އޮކްޓޯބަރު 27 ގައި އިސްރާއީލުގައި ބާއްވާ އިންތިޚާބުގައި މިހާރުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫއަށް ތާއީދު ނުކުރާނޭ ކަމަށް އިސްރާއީލުގެ ބައެއް އާންމުން ބުނަން ފަށައިފިއެވެ. އެމީހުން ތުހުމަތު ކުރާގޮތުގައި ހަނގުރާމަވެރިންނާއެކު ދާއިމީ ހަމަޖެހުމެއް ހޯދައިދިނުމުގައި ނަތަންޔާހޫގެ ސަރުކާރު ވަނީ ނުކުޅެދިފައެވެ.
މިފަދަ އެތައް ސަބަބުތަކާހެދި ނަތަންޔާހޫއަށް މިފަހަރު ތާއީދު ކުރެވެންނެތް ކަމަށް އޭނާއަށް ކުރިން ތާއީދުކުރި މީހުން ދަނީ ބުނަމުންނެވެ. ހަނގުރާމައަށްފަހު ބާއްވާ ފުރަތަމަ އިންތިޚާބުގައި ވޯޓުދޭނެ ގޮތަކާމެދު އަލުން ވިސްނަމުންދާ ކަމަށް އެމީހުން ބުނެއެވެ.
"އަހަރެން ދަންނަ ގިނަ މީހުންނަކީ ކަނާތުފިޔައިގެ، ބީބީ (ބެންޖަމިން ނަތަންޔާހޫ) އަށް ތާއީދުކުރި މީހުން، ނަމަވެސް މިއަދު އެމީހުން އެގޮތަށް ނުވިސްނާ،" ގަސް އާލާކުރާ ކާރުޚާނާއެއްގެ ވެރިއެއް ކަމަށްވާ ސިގާލް މަލާކީ ބުންޏެވެ.
ނަތަންޔާހޫއަށް ބޮޑު ތާއީދެއް އޮންނަ ސަރަހައްދުތަކުގެ ބައެއް އާންމުން އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ. "އަހަރެމެންގެ މުޅި އުމުރުގައިވެސް ވޯޓު ދިނީ (ލިކޫޑް ޕާޓީ) ގެ ބީބީ ނަތަންޔާހޫ އަށް. ނަމަވެސް މި އަހަރު އަހަރެން ބޭނުންވަނީ (ގާދީ) އައިޒެންކޮޓް އަށް ވޯޓު ދޭން،" ކަމަށެވެ. އައިޒެންކޮޓް އަކީ ނަތަންޔާހޫގެ ވާދަވެރިޔާ އަދި ކުރީގެ އަސްކަރީ ވެރިޔާ އެވެ.
ނަތަންޔާހޫއަށް ވޯޓުދޭން މީހުން ބޭނުންނުވަނީ އެކި ސަބަބުތަކާ ހެދިއެވެ. އޭގެތެރޭގައި ހިޒްބުﷲ ގެ ހަމަލާތައް ނުހުއްޓުވި މީހުންނަށް ގެއްލުންވުން ހިމެނެއެވެ. ހިޒްބުﷲގެ ހަމަލާތަކުގެ ސަބަބުން އުތުރުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ދިރި އުޅުމަށް ނޭދެވޭ އެތައް އަސަރެއްކޮށް އެތައް ދިހަ ހާސް އިސްރާއީލީންނެއް ގެދޮރުގެއްލުނެވެ. މަލާކީ ފަދަ މީހުންގެ ވިޔަފާރިތައް އެތައް އަހަރަކަށް ބަންދުކުރަން ޖެހުނެވެ.
އިސްރާއީލުގެ އުތުރުގައި އުޅޭ މީހުންނަކީ ލުބުނާނު ފަރާތުން އަންނަ ހަމަލާތަކަށް އާދެވިފައިވާ މީހުންނެވެ. އެހެނަސް އެމީހުން ބުނަނީ މިފަހަރުގެ ހަނގުރާމައިގެ ނުރައްކާތެރިކަން މާ ބޮޑު ކަމަށެވެ.
"އަހަރެމެން ބޮޑުވީ ކަޓްޔޫޝާ (ރޮކެޓް) ތަކާއި ބޮންތަކުގެ ތެރޭގައި، އެކަމަކު ފަހުގެ ހަނގުރާމަ ތަފާތު،" މަލާކީ ބުންޏެވެ. އޭނާ ސިފަކުރި ގޮތުގައި ބޭރަށް ނުކުމެވިއްޖެނަމަ، ސިކުންތެއްގެ ތެރޭގައި ރައްކާތެރި ތަނަކަށް ދިއުމަށް ދުއްވައިގަންނަން ޖެހެއެވެ.
2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބަދަލުކުރެވުނު ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކާއެކު ހަނގުރާމަ މެދުކަނޑާލެވުނު ނަމަވެސް، ގެދޮރު ދޫކޮށް ދިޔަ މީހުންނަށް އެނބުރި އާދެވުނީ 2025 ގެ ކުރީކޮޅުގައެވެ. މިއީވެސް ނަތަންޔާހޫއަށް ތާއިދު ކުޑަވި ސަބަބެކެވެ.
އާންމު ހާލަތަށް ކަންކަން އެނބުރި އަންނަން ފެށީ، އީރާނު ހަނގުރާމަ ފެށުމާއެކު އުތުރުގެ ފްރަންޓް އަލުން ހުޅުވުމުމުންނެވެ.





