ދިވެހި|English 12 އޮކްޓޯބަރު 2026 · 18:11
Top banner
Advertisement
ހުރުމުޒު ހުޅުވުން: އީރާނުން ބަސް އިއްވާނީ އެމެރިކާގެ ޖަވާބު ދިރާސާ ކުރުމަށްފަހު
ދުނިޔެ

ހުރުމުޒު ހުޅުވުން: އީރާނުން ބަސް އިއްވާނީ އެމެރިކާގެ ޖަވާބު ދިރާސާ ކުރުމަށްފަހު

މިކަމުގައި ޚިޔާލު ތަފާތުވުން ބޮޑުވެފައިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ މެދު.

އއަހުމަދު މުހައްމަދު12 އޮކްޓޯބަރު 2026

ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވުމާ ގުޅޭގޮތުން އީރާނުން ހުށަހެޅި ހުށަހެޅުމަށް އެމެރިކާއިން ދިން ޖަވާބު ދިރާސާ ކުރަމުންދާ ކަމަށް އީރާނުން ބުނެފިއެވެ. އެގައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ ވިދާޅުވީ އީރާނުން އިތުރަށް އެއްޗެއް ބުނާނީ އެމެރިކާގެ ޖަވާބު ދިރާސާ ކުރުމަށްފަހު ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ މިކަމުގައި މެދުވެރީންގެ ދައުރު އަދާކުރަމުންދާ ޤަޠަރާއި ޕާކިސްތާން ފަދަ ޤައުމުތައް މެދުވެރިކޮށް މިހާރުވެސް މެސެޖްތައް ބަދަލުކުރެވެމުންދާ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ޙަމަލާތަކުގެ ސަބަބުން ފެށުނު ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޤަތަރާއި ޕާކިސްތާނުން ގެންދަނީ މަސައްކަތްކުރަމުންދެއެވެ.

މި ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން ވަނީ ޖޫންމަހު އުވިފައެވެ. އެއަށްފަހު އަލުން ފެށުނެވެ. އެފަހުން ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި އީރާނުންވަނީ ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅުމެއް ހުށަހަޅާފައެވެ. އެހެންނަމަވެސް އެއާއެކު ފެށި މަޝްވަރާތައް މިހާރު ވަނީ މަޑުޖެހިފައެވެ.

އީރާނުގެ ސެކިއުރިޓީ ޗީފް އާދީއްތަ ދުވަހު ވިދާޅުވީ، ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށާއި މަޝްވަރާތައް އަލުން ފެށުމަށް އީރާނުން ހުށަހެޅި 7 ޝަރުޠަށް އެމެރިކާއަށް އެއްބަސްވެވިފައި ނުވާކަމަށެވެ.

މިކަމުގައި ޚިޔާލު ތަފާތުވުން ބޮޑުވެފައިވާ މައިގަނޑު ސަބަބަކީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ މެދު ވާހަކަދެއްކުމަށް އެމެރިކާއިން ބޭނުންވުމެވެ. އީރާނުން ބުނާގޮތުގައި ފުރަތަމަ މަޝްވަރާ ކުރަންވާނީ ހުރުޒް ކަނޑުއޮޅި އަލުން ހުޅުވައި، އެ ސަރަޙައްދުގެ އަމަންއާމާންކަމާ ބެހޭގޮތުން ކަމަށެވެ. މިއީ އެމެރިކާއަށް ހަޖަމްވާވަރުގެ ކަމަކަށް ނުވުމުން މަޝްވަރާތައް މަޑުޖެހުނީއެވެ.

 

ގުޅުންހުރި ޚަބަރު