ދިވެހިރާއްޖޭގެ ބިމުގެ މިލްކުވެރިކަމާއި ދިވެހިރާއްޖެގައި ވަޒަންވެރިވުމުގެ ހައްގަކީ ވިޔަފާރިއާއި ފައިސާއަށްޓަކައި ދޫކޮށްލައިގެންވާނޭ ކަންކަމެއްނޫން ކަމަށް ކުރީގެ ހޯމްމިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ވިދާޅުވީ ފައިސާ ބޭނުންވިޔަސް ފައިސާއަށްޓަކާ ދޫކޮށްލައިގެން ނުވާނޭ ކަންކަން ހުންނަންވާނޭ ކަމަށެވެ.
އުމަރު ވިދާޅުވީ ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އޮތް ދިވެހިރާއްޖޭގެ ރިއަލްއެސްޓޭޓު ވިޔަފަރި ކުރުމުގެ ބިލުގެ 78 ވަނަ މާއްދާއު 89 ވަނަ މާއްދާ އޮތްގޮތުން ދިވެހިރާއްޖޭގައި ބިދޭސީންގެ އެތައް ސަތޭކަބަޔަކަށް އައިސް ދިވެހި ބިމުގެ މިލްކުވެރިކަން ތާއަބަދަށް ހޯދިދާނެ ކަމަށެވެ. އަދި އެމީހުންނަށް ރެސިޑެންޓް ވިސާ ދޫކޮށްފި ކަމަށްވާނަމަ ރާއްޖޭގައި ވަޒަންވެރިވެގެންތިބުމުގެ ފުރުސަތުވެސް އެމީހުންނަށް ހުޅުވިގެންދާނޭ ކަމަށެވެ. "ދިވެހިރާއްޖޭގެ ބިން މިލްކު ކޮށްގެން ވަޒަންވެރިވެގެން އެތައް ސަތޭކަބަޔަކު އަޅުގަނޑުމެންގެ ދީން ނޫން އެހެން ދީނަކަށްތިބި ބަޔަކު އަޅުގަނޑުމެންގެ ނަސްލު ނޫން އެހެންނަސްލަކަށް ތިބިބަޔަކު އަޅުގަނޑުމެންގެ ބަސް ނޫން އެހެން ބަހަކުން ވާހަކަ ދައްކާބަޔަކު ތިބުމަކީ އަޅުގަނޑުމެންގެ މުޅިގައުމުގެ އައިޑެންޓިޓީއަށް ބަދަލު އަންނާނެ ކަމެއް،" އޭނާ ވިދާޅުވިއެވެ.
އެހެންކަމުން މިފަދަ ކަންކަމަކީ އެއްގޮތަކަށް ވެސް "އަޅުގަނޑުމެން ކޮށްގެންވާނޭ ކަމެއްނޫން" ކަމަށް އޭނާ ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރާއްޖޭގައި ރިއަލްއެސްޓޭޓު ވިޔަފާރި ވެސް ކުރަންވާނޭ ކަމަށެވެ. އަދި ބިދޭސީންނާއެކު ވެސް އެ ވިޔަފާރި ރާއްޖޭގައި ކުރަންވާނޭ ކަމަށވެ. އެކަމަކު ކުރަންވާނ "އަޅުގަނޑުމެން ގަބޫލުކުރާ ހަމަތަކާއި އުސޫލަތަކުގެ ތެރެއިން،" ކަމަށް ވިދާޅުވިއެވެ.
އުމަރު މިހެން ވދާޅުވީ ރަސްމާލެ މަޝްރޫއާ ބެހޭ ގޮތުން ބައެއް މީހުންގެ މެދުގައި ޚިޔާލު ތަފާތުވެ ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.





