އިސްލާމްއާބާދު، އައިއާރުއެންއޭ – ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕާކިސްތާނުން އީރާނާއެކު ބައިލެޓްރަލް ވިޔަފާރި ކުރިއަށް ގެންދާނޭ ކަމަށް އެގައުމުން ބުނެފިއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެގައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ތާހިރު އަންދްރާބީ ވިދާޅުވީ ތެހެރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވެސް ޕާކިސްތާނުން ތަބާވާން ނުޖެހޭނޭ ކަމަށެވެ.
އައިއާރުއެންއޭގެ ސުވާލަކަށް ޖަވާބު ދެއްވަމުން އަންދްރާބީ ވިދާޅުވީ، ޕާކިސްތާނުން އަބަދުވެސް އެމެރިކާގެ ބޭއިންސާފު އަދި އެއްކޮޅަށް ބުރަވެފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ބަލައިނުގަންނަ ކަމަށާއި، އެމެރިކާއިން އަޅާފައިވާ އެ ފިޔަވަޅުތައް ގަބޫލުނުކުރާ ކަމަށެވެ. އަދި މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށާއި، އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތަށް އަޅައިފައިވާ ވިޔަވަޅުތަކެއް ކަމަށް ނުބެލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އީރާނަށް ކުރިމަތިކުރުވާފައިވާ އިޤްތިޞާދީ ފިއްތުންތަކަކީ ތެހެރާނާއި ވޮޝިންގްޓަންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ބައެއް ކަމަށެވެ. މި މައްސަލަތައް ޙައްލުކުރަންވާނީ ޚާރިޖީ މަޝްވަރާތަކާއި ވާހަކައްދައްކައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ހުރުމުޒު ކަނޑުއޮޅިއާ ބެހޭގޮތުން ވާހަކަދައްކަވަމުން އަންދްރާބީ ވިދާޅުވީ، ސަރަޙައްދީ މަސައްކަތްތަކުން އަވަސް މުސްތަޤްބަލެއްގައި އެދެވޭ ނަތީޖާއެއް ނުކުންނާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. ނަމަވެސް މި މައްސަލަ ޙައްލުކުރުން ބިނާވެގެންވަނީ އީރާނާއި އެމެރިކާގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޕާކިސްތާނާއި، ސަޢޫދީ ޢަރަބިއްޔާއާއި ތުރުކީން ހަދާފައިވާ އިއްތިހާދާ އީރާނުން ގުޅިދާނެތޯ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، އޭގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ގައުމުތަކަށް ވެސް އެބައޮތް ކަމަށެވެ. އެހެންނަމަވެސް އިތުރު އެއްވެސް ޤައުމަކުން އެ އިއްތިހާދުގެ މެމްބަރުކަމަށް އެދިފައިވާކަން ޕާކިސްތާނަށް އެނގިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހަފްތާގައި ސިފައިންގެ ވެރިޔާ ފީލްޑް މާޝަލް އަސިމް މުނީރު ތެހެރާނަށް ކުރެއްވި ޒިޔާރަތާ ބެހޭގޮތުން އަންދްރާބީ ވިދާޅުވީ، އީރާނުގެ އިސް މަސްއޫލުވެރިންނާއެކު ދެކެވުނު ވާހަކަތަކަކީ އެދެވޭ ވާހަކަތަކެއް ކަމަށާއި، އެއީ މަޝްރަޙު ޙައްލުކުރުމަށް އެހީތެރިވުމަށް އިސްލާމްއާބާދުން ދޭ އަހަންމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށެވެ.
މުނީރު އީރާނަށް ޒިޔާރަތް ކުރެއްވީ އެމެރިކާގެ ރައީސްގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ކަމަށް މީޑިއާތަކުގައި ފެތުރެމުންދާ ވާހަކަތައް އޭނާ ވަނީ ދޮގުކުރައްވާފައެވެ. އަދި އެ ދަތުރުފުޅަކީ ދެޤައުމުގެ ގުޅުމުގެ ދާއިރާއިންނާއި ސުލްޙައިގެ ޚާރިޖީ މަސައްކަތްތަކުގެ ތެރެއިން ކުރެއްވި ދަތުރުފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.





