ދިވެހި ފުލުހުންގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު އިތުރަށް ތަރައްގީކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސައިބަރ ސެކިއުރިޓީގެ ހެޑް، ޑރ. މުޙައްމަދު އަލް ކުވެއިތީއާ މަޝްވަރާކުރައްވައިފި ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި މަޝްވަރާގައި ޑރ. މުޙައްމަދު އަލް ކުވެއިތީ އާއި އެ ޤައުމުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މަޝްވަރާގެ ތެރޭގައި ފުލުހުންގެ އިންސާނީ ވަސީލަތް ބިނާކުރުމުގެ މުހިންމު ކަމާބެހޭ ގޮތުން ވެސް ވަނީ ވާހަކަދައްކައިފައެވެ. އެގޮތުން ދިވެހި ފުލުހުންނަށް ބޭނުންވާ އިތުރު ތަމްރީނުތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
"ޚާއްސަކޮށް، ދުނިޔޭގެ ޓެކްނޮލޮޖީއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކޮށް، ފުލުހުންގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު އިތުރަށް ތަރައްގީކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް ވާހަކަދެކެވުނެވެ."
މި މަޝްވަރާ ބިނާކޮށްފައިވަނީ ޔޫ.އޭ.އީ ސަރުކާރުގެ އެހީތެރިކަމާއެކު ދިވެހި ފުލުހުންގެ އިންވެސްޓިގޭޝަން އަދި އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ކުރިއަށްދާ ޕްރޮޖެކްޓުތަކާ ގުޅޭގޮތުން ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އަދި މި މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ މެދު ދެފަރާތުން ފުޅާދާއިރާއެއްގައި ހިޔާލު ބަދަލުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ދެފަރާތުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ޔޫ.އޭ.އީ އިން ދިވެހި ފުލުހުންނަށް ދެއްވަމުންދާ އެހީތެރިކަމަށްޓަކައި ކޮމިޝަނަރ އޮފް ޕޮލިސް ޝުކުރު އަދާކުރެއްވިއެވެ.
ޔޫއޭއީގެ ވަފުދުގެ މި ދަތުރުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނާވެސް ބައްދަލުކުރައްވާފައިވެއެވެ.





