އެމެރިކާގެ ރައީސުގެ މަޤާމުގައި ޑޮނަލްޑް ޓުރަމްޕް ހުރެ އޭނާގެ ވިޔަފާރިތަކަށް ފައިސާ އޮހެމުންދާ މިންވަރުގެ ސަބަބުން ވޮޝިންޓަންގައި ވަނީ އާދަޔާ ޚިލާފު ސުލޫކީ ބަހުސެއް އުފެދިފައެވެ. 2025 ވަނަ އަހަރުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ޓުރަމްޕުގެ ކްރިޕްޓޯކަރަންސީ ވެންޗާތަކުން އެކަނިވެސް 1.4 ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، އޭގެ ތެރޭގައި ވޯލްޑް ލިބަޓީ ފައިނޭންޝަލްއާއި، އޭނާގެ މީމް ކޮއިން އާއި ގުޅިފައިވާ އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހިމެނެއެވެ.
ރޮއިޓާސްއިން ހިންގި ތަޙުޤީޤެއްގައި އަންދާޒާކޮށްފައިވާ ގޮތުގައި ޓުރަމްޕުގެ ޢާއިލާ ޖެނުއަރީ 2025 ގައި ވައިޓް ހައުސްއަށް ބަދަލުވި ފަހުން ކްރިޕްޓޯ ޕްރޮޖެކްޓްތަކުން އެކަނިވެސް މަދުވެގެން 2.3 ބިލިއަން ޑޮލަރު، އެ ޢާއިލާއަށް ލިބިފައިވެއެވެ. އަދި ފޯބްސްއިން އަންދާޒާކުރާ ގޮތުގައި ވިޔަފާރިއާއި، އެސެޓް ވިއްކައިގެން 2025 ވަނަ އަހަރު ޓްރަމްޕުގެ ޒާތީ އާމްދަނީ ގާތްގަނޑަކަށް 2.4 ބިލިއަން ޑޮލަރަށް އަރާނެއެވެ.
އެމެރިކާގައި ކުރިން ރައީސްކަން ކުރި 15 ރައީސުންނަށް އެމީހުންގެ ދައުރުގައި ޖުމްލަ ލިބިފައިވަނީ 40 މިލިއަން ޑޮލަރުކަމަށް ބުނެވެއެވެ. އެހެންނަމަވެސް، އިތުބާރު ކުރެވޭ މިޢުޔާރީ ހިސާބުތަކެއް ނެތުމުން، ކުރީގެ 15 ރައީސުންނަށް ލިބުނީ އެންމެ 40 މިލިއަން ޑޮލަރު ކަމަށް ބުނެ އަޅައިކިޔުމަކީ އެންމެ އިންސާފުވެރި ގޮތް ކަމުގައި ނުވެދާނެއެވެ.
އެކަމަކު، މިހާތަނަށް ޔަޤީންކުރެވިފައިވާ ޢަދަދުތަކުން އެކަނިވެސް ޓުރަމްޕު ވެރިކަމުގައި ހުރެ ހިންގަމުންދާ މާލީ ޖަރީމާތަކާ މެދު އެމެރިކާގެ ރައްޔިތުން ތިބީ ހައިރާންވެފައެވެ. ކްރިޕްޓޯ ލައިސަންސާއި، ރިސޯޓް ވިޔަފާރިއާއި އަދި އެހެނިހެން ވިޔަފާރިތަކާ ގުޅިފައިވާ ވިޔަފާރިތަކުން ވެރިކަމުގައި ހުރި ރައީސަކު މާލީ ގޮތުން މަންފާ ހޯދުމަކީ މަސްލަޙަތު ފުށުއަރާ ކަމެކެވެ. އަދި މިހާތަނަށް ރިޕޯޓްކޮށްފައިވާ ޢަދަދުތަކުން މުހިންމު ސުވާލުތަކެއް އުފެދެއެވެ. ވެރިކަމުގައި ހުރި ރައީސެއްގެ އަމިއްލަ ވިޔަފާރިތަކުން ވެރިކަމުގައި ހުރެގެން މާލީ މަންފާ ހޯދަމުންދާއިރު، ވިޔަފާރީގެ މަސްލަޙަތު ޙިމާޔަތްކުރާނީ ކިހިނެއްތޯއާއި، އަދި އާންމުންގެ ބާރާއި، އަމިއްލަ ފައިދާއާ ދެމެދު ރޮނގެއް ދަމާލަންވީ ކިހާ ހިސާބަކުންތޯ އެއީ މިވަގުތު އެމެރިކާގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލެވެ. އެމެރިކާގެ އާންމު ރައްޔިތުން ދެކޭ ގޮތުގައި ޓުރަމްޕުގެ ސަރުކާރަކީ މިހާތަނަށް އެމެރިކާގައި ގާއިމުވި އެންމެ ކޮރަޕްޓް އެއް ސަރުކާރެވެ.





