ޖުމްހޫރީ ނިޒާމެއްގައި ދައުލަތުގެ އެންމެހާ ބާރުތައް އުފެދިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި، އެ ބާރަކީ ރައްޔިތުންގެ ނުހަނު ބޮޑު އަމާނާތެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
މިއަދު ރާއްޖޭގައި ފާހަގަ ކުރަމުންދާ ޖުމްހޫރީ ދުވަހާގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސާލިހު ވިދާޅުވެފައިވަނީ "ޖުމްހޫރީ ދުވަހަކީ މި މަތިވެރި އަމާނާތުގެ މަތިން ހަނދާންކޮށް، ޖުމްހޫރީ އަސާސުތަކާއި ހަމަތަކުގެ މަތީގައި ދެމިތިބުމަށް ޢަޒުމް އާކުރަންވީ މުހިންމު ދުވަހެއް،" ކަމަށެވެ.
މި ޕޯސްޓުގައި އެމަނިކުފާނު ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.





