ދިވެހި|English 10 ޖުލައި 2026 · 22:30
Top banner
Advertisement
އެއް ފަހަރާ ގިނަ ފިރިހެނުންނަށް އޮޅުވާލި މޮޅު އަންހެނެއް، އެއްފަހަރާ ހަ ކައިވެނި ވަނީ ކޮށްފައި
ދުނިޔެ

އެއް ފަހަރާ ގިނަ ފިރިހެނުންނަށް އޮޅުވާލި މޮޅު އަންހެނެއް، އެއްފަހަރާ ހަ ކައިވެނި ވަނީ ކޮށްފައި

ލަސްވެގަސްއަކީ ޖުވާގެ މައްޗަށް ބިނާވެފައިވާ ސަހަރެކެވެ.

އއިބްރާހީމްް ސަމީރު10 ޖުލައި 2026

ލަސްވެގަސްއަކީ ޖުވާގެ މައްޗަށް ބިނާވެފައިވާ ސަހަރެކެވެ. އެތަނުގެ ކޮންމެ ދިމާއަކުން ވެސް ފެންނަނީ ނަސީބާއި، ޚިޔާލީ ދުނިޔެއާއި، ނަސީބު ދިމާކޮށްލުމުން މުޅި ދިރިއުޅުން ބަދަލުވެދާނެ ކަމުގެ އުއްމީދުތަކެވެ. ނަމަވެސް، މަކަރާއި ހީލަތަކީ އެ ސަހަރުގެ "އާންމު ބަހުރުވަ" ކަމުގައި ވިޔަސް، ޖިއާޔިން ޗެން ކުރި ކަންތައްތަކަކީ ހަމަ އެންމެން ވެސް ހައިރާން ކުރުވި ކަމެކެވެ.

ފުލުހުންގެ އަތްދަށަށް އޭނާ ދިޔައިރު، އޭނާ ހުރީ އެއްފަހަރާ 6 ފިރިހެނުންނާ ކައިވެނިކޮށްގެންނެވެ. އަދި ޗައިނާގައި އުޅޭ އޭނާގެ "ބަލިވެ އުޅޭ" ތިމާގެ މީހުންނަށް ފަރުވާ ކުރުމަށް ކަމަށް ބުނެ، ދިހަވަރަކަށް މީހުން އަތުން އެތައް ހާސް ޑޮލަރެއް އޭނާ ވަނީ ޕަކަޅާފައެވެ. އޭނާގެ ވާހަކަ އަބަދުވެސް އޮންނަނީ އެއްގޮތަކަށެވެ. ބަލި މަންމައެއް، ހޮސްޕިޓަލް ބިލެއް، އަދި އަވަސް ފައިސާގެ އެހީއެއް ބޭނުންވުމެވެ. ފިރީންގެ ގޮތުގައި ގެންގުޅުނު އެ ފިރިހެނުންނަށް ހީވެފައި އޮތީ، އެމީހުން އެކުރަނީ އިންސާނިއްޔަތަށް ބޮޑު މަސައްކަތެއް ކަމަށެވެ. އެކަމަކު ހަގީގަތަކީ، އެއީ ފައިސާ ހޯދަން އޭނާ ކުޅުނު ޑްރާމާއެކެވެ.

ފުލުހުން ޖޫން 4 ގައި އޭނާ ހައްޔަރުކުރިއިރު އަތުގައި އޮތީ "ވިކީ ލިއަންގް" ގެ ނަމުގައި އޮތް އެމެރިކާގެ ޕާސްޕޯޓަކާއި ނެވާޑާގެ ޑްރައިވިން ލައިސަންސެކެވެ. ނަމަވެސް ޑްރައިވިން ލައިސަންސްގެ ރެކޯޑުތަކުން އެ ނަމުގެ އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

ކްލާކް ކައުންޓީ މެރިއޭޖް ލައިސަންސް ބިއުރޯގެ ޑޭޓާބޭސް ތެރެއަށް މި ނަން ވައްދާލުމުން، ހުރިހާ ސިއްރެއް ބޭޒާރުވިއެވެ. އެއް އަންހެނަކު، އެތައް ނަމެއްގައި، އެތައް ފަހަރަކު ކައިވެނީގެ އެޕްލިކޭޝަންތައް ހުށަހަޅާފައި ވެއެވެ. 2019 އިން 2024 އަށް އޭނާ ވަނީ 14 ކައިވެނީގެ ލައިސަންސް ހޯދަން އެދިފައެވެ. އޭގެ ތެރެއިން ހަތް ސެޓްފިކެޓް އިޝޫ ކޮށްފައިވެއެވެ. ހައްޔަރުކުރިއިރު އޭނާ ހުރީ 6 ފިރިހެނުންނާ ކައިވެނިކޮށްގެންނެވެ.

