ދިވެހި|English 12 އޮގަސްޓު 2026 · 13:03
Top banner
Advertisement
ހަނދަށް ގެންދިޔަ ދިވެހި ދިދަ އާއި ހަނދުން ގެނައި ހަތަރު ހިލަކޮޅު
ރިޕޯޓް

ހަނދަށް ގެންދިޔަ ދިވެހި ދިދަ އާއި ހަނދުން ގެނައި ހަތަރު ހިލަކޮޅު

ހަނދަށް ގެންދިޔަ ދިވެހި ދިދަ އާއި ހަނދުން ގެނައި ހަތަރު ހިލަކޮޅުގެ ވާހަކަ

ޢޢަބްދުﷲ ސަޢީދު12 އޮގަސްޓު 2026

ހަނދުގެ ބިމުގައި އެންމެ ފުރަތަމަ ފައިތިލަ ޖެއްސި ޝަރަފުވެރިޔަކީ ނީލް އާމްސްޓްރޯންގް އެވެ. އެތާރީޚީ ވަގުތަކީ 1969 ޖުލައި 21 ވަނަ ދުވަހު މާލޭގަޑިން ހެނދުނު 7:56 އެވެ. މިއީ އޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި އޮތް ވަގުތެވެ. ހަނދަށް އިންސާނުން ދިއުމުގެ މި ތާރީޚީ ކާމިޔާބީގައި ދުނިޔޭގެ 72 ޤައުމަކުން ބައިވެރިވެ ހަނދަށް އެ ޤައުމުތަކުގެ ފަރާތުން ދިދަ އާއި މެސެޖުތައް ފޮނުވިއެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދިދަ ވެސް ހިމެނެއެވެ. އެ ދިދައާ އެކު ހަނދުން ގެނައި ހަތަރު ހިލަކޮޅެއް ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރުގައި އާންމުކޮށް ފެންނަގޮތަށް ބަހައްޓާފައި ހުންނަތާ އެތައް އަހަރެއް ވެއްޖެއެވެ.

ހަނދުން ގެނައި ހަތަރު ހިލަކޮޅު އެތެރެއަށް ލައިގެން ވަނީ އަނގޮޓީގެ އެހެއް ހަދާހެން ހަދާފައެވެ. މިއިން ހިލަކޮޅެއްގެ ބޮޑުމިން ވަނީ ބަލާބެލުމަށް ކުޑަ ހަނޑޫފުކެއް ވަރެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިދައިގެ އިތުރުން ދިވެހީންގެ ފަރާތުން ހަނދުގެ ސަތަހައިގައި ޚާއްޞަ މެސެޖެއް ވެސް ބޭއްވިއެވެ. މި މެސެޖުގައިވާ އިބާރާތުގެ ތަރުޖަމާއަކީ "ޞުލްޙައާއި ހެޔޮއެދުންތަކުގެ މި މެސެޖް އަކީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން ފޮނުވި މެސެޖް އެކެވެ. މި ގެނެވުނީ ދުނިޔެއިން އެންމެ ފުރަތަމަ، ހަނދުގައި ފައިތިލަ ޖެއްސި މީހުންގެ ޒަރީއާއިންނެވެ." މި މެސެޖް ލިޔެފައި ވަނީ އެމެރިކާގެ 50 ސެންޓުގެ ފައިސާ ފޮއްޗަކާއި އެއްވަރު ސިލިކަން ފޮއްޗެއްގައެެވެ.

އެންމެ ފުރަތަމަ އިންސާނުން ހަނދަށް ފޮނުވި ޤައުމެއްގެ ޝަރަފު ހޯދީ އެމެރިކާއިންނެވެ. މިކަން ފާހަގަކުރައްވައި 21 ޖުލައި 1969ގައި ދިވެހި ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ވަނީ އެމެރިކާގެ ރައީސް ރިޗަރޑް ނިކްސަން އަށް ތަހުނިޔާގެ މެސެޖެއް ވެސް ފޮނުއްވާފައެވެ. އެމެރިކާއިން ހަނދަށް ކުރި މި ތާރީޚީ ދަތުރުގައި ދިވެހިރާއްޖެއަކީ މި ކާމިޔާބީގެ ބައިވެރިވި ދުނިޔޭގެ 72 ޤައުމުގެ ތެރޭގައި ހިމެނޭ ބައިވެރިއެކެވެ. އަދި އެ މަޝްރޫޢު ރޭޑިޔޯ އާއި ނޫސްތަކުން ވަރަށް ފުރިހަމައަށް ކަވަރުކުރި ޤައުމެކެވެ.

އެމެރިކާއިން ހަނދަށް އިންސާނަކު ފޮނުވުމުގެ މަޝްރޫޢުގައި ނީލް އާމްސްޓްރޯންގް، ބަޒް އަލްޑްރިން އަދި މައިކަލް ކޮލިންސް ހަނދަށް ދިޔުމަށް ޓަކައި އެޕޯލޯ 11 އެމެރިކާގެ ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުން އުދުއްސާލީ، 16 ޖުލައި 1969 ގައި، ރާއްޖޭގަޑިން 6:32 ގައެވެ. އެ ވަގުތުން ފެށިގެން ރޭޑިއޯއިން ތާޒާކަމާއެކު ޚަބަރުތައް ގެނެސްދެމުން ދިޔައެވެ. އަދި ނޫސްތަކުގައި ކުރެހުންތަކާއެކު އެ މަޢުލޫމާތު ޝާއިޢުކުރަމުން ދިޔައެވެ.

ހަނދަށް ކުރި މި ކާމިޔާބު ދަތުރަށްފަހު އެޕޯލޯ 11 ތިރިކުރީ ޕެސިފިކް ކަނޑަށެވެ. އެއީ 1969 ޖުލައި 24 ވީ ހުކުރު ވިލޭރޭ ދިވެހިރާއްޖޭގެ ގަޑިން 10 ޖެހުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ. ހަނދަށް ދިޔަ އެމެރިކާގެ އެސްޓްރޮނޯޓުން ހަނދުގެ ބިމުން 50 ކިލޯގްރާމުގެ ހިލަ ގެނެސްފައިވެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރުގައި ދައްކާލަން ބާއްވާފައި އެ އޮތީ އޭގެތެރެއިން ހަތަރު ހިލަކޮޅެވެ.

ގުޅުންހުރި ޚަބަރު