އެއްވެސް ގައުމަކަށް އިސްވެ ހަމަލާ ދީފައި ނުވާނޭ ކަމަށް އީރާނުން ބުނެފިއެވެ. އެގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވީ އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާނީ އަމިއްލަ ދިފާޢުގައި ހަނގުރާމަ ކުރުމަށް ބައިނަލްއަގުވާމީ ޤާނޫނުތަކުން ލިބިދީފައިވަނީ ހައްގުގެ ތެރެއިން ކަމަށެވެ. "އީރާނުން ފާރިސީ ގަލްފުގެ ދެކުނުގެ އައްސޭރިފަށުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި އެސެޓްތަކަށް ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ ޤާނޫނުތަކުން އަމިއްލައަށް ދިފާޢުވުމުގެ ހައްގުގެ ބޭނުން ކޮށްގެން ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ބަޤާއީ ވިދާޅުވީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ ނަގަންޖެހޭނީ އެމެރިކާގެ އަސްކަރީ ވަސީލަތްތައް ހުރި ސަރަހައްދީ ގައުމުތަކުން ކަމަށެވެ. އެމެރިކާއިން އީރާނަށް ހަމަލާ ދިނުމަށް އެ ގައުމުތަކުގެ ބިންތައް ބޭނުން ކުރުން ހުއްޓުވުމަށް އެފަދަ ޤައުމުތަކަށް ގޮވާލާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ އީރާނުން އަމިއްލަ ނަފްސު ދިފާއު ކުރާތީ ފާޑު ކިޔުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ. ބަޤާއީ މިހެން ވިދާޅުވީ އދ. ގެ ތަރުޖަމާނުގެ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ތަރުޖަމާނު ވިދާޅުވެފައިވަނީ އީރާނުން ސަރަހައްދީ ގައުމުތަކުގައި ހުންނަ އެމެރިކާގެ ބޭސްތަކާއި ހޮރްމޫޒް ކަނޑުއޮޅިގައި ހުރި އުޅަނދުތަކަށް ހަމަލާ ދިނުމުން ކަންބޮޑުވާ ކަމަށެވެ.
ބަޤާއީ ވިދާޅުވީ އީރާނުން އެ ސަރަޙައްދުގައި ހިންގަމުންދާ އަސްކަރީ ޙަރަކާތްތަކަކީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންގެންދާ ވަރުގަދަ އަސްކަރީ ޙަމަލާތަކާ ދެކޮޅަށް އަމިއްލަ ދިފާޢުގައި ހިންގާ ހަރަކާތެއް ކަމަށެވެ.
"މިއީ އަސްކަރީ ކުރިމަތިލުމެއް ނޫން. މިއީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި ޒަޔަނިސްޓް ސަރުކާރުން އީރާނާ ދެކޮޅަށް ފާޅުގައި ފެށި އަސްކަރީ ހަމަލާތައްކަށް އިތުރުވެގެންދާ ބޮޅުތަކެއް،"އޭނާ ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވީ އީރާނުން އަބަދުވެސް އަމަލު ކުރަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.





