ލުބްނާނުގެ އާ ސަރަހައްދުތަކެއް ހިފުމަށް އިސްރާއީލުން ކުރާ ކޮންމެ މަސައްކަތަކަށް "އެކަށީގެންވާ ރައްދެއް" ދޭނޭ ކަމުގެ އިންޒާރު ހިޒްބުﷲ ޖަމާއަތުގެ ސިޔާސީ ކައުންސިލުގެ ނާއިބު ރައީސް މަހްމޫދު ގަމާތީ ދެއްވައިފިއެވެ.
އޭނާއާ ހަވާލާދީ ފަލަސްތީނުގެ ނިއުސް އޭޖެންސީ ސަމާގައި ބުނެފައިވަނީ އޭނާ މިއިންޒާރު ދީފައިވަނީ ހޮނިހިރު ދުވަހު ކަމަށެވެ. މިދުވަސްވަރަކީ ލުބްނާންގެ ދެކުނުގެ ބައެއް ސަރަހައްދުތައް އިސްރާއީލުގެ ހައްދުފަހަނައަޅާފައިިވާ ބާރުގެ ދަށަށް ގެނެސްފައިވާ ދުވަސްވަރެެކެވެ. ލުބްނާން ސަރުކާރުން ގެންދަނީ އިޒްރޭލް ސިފައިން އެސަރަހައްދުން ބޭރުކުރުމަށް ސިޔާސީގޮތުން މަސައްކަތް ކުރަމުންނެވެ.
ގަމާތީ ވިދާޅުވީ، ހިޒްބުﷲ އިން އަބަދުވެސް އިސްކަންދެނީ ކެތްތެރިކަމާއެކު ކަަންކަން ހައްލު ކުރަން ކަމަށެވެ. އެހެންކަމުން އިސްތިއުމާރުކޮށްފައިވާ ލުބްނާންގެ ބިންތައް މިނިވަންކުރުމަށް ސިޔާސީ މަރުހަލާއަށް ފުރުސަތު ދީގެން މިހާރުތިބީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، "އިސްރާއީލުގެ އުދުވާންތަކަށް ރައްދުނުދީ މަޑުންތިބީ ހިޒްބްﷲ ބަލިކަށިވެގެން ނުވަތަ ނުކުޅެދިފައިވާތީ ނޫންކަމަށެވެ. ހިޒްބުﷲ އަދިވެސް އޮތީ ކޮންމެ ވަގުތަކުވެސް އިޒްރޭލަށް ހަމަލާދެވޭހާ ވަރުގަދަކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
ގަމާތީ ވިދާޅުވީ، ލުބްނާންގެ ބިމުން އައުސަރަހައްދެއް ހިފުމަށް އިޒްރޭލުންކުރާ ކޮންމެ މަސައްކަތަކާ ދެކޮޅަށް އެކަށީގެންވާ ރައްދެއް ދޭނޭކަމަށެވެ. އަދި ލުބްނާންގެ ދެކުނުގައިވާ ހިޒްބުﷲގެ ސަފުތަކުގެ ތެރޭގައި އީރާނުގެ ހަނގުރާމަވެރިން ތިބިކަމަށް ދެކެވޭ ވާހަކަތައް ވެސް އޭނާ ވަނީ ދޮގުކުރައްވާފައެވެ.
އިސްރާއީލު ރެޖީމުން ވަނީ މާޗް 2 ގައި ލުބްނާނާ ދެކޮޅަށް ބޮޑު އުދުވާނެއް ފަށައިިފައެވެ. މީގެ ސަބަބުން ގިނަ ބަޔަކު ވަނީ މަރުވެ، އެތައް މިލިއަން މީހުން ވަނީ ހާލުގައި ޖެހިފައެވެ. މި އުދުވާނުގައި އިޒްރޭލުންވަނީ ލެބްނާނުގެ ދެކުނުން ބައެއް ސަރަހައްދުތައް ހިފައިފައެވެ.
އިޒްރޭލުން މިހުރިހާ ޖަރީމާއެއް ހިންގަމުންމިދަނީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަގުސަދުގައި، އެމެރިކާ މެދުވެރިއަކަށްވެގެން ތައްޔާރުކުރި ފްރޭމްވޯކް އެގްރީމަންޓްގައި ލެބްނާނާއެކު ސޮއިވެސް ކުރުމަށްފަހުގައެވެ. ނަމަވެސް، މި އެއްބަސްވުމުގެ ގާނޫނީ ސައްހަކަމާމެދު އެއްވެެސް ޔަގީންކަމެއްނެތެވެ. އަދި އިސްރާއީލު ރެޖީމްގެ ބާރުތައް ބޭރުކުރުމަށް ސާފު ތާވަލެއް ވެސް އެއްބަސްވުމުގައި ނެތެވެ. އެހެންކަމުން މި އެއްބަސްވުމަށް ވަނީ އެތައްބައެއްްގެ ފާޑުކިއުންތައް އަމާޒުވެފައެވެ.





