ދިވެހި|English 9 ޖުލައި 2026 · 03:57
Top banner
Advertisement
އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާއިން 262 ނޫސްވެރިއަކު ޝަހީދު ވެއްޖެ
ދުނިޔެ

އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާއިން 262 ނޫސްވެރިއަކު ޝަހީދު ވެއްޖެ

އއަހުމަދު މުހައްމަދު4 މޭ 2026
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދިން ހަމަލާތަކުގައި 262 ނޫސްވެރިން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ މީޑިއާ "އަރަބް48” އިން ބުނެފިއެވެ. މީގެ އިތުރުން 420 ނޫސްވެރިންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޣައްޒާގެ ނޫސްވެރިން ދިރިއުޅެމުންދަނީ މުސީބާތާއި ކުރިން ތަޖުރިބާ ކޮށްފައިނުވާފަދަ ވޭނެއްގައި ކަމަށެވެ. ހިނގަމުންދާ ހަނގުރާމައާއެކު މީޑިއާގެ މަސައްކަތް ވެފައިވަނީ މަރާކުރިމަތިލުންފަދަ ކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. ސީދާ ނޫސްވެރިންނަށް އަމާޒުކޮށް އިޒްރޭލު ސިފައިން ދަނީ ހަމަލާދެމުންނެވެ. އެ ހަމަލާތަކުގައި ލިބުނު އަނިޔާގެ ސަބަބުން އެތައް ނޫސްވެރިން ވަނީ ދާއިމީ ނުކުޅެދުންތެރީންނަށް ވެފައެވެ. އިޒްރޭލުންވަނީ ގާތްގަނޑަކަށް 50 ނޫސްވެރިން ހައްޔަރުކޮށްފައި ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. އަދި ތިން ނޫސްވެރިއަކު ގެއްލިގެން ހޯދަމުންދާ ކަމަށާއި، މިހާތަނަށް އެމީހުންގެ އެއްވެސް ޚަބަރެއް ނެތް ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ. އިޒްރޭލުގެ މި އަމަލުތަކަކީ އިންސާނީ ކަރާމާތާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަންކަމެވެ. މިއީ ހަނގުރާމައިގެ ޖަރީމާތަކެއްކަން ސާފުކޮށް މުޅި ދުނިޔެއަށް ފެންނަމުންދާއިރު އެކަމާ އަޅާލާނޭ ބަޔަކު ނެތްކަމަށް ވެސް ބަޔާނުގައިވެއެވެ. މިކަންކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ ބައިނަލްއަގްވާމީ މުޖުތަމައުއަށާއި، މީޑިއާ އަދި އިންސާނީ ހައްގުތަކާ ބެހޭ މުއައްސަސާތަކަށް ގޮވާލައިފައެވެ. ނޫސްވެރިން މަރާލުމާއި ހައްޔަރުކުރުމުގެ ކުށް އިސްރާއީލުގެ މައްޗަށް ވަނީ އުފުލާފައެވެ. އެހެންނަމަވެސް އިޒްރޭލުގެ އިންސާނިއްޔަތުކަމެއް ނެތް މިއަމަލުތަކާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައު ހިމޭނުން އޮތުމަކީ ބައިނަލްއަގްވާމީ އަދުލުގެ ނިޒާމަށްއޮތް ނުރައްކަލެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.  

ގުޅުންހުރި ޚަބަރު