ދުނިޔެ
ވަޅޯ ގުޅުމެއް ހޫނުކޮށްލަން 20 ސިކުންތު
ދިހަ އަހަރު ވަންދެން އެއްވެސް މަޝްވަރާއެއް ނެތި، ދެކުނު އޭޝިއާގެ އެންމެ ބޮޑު ދެ އަވަށްޓެރިން އިސްލާމްއާބާދުގައި ބައްދަލު ކުރީ ހިނދުކޮޅަކަށެވެ. އިންޑިއާއިން ވަނީ ޕާކިސްތާނާއެކު އޮންނަ ހުރިހައި ގުޅުމެއް ކަނޑާލާފައެވެ. ޕާކިސްތާނުންވެސް ވަނީ އެފަދައިން ފިޔަވަޅު އަޅާފައެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ޕާކިސްތާނަށް ވަޑައިގަތީ، އެސްސީއޯގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށެވެ. ޕާކިސްތާން ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅެއްގައި އެސް ޖަޔަޝަންކަރު ބައިވެރިވެ ވަޑައިގަތެވެ.
ޖަޔަޝަންކަރަށް މަރުޙަބާ ވިދާޅުވުމަށް ޝަރީފް އޭނާއާ ސަލާން ކުރެއްވިއެވެ. މަރުހަބާގެ ބަސްފުޅެއް ވިދާޅުވިއެވެ. އެންމެ ބޮޑު ދެ އަވަށްޓެރިންގެ ބަސްމޮށިވަޑައިގަތުން ދެމިއޮތީ، އެންމެ 20 ސިކުންތަށެވެ!
އެސްސީއޯގައި ޖަޔަޝަންކަރު ދެއްވި ތަޤްރީރުގައި އޭނާ ވަނީ އަވަށްޓެރިކަމުގެ ގުޅުމާ ބެހޭ ތަފްސީލީ ލެކްޗަރެއް ދެއްވާފައެވެ. ނަމަވެސް ކުށްދެއްކެވުން ފިޔަވައި މައްސަލަ ހައްލު ކުރެއްވުމަށް އިންޑިއާއިން އަޅާނެ ފިޔަވަޅެއް އޭނާވެސް ފާހަގަ އެއް ނުކުރައްވައެވެ.