ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އީރާނަށް ދިން ހަމަލަތަކަށް ބަދަލު ހިފާނެ ކަމަށް ބުނެފި
ދުނިޔެ

އީރާނަށް ދިން ހަމަލަތަކަށް ބަދަލު ހިފާނެ ކަމަށް ބުނެފި

އއިބްރާހީމްް ސަމީރު26 އޮކްޓޯބަރު 2024
  • ހަލަތަ ދިނީ 3 ބުރަކަށް
  • ހަމަލަތައް އަމާޒު ކުރީ އަސްކަރީ ތަންތަނަށް
  • މިސައިލްއާއި ޑްރޯން މަރުކަޒުތަކަށް
  • ތެޔޮ އުފައްދާ ތަންތަނާއި ނިއުކްލިއަރ މަރުކަޒުތަކަށް ހަމަލައެއް ނުދޭ
  • އެއާރޕޯޓުތަކަށް ހަމަލައެއް ނުދޭ
  • ރައްދު ދިނުމުގެ ހައްގު ލިބިގެން ވޭ: އީރާން
އިޒްރޭލު ޒަޔަނިސްޓުން އީރާނަށް ދިން ހަމަލަ ނިންމާލައިފިއެވެ. އިޒްރޭލުން ބުނެފައި ވަނީ މިއީ ދިފާއީ މަރުކަޒުތަކަށް ދިން ހަމަލައެއް ކަމަށެވެ، އަދި އިޒްރޭލަށް ހަތިޔާރު ސަޕްލައި ކޮށްދޭ އެމެރިކާއިން ބުނެފައި ވަނީ އިޒްރޭލަށް މި ހަމަލަތައް ދިނުމުގެ ހައްގު ލިބިފައިވާ ކަމަށެވެ. އީރާނުން ވަނީ ޖުލައި މަހު ޒަޔަނިސްޓުން ތެހެރާނަށް ދިން ހަމަލާގެ ބަދަލު ހިފުމަށް އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އިޒްރޭލަށް ހަމަލަ ދީފައެވެ. އެކަމަށް ރައްދު ދިނުމަށް އިޒްރޭލުން އޮތީ ނިންމާފައެވެ. އިޒްރޭލުން ވަނީ ޒަޔަނިސްޓުން ހޭލައި ތިބުމަށް އެދިފައެވެ. އީރާނުގެ ސަރުކާރު ޓީވީން ބުނީ ހޮނިހިރު ދުވަހު ތެހެރާންގެ ވަށައިގެން "ވަރުގަދަ ގޮވުންތަކެއް" އަޑު އިވިފައިވާ ކަމަށެވެ. އަދި ޝިރާޒް ސިޓީ އިން ވެސް ވަރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށެވެ. "މީގެ މިނިޓްތަކެއް ކުރިން ތެހެރާންގެ ވަށައިގެންވާ ތަންތަނުން ވަރުގަދަ ގޮވުންތަކުގެ އަޑު އިވެމުން ދިޔައިރު، މި އަޑުތަކުގެ މަސްދަރު އަދި ސާފެއް ނުވޭ،" ހަމަލަތައް ދިން ވަގުތު ތެހެރާން ޓީވީ ޕްރެޒެންޓަރަކު ލައިވް ކޮށް ބުންޏެވެ. އެ ގޮވުންތަކުގެ އަޑު އޭއެފްޕީގެ ރިޕޯޓަރަކަށް ވެސް އިވުނެވެ. އީރާނުގެ މީޑިއާއިން ބުނީ ތެހެރާން ކައިރީގައި އޮންނަ މައި ތެޔޮ ރިފައިނަރީއެއްގައި އަލިފާނުގެ ހާދިސާއެއް ނުވަތަ ގޮވުންތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ. ތިން ބުރެއްގެ މަތިން ހަމަލަ ދިން ކަމަށް އިޒްރޭލު ސަރުކާރު ޓީވީ ކާން އިން ބުންޏެވެ. އަދި އެ ހަމަލަ ތިން ބުރަށް ގެންދިއުމަށްފަހު ނިންމާފައިވާ ކަމަށް ބުންޏެވެ. އެކްސިއޮސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ޒަޔަނިސްޓުން ދެވަނަ އަދި ތިންވަނަ ބުރުގެ ހަމަލަތައް އަމާޒުކޮށްފައި ވަނީ އީރާންގެ މިސައިލް އަދި ޑްރޯން ބޭސްތަކާއި ޕްރޮޑަކްޝަން ސައިޓްތަކަށެވެ. އެތަންތަނަށް ގެއްލުމެއް ނުވަތަ ގެއްލުންތަކެއް ލިބިފައިވާ ކަމުގެ އެއްވެސް ރިޕޯޓެއް އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އީރާނުން ބުނެފައި ވަނީ އިޒްރޭލުގެ "އުދުވާނުން" ބަދަލު ހިފުމުގެ ހައްގު އީރާނަށް ލިބިގެންވާ ކަމަށެވެ. "އިސްރާއީލުން އަޅާ ކޮންމެ ފިޔަވަޅަކަށް ނިސްބަތުން ބަދަލު ދިނުމެއް އޮންނާނެ! އެކަމާމެދު ޝައްކެއް ނެތް،" އީރާނުގެ މަސްދަރުތަކާ ހަވާލާދީ ނިއުސް އެޖެންސީ ތަސްނީމް އިން ބުނެފައިވެ އެވެ. އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ނުވަތަ ތެޔޮ ދަނޑުތަކަށް ހަމަލާދިނުން ހިމެނިފައި ނުވާއިރު، އަސްކަރީ އަމާޒުތަކަށް ސަމާލުކަން ދީފައިވާ ކަމަށް އިޒްރޭލުގެ އޮފިޝަލަކާ ހަވާލާދީ ހުކުރު ދުވަހުގެ ރޭ ދަންވަރު އެންބީސީ ނިއުސް އާއި އޭބީސީ ނިއުސް އިން ވެސް ރިޕޯޓްކޮށްފި އެވެ.

ގުޅުންހުރި ޚަބަރު