އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާއިން ޝަހީދުވި ކުޑަކުދިންގެ އަދަދު 21،500 އަށްވުރެ އިތުރުވެފައިވާ ކަމަށް ޣައްޒާގެ ގަވަރމަންޓް މީޑިއާ އޮފީހުން ބުނެފިއެވެ.
މީޑިއާ އޮފީހުން ބުނެފައިވަނީ އިސްރާއީލުގެ ރެޖީމުން ކުޑަކުދިންނާއި އާންމުން މެރުމާއި، އާންމުން ދިރިއުޅޭ ގެތަކަށް ބޮން އަޅަމުންދާ ދިއުން ކުށްވެރިކުރާ ކަމަށެވެ. އެފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަދި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ވެސް ޚިލާފުވުމެއްގެ ގޮތުގައި އެ އޮފީހުން ވަނީ ސިފަކޮށްފައެވެ.
މިޑިއާ އޮފީހުން ބުނެފައިވަނީ އޮކްޓޯބަރު 2023 ގައި ހަނގުރާމަ ފެށުނު ފަހުން ޝަހީދުވި ކުޑަކުދިންގެ އަދަދު މިހާރު 21،500 އަށްވުރެ އިތުރުވެފައިވާ ކަމަށާއި، މިއީ ޣައްޒާގައި ހިނގަމުންދާ އިންސާނީ ނުރައްކާތެރި މުސީބާތުގެ ބޮޑުމިން އަންގައިދޭ އަދަދެއް ކަމަށެވެ.
އިސްރާއީލުން ވަނީ ޣައްޒާގެ ޖުމްލަ 1،275 މިސްކިތުގެ ތެރެއިން 1،244 މިސްކިތަކަށް ހަމަލާދީފައެވެ. މިހަމަލާގައި އޭގެ ތެރެއިން 1،077 މިސްކިތެއް ވަނީ އެއްކޮށް ހަލާކުކޮށްލާފައި ކަމަށް މީޑިއާ އޮފީހުން ހާމަކޮށްފައިވެއެވެ.
އެ އޮފީހުން ބުނެފައިވަނީ މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވައި، ހަމަލާތައް މަޑުޖައްސާލުމުގެ އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރުމަށް އިސްރާއީލަށް ކަމާބެހޭ ބައިނަލްއަގުވާމީ ފަރާތްތަކުން ބާރުއަޅަންޖެހޭ ކަމަށެވެ. އަދި ގަތުލުއާންމު ހުއްޓުވައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް މެދުވެރިން ވަގުތުން ފިޔަވަޅުއެޅުމަށް ވެސް އެ އޮފީހުން ވަނީ ގޮވާލާފައެވެ.
ޒަޔަނިސްޓް ރެޖީމުން ޣައްޒާއަށް ހަމަލާދޭން ފެށީ އޮކްޓޯބަރު 7، 2023 ގައެވެ. ބޭނުމަކީ ހަމާސް ޖަމާއަތް ނައްތާލައި އެމީހުންގެ އަތްދަށުވެފައިތިބި، އިސްރާއީލުގެ އަސީރުން ސަލާމަތް ކުރުމެވެ.
އިސްރާއީލަށް މި މަގްސަދުތައް ހާސިލެއް ނުކުރެވުނެވެ. އެހެންވެ ކުށްވެރިން ބަދަލުކުރުމަށް ހަމާސްއާއެކު އެއްބަސްވުމަކަށް އައުމަށް މަޖުބޫރުވިއެވެ.
އެއަށްފަހު ހަމާސް އިން ވަނީ ޣައްޒާ ހަނގުރާމަ ނިންމައި އަސީރުން ބަދަލު ކުރުމަށް އެއްބަސްވެފައިވާކަން 2025 ވަނަ އަހަރު އޮކްޓޯބަރު 10 ގައި އިއުލާން ކޮށްފައެވެ.
މިއާއެކު އިސްރާއީލުގެ އަސްކަރިއްޔާއިންވެސް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރަންފެށިކަން އިއުލާން ކުރިއެވެ. އިސްރާއީލުން މިކަން އިއުލާންކުރީ 2025 ވަނައަހަރު އޮކްޓޯބަރު 10 ގައެވެ. އެހެންނަމަވެސް އަދިއަދަށް ދާނދެން އެކަން ތަންފީޒުކުރުމަށް ދަނީ ހުރަސްއަޅަމުންނެވެ.





