އިޒްރޭލުގެ ޖަލުތަކުގައި ގާތްގަނޑަކަށް 23 އަހަރު ހޭދަ ކުރެއްވުމަށްފަހު، ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަ ކުރައްވަމުން އޭނާ ޝަހީދުވެވަޑައިގަތީ މައިދާނުގައެވެ. ހުންނެވީ، އޭނާ އެންމެ ގަޔާވާ އަސްކަރީ ޔުނީފޯމް ގައެވެ. ރައިފަލް ހިތްޕަވައިގެންނެވެ. އަދި ޒަޔަނިސްޓުންނާ ކުރިމަތިލައްވައިގެންނެވެ.
ޝަހީދު ޔަޙުޔާ އިބްރާހީމް އައްސިންވާރަކީ، ޒަޔަނިސްޓުން ހިފާފައިވާ ޢަސްޤަލާންގެ ބޭފުޅެކެވެ. މިއީ މަޝްހޫރު އިމާމް އިބުނު ޙަޖަރުގެ އުފަން ވަޒަނެވެ. އޭނާ އުފަންވެ ވަޑައިގަތީ، ރެފިއުޖީއެއް ގެ ގޮތުގައި ޚާން ޔޫނިސް ކޭމްޕްގައި 1962 ވަނަ އަހަރުއެވެ.
ޒަޔަނިސްޓުންނަށް ސަލާމަތީ އަދި ޖާސޫސީ ގޮންޖެހުންތަކެއް ކުރިމަތި ކޮށްދެއްވި މި ލީޑަރަކީ، ޢަރަބި ބަހުގެ ރޮނގުން މަތީ ތަޢުލީމު ޙާސިލު ކުރައްވައިގެން ހުންނެވި ޣައްޒާގެ އިސްލާމިކް ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސް އުފެއްދެވުމުގައި އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ.
ޖަލުގައި ހުންނަވައިގެން
އޭނާ ވަނީ ވާހަކައެއްވެސް ލިޔުއްވާފައެވެ. ޢަރަބި ބަހުގެ އިތުރުން، ޝަހީދު ސިންވާރަކީ ހިބްރޫ ބަހަށް ފަރިތަ ބޭފުޅެކެވެ.
އޭނާ އަކީ ޝަޙީދުންގެ ލިސްޓަށް އިތުވި ނަމެކެވެ!
ފަލަސްޠިނުގެ ޝަހީދުން ކަމަށްވާ، ޝެއިޚް އަޙްމަދު ޔާސީނާއި، އިންޖިނިއަރ މަޙްމޫދު އަލް ޒުރައިއާއި، ޑޮކްޓަރ އިބްރާހިމް އަލްމަޤާދުމާ ފަދައިން، ޢަރަބި އަދި ހިބްރޫ ބަހުން ވިސްނައި ވަޑައިގެން ތަފާތު ކަމެއް ފަލަސްޠީނުގެ ޖިހާދަށް ގެނަސްދެއްވި ބޭފުޅެކެވެ.
މުޖާހިދުންނާއެކު މައިދާނުގައި ސާބިތުވެ ހުންނަވައި، އެމީހުންނާއެކު ޣައްޒާގެ ގޯޅިތަކުގައި ޒަޔަނިސްޓު ސިފައިންގެ ފަހަތުން ދުވެ، ހަމަލަ ދެއްވުމުގައި އިސްކޮށް ޙަރަކާތްތެރިވި މުޖާހިދެކެވެ.
ޝަހީދު ޔަހްޔާ އައްސަންވާރަކީ ފަލަސްޠީނުގެ ސަލާމަތީ ކަންކަން ބެލެހެއްޓި ހަރަކާތެއް ކަމަށްވާ “މަޖްދު” ގެ ބާނީ އެވެ.
ފަލަސްޠީނުގެ އަސީރުން މިނިވަން ކުރުމަށް ކުރިއަށް ގެންދިޔަ އެއްބަސްވުމުގައި 400 އަހަރަށް ޖަލަށް ލާފައިވާ ޔަޙުޔާ ސިންވާރު މިނިވަންވެ ވަޑައިގަތީ، 2011 ވަނަ އަހަރު އެވެ. އެއަށްފަހު ކައިވެނި ބައްލަވައިގެން 3 ބޭފުޅުން ލިބިވަޑައިގަތެވެ.
2014 ވަނަ އަހަރު އިޒްރޭލާ ދެކޮޅަށް އަލްޢަޞްފުލް މައުކޫލު ހަނގުރާމަ ކުރިއަށް ގެންދެވިއެވެ.
2017 ވަނަ އަހަރު ޣައްޒާގައި ހަމާސްގެ ލީޑަރުކަން ހޯއްދެވިއެވެ.
2021 ވަނަ އަހަރު އިޒްރޭލާ ދެކޮޅަށް ސައިފުލްޤުދުސް ހަމަލާތައް ފެއްޓެވިއެވެ. އެ ހަމަލާއާ ގުޅިގެން ސިންވާރު ވިދާޅުވީ ތެލްއަވީވަށް ޙަމަލަ ދިނުމަކީ ފެންތަށްޓެއް ބުއިން ފަދަ ކަމެއް ކަމަށެވެ.
2023 ވަނަ އަހަރު ޠޫފާން ޢަޤްޞާ ހަނގުރާމަ ފެއްޓެވިއެވެ.
ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރެއްވި މުޖާހިދުންގެ ތެރޭން ސިންވާރު ހިމެނިވަޑައިގަންނަވާނީ ޚާއްސަ ބޭފުޅެއްގެ ގޮތުގައެވެ.