ދުނިޔެ
ޗައިނާގެ ކާރުތަކުން ޖާސޫސް ކުރާނެ ކަމަށް އެމެރިކާ ބުނޭ
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާސް އިން އަމާޒު ހިފާފައިވަނީ ޓެކްނޮލޮޖީގެ މުހިންމު ދެ ކެޓަގަރީއަކަށް ކަމަށްވާ ވެހިކަލް ކަނެކްޝަން ސިސްޓަމްސް (ވައިފައި އާއި ފޯނު ފަދަ) ނިޒަމުތަކާއި އޮޓޮމެޓިކް ޑްރައިވިން ސިސްޓަމްސް އަށެވެ. މި ނިޒާމުތަކަކީ އުޅަނދުތަކުގައި އެ ނިޒާމުތައް ބޭނުން ކުރުމުން، ޖާސޫސް ކުރުމަށް ފުރުސަތު އޮތް ވަސީލަތްތަކެއް ކަމަށް އެމެރިކާއިން ދެކެއެވެ.
އެމެރިކާއިން ބުނަނީ، އެމެރިކާގައި ބޭނުން ކުރުމަށް މި ޓެކްނޮލޮޖީތައް ޗައިނާގައި އުފައްދާނަމަ މަނާކުރާނެ ކަމަށާއި، އޭގެ ސަބަބުން މުވާސަލާތީ މޮޑިއުލްތަކަށް ޗައިނާގެ ކޮމްޕޯނެންޓްތައް ބޭނުންކުރާ ޔޫރަޕްގެ ކާރު އުފައްދާ ކުންފުނިތަކަށް ވެސް އަސަރު ފޯރާނެ ކަމަށް އިންޒާރު ކޮށްފައި ވެއެވެ.
އެމެރިކާއިން މި ފިޔަވަޅު އެޅި ސަބަބަކީ، އެމެރިކާގެ މުހިންމު އިންފްރާސްޓްރަކްޗަރ ނެޓްވޯކްތަކުގައި މެލްވެއާ އިންސްޓޯލް ކުރުމަށް ޗައިނާއިން ކުރި ކާމިޔާބު މަސައްކަތް ތިލަވުމާ ގުޅިގެންނެވެ
ޗައިނާ އިން ވަނީ އަމިއްލައަށް ދުއްވާ ކާރުތައް އުފައްދައި ޓެސްޓް ކޮށްފައެވެ.
އޮޓޮމެޓިކް ޑްރައިވިން ސިސްޓަމްތަކުގެ ސަބަބުން ކުރިމަތިވާ ބޮޑު ނުރައްކަލަކީ ޗައިނާގެ ކުންފުނިތަކުން އުޅަނދުތައް ރިމޯޓުން ކޮންޓްރޯލްކޮށް، އެކްސިޑެންޓް މެދުވެރި ކުރުން ނުވަތަ ހުއްޓުވުން ފަދަ ކަންކަން މެދުވެރި ކޮށްފާނެ ކަމުގެ ބިރެވެ.
ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ނެޓްވޯކް ކާރުތަކާ މެދު ކަންބޮޑުވުންތައް ދެމިއޮތްއިރު، ކާރު ހެކް ކުރުމަކީ ބްލެކް ހެޓް ހެކަރުންގެ ކޮންފަރެންސްތަކުގައި ސާބިތުކޮށް ދައްކާފައިވާ ކަމެކެވެ.
މި ބިރުވެރިކަން ހުރި ނަމަވެސް މިފަދަ ހާދިސާއެއް ދުވަހަކުވެސް ހިނގާފައި ނުވެއެވެ. ކަމެއް ދިމާވާ ހިނދު ޒަޔަނިސްޓުންގެ ޕޭޖަރު ގޮއްވާލުން ފަދަ ގޮތަކަށް އެ ނިޒާމަކާ ގުޅިފައިވާ ހުރިހާ ކާރެއް ހުއްޓުވާ ދުޝްމަން ހަމަލައެއް ދިނުމަކީ އެކަށީގެންވާ ކަމެކެވެ.
ޗައިނާއިން ހައިޓެކް އިލެކްޓްރިކް ވެހިކަލްތައް ޖާސޫސު ކުރުމަށް ބޭނުން ކުރެވިދާނެ ކަމުގެ ކަންބޮޑުވުންތައް އިތުރުވަމުންދާ ކަމަށް ވެސް އެމެރިކާއިން ދަނީ ބުނަމުންނެވެ.
ޒަމާނީ ސެންސަރުތަކާއި އިންޓަނެޓް ކަނެކްޓިވިޓީން ފުރިފައިވާ މި ކާރުތަކުގައި ލޮކޭޝަންގެ ތަފްސީލާއެކު ޕާސަނަލް އަދި ބަޔޮމެޓްރިކް މައުލޫމާތު ފަދަ މުހިންމު ޑޭޓާ އެއްކުރުމުގެ ގާބިލްކަން ހުރެ އެވެ.
ބިރަކީ ޗައިނާ ސަރުކާރުން މި ޑޭޓާ ނުބައިކޮށް ބޭނުންކޮށް، ގައުމީ ސަލާމަތާއި ޕްރައިވެސީ ގެއްލެވި ކަމެއް ކޮށްފާނެ ކަމެވެ.
ޗައިނާގެ އިލެކްޓްރިކް ވެހިކަލް ބްރޭންޑުގެ ބީއައިޑީ ކާރު ގެންގޫޅޭ މީހަކު ވަނީ އެ ކާރުގެ ސޮފްޓްވެއާ ބޭނުންކޮށްގެން އޭނާގެ ވާހަކަތައް އަޑުއަހާލެވޭނެ ކަމަށް ތުހުމަތުކޮށްފަ އެވެ.
ހަގީގަތަކީ އިންޓަނެޓާ ގުޅިފައިވާ ކޮންމެ ޑިވައިސްއަކުން ވެސް ޔޫޒަރުންގެ ޑޭޓާ އެއްކުރެވިދާނެ ކަމެވެ. މި ހާލަތުން ހާމަވަނީ ޔޫޒަރުންގެ ޕްރައިވެސީއާއި ގައުމީ ސަލާމަތަށް ރައްކާތެރިވުމަށްޓަކައި ހަރުދަނާ ސައިބަރ ސެކިއުރިޓީ ފިޔަވަޅުތަކެއް އެޅުމުގެ މުހިންމު ކަމެވެ.