، މީގެ 23 އަހަރު ކުރިން، އެމެރިކާ އިސްވެ އޮވެ، ކެމިކަލް ހަތިޔާރާއި އަދި ފަނާކުރަނިވި ހަތިޔާރު ނައްތާލުމުގެ ނަމުގައިޔާއި، އަދި ޑިމޮކްރަސީ ކުރިއެރުވުމުގެ ނަމުގައި ޢިރާޤަށް އަރައިގަތް އަރައިގަތުމުގެ މައްޗަށެވެ. ސަންޗޭޒް އަލިއަޅުއްވައިލެއްވީ ވަރަށް މުހިންމު ޙަޤީޤަތެއްގެ މައްޗަށް ކަމަށްވާއިރު، އެފަދަ އެއްވެސް ހަތިޔާރެއް އަދިމިހާތަނަށް ޢިރާޤުން ފެނިފައި ނުވެއެވެ. އެޙާލަތުގެ ސަބަބުން އޭރުވެސް ގިނަ ޤައުމުތަކަށް ދެމިހުންނަވި ޝައްކުތަކެއް އުފެދުނެވެ. އަދި ފަހުން، އޭރުގެ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ ވަނީ ޢިރާޤަށް އަރައިގަތީ، އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީއިން އުފެއްދި ދޮގު ރިޕޯޓްތަކެއްގެ މައްޗަށް ކަމަށްބުނެ، އެކަމަށް މަޢާފަށްވެސް އެދިފައެވެ. އެކަމަކު، އޭރު ވަނީ އެތައް މިލިއަން މުސްލިމުންނެއްގެ ފުރާނަ ގެއްލި، އެތައް މިލިއަން ބަޔަކު ބޯހިޔާވަހިކަމުން މަހުރޫމްވެފައެވެ. އެހެންކަމުން، މިއަދު އެމެރިކާއިން ކުރާ އެފަދަ ދަޢުވާތަކާއި، ފިޔަވަޅު އެޅުމަށް ގޮވާލާ ގޮވައިލުންތަކާ މެދު ދެކޭ ގޮތް އަލުން މުރާޖަޢާކުރުމަށް، ގިނަ ޤައުމުތަކަށް ވަނީ މަޖުބޫރުވެފައެވެ. ސަންޗޭޒުގެ އެރައްދަކީ ހަމައެކަނި ސިޔާސީ ރައްދެއް ނޫނެވެ. އެއީ ހަނދުމަކޮށް ދިނުމެކެވެ. މާޒީގެ ނިންމުންތަކުން ކުރިމަތިވީ ހިތި ނަތީޖާތަކާއި، އަދި ޤައުމުތަކުގެ މެދުގައި އޮންނަ އިތުބާރަށް އެއްފަހަރުވެސް ގުޑުންއަރައިފިނަމަ، އަލުން އިތުބާރު ހޯދުމަކީ ފަސޭހަކަމެއް ނޫންކަން ބަޔާން ކޮށްދިނުމެވެ. ވަރަށް ސާބިތުކަމާއެކު ސަންޗޭޒް ސާފުކޮށްދެއްވީ ސްޕޭނުން، ޢާލަމީ ހަމަނުޖެހުންތަކާއި ކުރިމަތިލާނީ ސަމާލުކަމާއި، ތަންޤީދީ ވިސްނުމާއި، އަދި މިނިވަންކަމާ އެކުގައި ކަމަށެވެ. ސަންޗޭޒުގެ އަސްލު މެސެޖު ކިތަންމެ ސާދާ ނަމަވެސް، އެއީ ވަރަށް ބާރުގަދަ މެސެޖެކެވެ. ތާރީޚަކީ މުހިންމު އެއްޗެކެވެ. އަދި ތާރީޚުން ވަނީ ގިނަ ފިލާވަޅުތަކެއް ލިބިދީފައެވެ. ވީމާ، މިފަހަރު ނިންމުންތައް ނިންމާނީ ސުވާލުކުރުމެއް ނެތި، ލޯމަރާލައިގެން ނޫންކަން އަންގައި ދިނުމެވެ.  

ގުޅުންހުރި ޚަބަރު