ދިވެހި|English 11 އޮކްޓޯބަރު 2026 · 17:16
Top banner
Advertisement
ޔޫކްރެއިން ހަނގުރާމައާ ގުޅޭ އެއްބަސްވުމަކަށް އަންނަންޕުޓިން ބޭނުންފުޅުވޭ: ޓްރަމްޕް
ދުނިޔެ

ޔޫކްރެއިން ހަނގުރާމައާ ގުޅޭ އެއްބަސްވުމަކަށް އަންނަންޕުޓިން ބޭނުންފުޅުވޭ: ޓްރަމްޕް

ޔޫކްރެއިން ހަނގުރާމައާ ގުޅޭގޮތުން އެއްބަސްވުމަކަށް އަންނަން ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން ބޭނުންފުޅުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.

މމުހައްމަދު އަލީ11 އޮކްޓޯބަރު 2026

ޔޫކްރެއިން ހަނގުރާމައާ ގުޅޭގޮތުން އެއްބަސްވުމަކަށް އަންނަން ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން ބޭނުންފުޅުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.

އެހެންނަމަވެސް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ މިފަދަ އެއްބަސްވުމަކަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާކަމުގެ ތުހުމަތު ޓްރަމްޕް ވަނީ ކުރައްވައިފައެވެ.

"ރަޝިޔާއިން އެއްބަސްވުމަކަށް އަންނަން ބޭނުންވޭ. ނަމަވެސް ކޮންމެވެސް ސަބަބަކާ ހެދި ވިޔަސް، ޒެލެންސްކީ އެއްބަސްވުމަކަށް އަންނަން ބޭނުމެއް ނޫން،" ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

ރައީސް ޓްރަމްޕާއި ޕުޓީން ވަނީ ހުކުރު ދުވަހު ފޯނުން ވާހަކަފުޅު ދައްކަވައިފައެވެ. މި ފޯންކޯލަށްފަހު ޓްރަމްޕް ވިދާޅުވީ މި ހަނގުރާމައަށް ހައްލެއް ހޯދުމަށް ރަޝިޔާގެ ރައީސް ވަރަށް ބޮޑަށް ބޭނުންފުޅުވާކަން ހާމަކުރެއްވި ކަމަށެވެ.

މީގެ އިތުރުން، 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތް ފަހުން އެ ގައުމުގައި އިންތިޚާބެއް ބާއްވާފައި ނުވާތީ ޓްރަމްޕް ވަނީ ޒެލެންސްކީއަށް ފާޑުވިދާޅުވެފައެވެ. "އަޅުގަނޑު ދެކޭގޮތުގައި އޭނާ އިންތިޚާބެއް ބާއްވަން ޖެހޭނެ، އަދި އޭނާއަށް މި ކަންތައް ހައްލުކުރެވުނީސް،" ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާއިން މިހާރުވަނީ ރަޝިޔާގެ ޑީސަލްއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކޮށްދީފައެވެ. އެއަށްފަހު ހޮނިހިރު ދުވަހު ޓްރަމްޕާއި ޒެލެންސްކީއާ ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިފައެވެ.

ރަޝިޔާގެ ރިފައިނަރީތަކަށް ހަމަލާ ނުދިނުމަށް އެމެރިކާއިން ޔޫކްރޭނަށް އެންގި އެންގުމާ ޒެލެންސްކީ ޚިލާފުވެފައި ކަމަށާއި، މިފަދަ ހަމަލާތަކާއި، އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ދަތިކަން އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ޓްރަމްޕް ވަނީ ނޫސްވެރިންގާތު ވިދާޅުވެފައެވެ.

އަނެއްކޮޅުން ޒެލެންސްކީ ސިފަކުރެއްވި ގޮތުގައި، މޮސްކޯއާއެކު ޓްރަމްޕް ވެވަޑައިގެންނެވި ޑީސަލްގެ އެއްބަސްވުމަކީ "ބަލިކަށި ނިންމުމެއް" ކަމަށެވެ.

 

ގުޅުންހުރި ޚަބަރު