ޣައްޒާއަށް އިސްރާއީލުން ދެމުންދާ ޢުދުންވާނީ ޙަމަލާތަކަށް ތިން އަހަރު ފުރުމާ ގުޅިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ބަޔާނެއް ދެއްވައިފިއެވެ. އޭނާގެ މިބަޔާނަށް ރައްދު ދެއްވައި ހަމާސް އިން ބުނެފައިވަނީ އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ހިމެނޭ ބަޔާނެއް ކަމަށެވެ. އޭނާ ވަނީ ތާރީޚީ ޙަޤީޤަތްތަކަށް އިންކާރު ވެސް ކޮށްފައި ކަމަށް ޙަމާސްއިން ވަނީ ބުނެފައެވެ. އަދި އެ ބަޔާން ވަރުގަދައަށް ކުށްވެރިކުރާ ކަމަށް ވެސް ބުނެފައިވެއެވެ.
އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ޙަމާސް) އިން ބުނީ އެ ބަޔާނުގައި ހިމެނެނީ ދޮގު މަޢުލޫމާތުތަކެއް ކަމަށެވެ. އެހެން ކަމުން އެކަމާ ހިތާމަ ކުރާ ކަަމަށް ވެސް ވަނީ ބުނެެފައެވެ. އދ. އިން ކުރަންވީ ކަމަކީ ހަގީގަތާ ކުރިމަތިލައި އެތަން އިޞްލާޙުކޮށް ފަލަސްޠީނުގެ މައްސަލަތަކުގައި އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރުން ކަމަށް ހަމާސް އިން ބުނެފައިވެއެވެ.
އެތައް ހާސް ފަލަސްޠީނީން ޝަހީދުވި ޣައްޒާގެ ހަނގުރާމަ ސިފަކުރުމުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް ބޭނުންކުރެއްވި މަޑުމައިތިރި ރާގަށްވެސް ޙަމާސްއިން ވަނީ ފާޑުކިޔާފައެވެ. އަދި ބަޔާނުގައި ބޭނުންކޮށްފައިވާ ރާގުގެ ސަބަބުން ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ޙަޤީޤަތް ބަދަލުނުކުރެވޭނެ ކަމަށް އެ ޖަމާޢަތުން ފާހަގަކުރިއެވެ.





