ތެހެރާން، އިރްނާ – އެމެރިކާއާއި ހުޅަނގުގެ ވަކި ޤައުމުތަކަކުން އީރނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ، އަމިއްލައަށް ކަންކަން ކުރުމުގެ ޤާބިލުކަން ހޯދުމަށާއި، ހަތިޔާރުތައް އަމިއްލަ ޤައުމުގައި އުފެއްދުމަށާއި، އަދި ދިފާޢީ ޞިނާޢަތުގައި ބޮޑު ކުރިއެރުމެއް ހޯދުމަށް ލިބުނު ފުރުޞަތަކަށް ބަދަލުވެގެންދިޔަ މުހިންމު ސަބަބުތަކުގެ ތެރެއިން އެއް ސަބަބު ކަމަށް އީރާނުގެ މިނިސްޓްރީ އޮފް ޑިފެންސް އެންޑް އާމްޑް ފޯސަސް ލޮޖިސްޓިކްސްގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް ރެޒާ ޠަލާއީ-ނިކް ވިދާޅުވެއްޖެއެވެ.
ޠަލާއީ-ނިކް ވިދާޅުވި ގޮތުގައި އީރާނުގެ ޓެކްނޮލޮޖީއާއި ދިފާޢީ ޞިނާޢަތުގެ ދާއިރާތައް ބައްޓަންކުރުމުގައި ތަފާތު އެކި ސަބަބުތައް އެކުލެވިގެންވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ އިސްލާމީ އިިންޤިލާބުގެ ލީޑަރުން—އިމާމް ޚުމައިނީ އަދި އިމާމް ޚާމަނާއީ—ދެއްވާފައިވާ އިސްތިރާޖީ އިރުޝާދުތަކާއި، އަމިއްލަ ނަފްސަށް އޮންނަ އިޢުތިމާދާއި "އަހަރެމެންނަށް ކުރެވިދާނެ" ކަމަށް ގަބޫލުކުރާ ރޫޙު ކަމަށެވެ. އަދި އިސްލާމީ އިިންޤިލާބުން އުފެދިގެން އައި މި އުޞޫލުތަކަކީ ޤައުމުގެ ދިފާޢީ ދާއިރާއާއި ޞިނާޢަތުގެ ތެރޭގައި ވަރަށް ފުންކޮށް ހަރުލާފައިވާ ކަންކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވޭތުވެދިޔަ 47 އަހަރުގެ ތެރޭގައި އެމެރިކާއާއި ހުޅަނގުގެ ވަކި ޤައުމުތަކަކުން އީރާނުގެ ސިފައިންނާއި ދިފާޢީ ޞިނާޢަތަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ، އެ ފިޔަވަޅުތަކާއި ހުރަސްތަކުގެ ސަބަބުން އަމިއްލައަށް ކަންކަން ކުރުމުގެ ޤާބިލުކަމަށާއި، ހަތިޔާރާއި ވަޞީލަތްތައް އަމިއްލަ ޤައުމުގައި އުފެއްދުމަށާއި، އަދި ދިފާޢީ ޞިނާޢަތުގައި ބޮޑު ކުރިއެރުމެއް ހޯދުމަށް ލިބުނު ފުރުޞަތަކަށް ބަދަލުވެގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިފާޢީ ވުޒާރާގެ ތަރުޖަމާނު އިތުރަށް ވިދާޅުވީ އީރާނުގެ ދިފާޢީ ޞިނާޢަތު ކުރިއެރުމުގެ އަނެއް ސަބަބަކީ ޢާންމު ރައްޔިތުންގެ ބައިވެރިވުމާއި ޕްރައިވެޓައިޒްކުރުމާއި. ރައްޔިތުން އިސްވެ ތިބެ ހިންގާ މޮޑެލްއަކަށް ދިފާޢީ ޞިނާޢަތް ބަދަލުވުން ކަމަށެވެ/ މިއަދު، ދިފާޢީ ޞިނާޢަތުގައި ބޭނުންކުރާ ހަތިޔާރާއި ވަޞީލަތްތަކަށް ބޭނުންވާ ސަބްސިސްޓަމްތަކާއި، ބައިތަކާއި، އަދި ރޯ މެޓީރިއަލްގެ ތިންބައިކުޅަ ދެބައި އުފައްދަނީ ޢިލްމީ ގޮތުން ކުރިއަރާފައިވާ ކުންފުނިތަކާއި އަމިއްލަ ސެކްޓަރުތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޖެނެރަލް ޠަލާއީ-ނިކް ވިދާޅުވި ގޮތުގައި ހަނގުރާމައިގެ ތަފާތު ދާއިރާތަކަށް ބޭނުންވާ ހަތިޔާރާއި ވަޞީލަތްތައް ފުޅާވެގެންދިޔުމަކީ ވެސް އީރާނުގެ ދިފާޢީ ޞިނާޢަތުން ހޯދާފައިވާ ކާމިޔާބީތަކުގެ ތެރެއިން ކަމެކެވެ. އައު ކަމެއްގެ ގޮތުގައި—އަދި ފަހުގެ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަކީ—ފަހުން ކުރެވުނު ދެ ހަނގުރާމައިގެ ތެރޭގައި ސިފައިންނާއި ދިފާޢީ ޞިނާޢަތުން ހޯދާފައިވާ އިތުރު ޓެކްނޮލޮޖީއާއި، ތަޖުރިބާއާއި، އަދި މައިދާނުން ލިބިފައިވާ ޢިލްމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.