މި ހުރިހާ ފިރިހެނުންނަށް ވެސް އޭނާ ދިމާވީ ޑޭޓިން އެޕްތަކުންނެވެ. އޭނާގެ އުކުޅު ވަރަށް ސާފެވެ. އަވަހަށް ލޯބި ދިނުން، ކައިވެނީގެ ވައުދުތައް ވުން، އަދި ކަރުދާސްތަކުގައި ސޮއިކުރުމަށްފަހު "ކްރައިސިސް" ނުވަތަ ބޮޑު މައްސަލައެއް ޖެހުނު ކަމަށް ބުނެ ޕަކަޅާލުމެވެ.

އޭނާގެ މި ޖަރީމާތަކުން 100،000 ޑޮލަރަށްވުރެ ގިނަ ފައިސާ ވަނީ ހޯދާފައެވެ. މީގެ ކުރިން އޭނާ ހައްޔަރު ކުރި ނަމަވެސް، ޝަރީއަތަށް ނުގޮސް އޭނާ ވަނީ ގެއްލިފައެވެ. ނަމަވެސް މިފަހަރު އޭނާއަށް ފާރަލަމުން ދިޔަ ފުލުހުން، 7 ވަނަ ފިރިމީހާ ހޯދަން އުޅެނިކޮށް އޭނާ އަތުލައިގަތީއެވެ.

ޖިއާޔިން ޗެންގެ މި މައްސަލަ ހިތްދަތި މައްސަލައަކަށް ވަނީ، ހަމައެކަނި ފައިސާގެ މައްސަލައަކަށް ވާތީއެއް ނޫނެވެ. އޭނާ ކުޅުނީ މީހުންގެ އިހުސާސްތަކާ އެވެ. ކައިވެންޏަކީ ވައުދެއް ކަމަށްވާއިރު، އެ ވައުދު އޭނާ ހަތިޔާރަކަށް ހެދީއެވެ. އޭނާ އަކީ "އިމޯޝަނަލް އިންޖިނިއަރ" އެއް ކަމަށް މާހިރުން ބުނެއެވެ. އެކަނިވެރިކަމުން ގޮތް ހުސްވެފައިވާ، އެކަކުވެސް ނެތް މީހުންގެ ބަލި ފައި އޭނާ ދަނެއެވެ.

ލަސްވެގަސްގެ ޑިމް ލައިޓްތަކުގެ އަލީގައި، މީހުންގެ އައިޑެންޓިޓީ ބަދަލުކޮށްގެން މީހުންނަށް އޮޅުވާލުން އޭނާގެ ދިރިއުޅުމަކަށް ހެދިއެވެ. މިއީ ފަސް އަހަރު ދުވަހު އޭނާ ކުރިއަށް ގެންދިޔަ "އެކްޓިން" އެކެވެ.

ޗެން މިހާރު ތައްޔާރުވަމުންދަނީ ކޯޓުގައި ކުށަށް އިއުތިރާފު ވުމަށެވެ. އެ ޤާނޫނީ ބައި މި ނިމުނީއެވެ. ނަމަވެސް، އޭނާ ކައިވެނި ކުރި ފިރިހެނުންނަށް މިހާރު އިހުސާސް ކުރެވޭނީ ކޮންކަހަލަ ހިތްދަތިކަމެއް ބާވައެވެ؟

އެމީހުން ލޯބިވި، އިތުބާރު ކުރި އަންހެނަކީ ހަގީގަތުގައި ނެތް މީހެއްކަން އެނގުމުން އެމީހުންގެ ދިރިއުޅުން މިހާރު މިވަނީ ބިކަވެފައެވެ.

ޖިއާޔިން ޗެން ކުރީ ޖުވާ ކުޅުމުގެ އަމަލެކެވެ. އެތައް އަހަރެއް ވަންދެން އޭނާ ދިޔައީ މޮޅު ވަމުންނެވެ. ނަމަވެސް، އެންމެ ފަހުން ގޮޅިން އޭނާގެ ނަސީބު ކެޓީއެވެ.

އޮޅުވާލުމާއި މަކަރު

ގުޅުންހުރި ޚަބަރު