ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ސިންގަޕޫރުގެ ވަޒީރަކަށް ބާރަމަހުގެ ހުކުމެއް
ދުނިޔެ

ސިންގަޕޫރުގެ ވަޒީރަކަށް ބާރަމަހުގެ ހުކުމެއް

އއިބްރާހީމްް ސަމީރު5 އޮކްޓޯބަރު 2024
ކަރަޕްޝަނުން ސާފު ވެފައިވާ ސަރުކާރެއް ހިންގުމަށް މަޝްހޫރު ސިންގަޕޫރުގައި ފުރަތަމަ ފަހަރަށް ވަޒީރަކު ޖަލަށް ލާން ޙުކުމް ކޮށްފިއެވެ. ކުރީގެ ކެބިނެޓް މިނިސްޓަރު އެސް. އިޝްވަރަން ޖަލަށް ލާން ޙުކުމް ކޮށްފައި ވަނީ ޢަދުލު އިންޞާފަށް ހުރަސް އެޅުމާއި 300،000 ޑޮލަރަށް ވުރެގިނަ ފައިސާ ހަދިޔާގެ ގޮތުގައި ރިޝްވަތު ހޯއްދެވުމުގެ ކުށުގައެވެ. އިޝްވަރަން 12 މަސް ދުވަސް ޖަލުގައި އިންނަވާނެއެވެ. އޭނާ ވަނީ، 13 އަހަރު ވަންދެން ކެބިނެޓް މެމްބަރެއްގެ ގޮތުގައި ވިޔަފާރިއާއި މުވާސަލާތާއި ދަތުރުފަތުރާ ބެހޭ ވުޒާރާ ބަލަހައްޓަވާފައެވެ. ޕްރޮސެކިއުޓަރު އެދިވަޑައިގަތީ 6 ނޫނީ 7 މަހުގެ ޙުކުމެއް އިއްވަވާށެވެ. ނަމަވެސް އެއަށް ވުރެން އިތުރަށް ޙުކުމް ކުރެއްވުމާ މެދު ޤާޒީ ވިންސެންޓް ހޫންގް ވިދާޅުވީ، އިޝްވަރަން ވަނީ ރައްޔިތުން އޭނާއަށް ކުރި އިތުބާރު ބޮލާލައި ޖައްސަވާފައެވެ. އަދި އޭނާ ވަނީ އޭނާ އަދާ ކުރެއްވި ދައުލަތުގެ މަޤާމުގެ ރީތި ނަން ކިލަނބު ކުރައްވާފައެވެ. ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް އިން ދައްކާ ގޮތުގައި މިދިޔަ އަހަރު ދުނިޔޭގެ އެންމެ ކޮރަޕްޝަން އެންމެ މަދު ފަސް ގައުމުގެ ތެރޭގައި ސިންގަޕޫރު ހިމެނެ އެވެ. އެންމެ ފަހުން ސިންގަޕޫރުގެ މިނިސްޓަރަކާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލައެއް އާންމުވީ 1986 ވަނަ އަހަރު އެވެ. ނަމަވެސް އެމައްސަލާގައި ތުހުމަތު ކުރެވުނު ވަޒީރު ވަނީ ޝަރީޢަތުގެ ކުރިން މަރުވެފައެވެ.

ގުޅުންހުރި ޚަބަރު