އިންޖީލީ ދައުރުގެ ޔަހޫދީ ރަސްގެފާނު ހެރޮޑްގެ ދުވަސްވަރުގެ ތަނެއް ކަމަށް ދައުވާކޮށް، ފަލަސްތީނު މީހެއްގެ ބިމެއްގައި ޕާކެއްހެދުމުގެ މަސައްކަތް ހީލަތްތެރި އިސްރާއީލުން ފަށައިފިއެވެ.
އެ މަސައްކަތް ފެށުމަށް ފަހު އިސްރާއީލުން އެތަން އިސްތިހާރު ކުރަމުންދަނީ ފަތުރުވެރިން ޒިޔާރަތްކުރާ ތަނެއްގެ ގޮތުގައެވެ.
އުރުދުން ވާދީ (ޖޯޑަން ވެލީ) ގައިވާ މި ބިމަކީ ފަލަސްތީނުގެ ދަނޑުވެރިއެއް ކަމަށްވާ ސާދު ނިމްރުގެ ބިމެކެވެ. ނަމަވެސް، ޖޫން މަހުގެ ތެރޭގައި އިސްރާއީލުގެ ވަޒަންވެރިން ވަނީ އޭނާގެ ދަނޑުތަކަށް ފެންދޭ ހޮޅިތައް އަތުލައި، ދަނޑުތަކަށް ފެންލިބުން ހުއްޓުވާފައެވެ.
އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސުމޯޓްރިޗް ވިދާޅުވެފައިވަނީ، މި ޕާކު ހަދަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި އުޅޭ ފަލަސްތީނުގެ އަމިއްލަ ފަރުދެއްގެ ބިމުގައި އޮތް ފެންގަނޑެއްގެ ވަށައިގެން ކަމަށެވެ.
"ހެރޮޑްސް ޕޫލްސް" ނަމުގައި ތަރައްގީކުރާ މިތަނަށް 3 މިލިއަން ޝެކެލް ނުވަތަ 1 މިލިއަން އެމެރިކާ ޑޮލަރު ވަނީ ކަނޑައަޅައިފައެވެ.
ވަޒީރު ވިދާޅުވެފައިވަނީ އާދީއްތަ ދުވަހު ފެށި މި މަސައްކަތަކީ "އެ ތަން ރައްކާތެރިކޮށް އާންމުންނަށް ވަދެވޭނެ ގޮތް ހެދުމުގެ މަގުސަދުގައި" ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި "ވަޒަންވެރިކުރުމުގެ އިންގިލާބު ކުރިއަށްދަނީ،" ކަމަށްވެސް ހަރުކަށި ވަޒީރު ވިދާޅުވެފައިވެއެވެ.
އެއްވެސް އިންސާފެއް ނެތް މި އަނިޔާވެރި އަމަލުގެ ސަބަބުން ފަލަސްތީނުގެ ދަނޑުވެރިޔާ ނިމްރަކަށް މިހާރު އެ ތަނަކަށް ނުވަދެވެއެވެ.
އިސްރާއީލުގެ ކަނާތުފިޔައިގެ ސަރުކާރުން ވަނީ މީހުން ވަޒަންވެރިކުރުމުގެ ބޮޑެތި މަޝްރޫއުތައް ވެސް ހިންގާފައެވެ. ސުމޯޓްރިޗް ވިދާޅުވާ ގޮތުގައި މީގެ މަގުސަދަކީ ފަލަސްތީނުގެ ދައުލަތެއް އުފެދުމުގެ ފުރުސަތު މުޅިން ނައްތާލުމެވެ.
ހަރުކަށި މި އަމަލުތަކުގެ ސަބަބުން ވަޒަންވެރިންގެ ނުރައްކާތެރި ހަމަލާތައްވެސް ވަނީ އިތުރުވެފައެވެ. މިއަހަރުގެ މިހާތަނަށް އެކަނިވެސް 1,600 އަށްވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށް އދ. ގެ ރެކޯޑުތަކުން ދައްކައެވެ. މިއީ ދުވާލަކަށް ބަލާނަމަ 6.7 ހަމަލާއެވެ. 2025 ވަނަ އަހަރުގެ ހަމަލާތަކަށް ބަލާއިރު ދުވާލަކު ވަނީ އެވްރެޖުކޮށް 5 ހަމަލާ ދީފައެވެ.





