މި ސަރުކާރުން ވެރިކަމަށް އައީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކަށް ހަގީގީ ހައްލެއް ހޯދައިދިނުމުގެ އިޚްލާސްތެރި ނިޔަތާއެކުގައި ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން މަސްވެރިކަމުގެ ސިނާއަތުގައި ބޮޑެތި ގޮންޖެހުންތަކެއް އުފައްދާފައިވާ ކަމަށެވެ. އެހެންނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރާ ހަވާލުވެވަދަޑައިގެންނެވީ މި މައްސަލަތައް ހައްލުކުރެއްވުމުގެ މެނިފެސްޓޯއަކާއެކު ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ ކުރީގެ ސަރުކާރުތަކުން މަސްވެރިންނަށް ކޮށްދިންހާވެސް ކަމަކީ ސަބްސިޑި ދިނުން ކަމަށްވެސް ވިދާޅުވިއެވެ. އޭގެ ބަދަލުގައި މަސްވެރިކަމުގެ ސިނާއަތް ވަރުގަދަ ކުރުމަށް ބޮޑެތި އިންވެސްޓްމެންޓުތައް ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. މި މަސައްކަތްތައް މިސަރުކާރުން ދަނީ ކުރަމުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ދާއިރާ ރަނގަޅު ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސް ފެކްޓްރީތައް ގާއިމުކޮށް، ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ކެޕެސިޓީ 50 ޓަނުން 300 ޓަނަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ވެސް ވިދާޅުވިއެވެ.
އެހެން ސަރުކާރުތަކުން މަސްވެރިކަމަށް ނުކުރާވަރުގެ ބޮޑެތި އިންވެސްޓްމެންޓްތައް މިސަރުކާރުންކޮށް ސިނާއަތް ފުޅާ ކުރައްވާނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.





