ދުނިޔެ
ކަރާޗީގައި ފެނާއި ކަރަންޓު ކެނޑޭތީ މުޒާހަރާއަށް
ކަރަންޓާއި ފެނުގެ ދަތިކަމާ ހެދި ކަރާޗީގައި މަގު ބަންދުކޮށްގެން މިއަދު މީހުން މުޒާހަރާ ކޮށްފިއެވެ. ކަރާޗީގެ އީސާ ނަގްރީ އޭރިއާގައި މުޒާހަރާ ކުރުމުން، މަގުތައް ބަންދުވެ، ވެހިކަލްތަކުގެ ދިގު ކިއުތަކެއް އުފެދި ދަތުރުފަތުރަށް ވަރަށް ބޮޑަށް ބުރޫ އަރާފައިވެ އެވެ.
މިކަމުގެ ސަބަބުން ކަރާޗީންބޭރުވާން އޮންނަ ލިޔާރީ އެކްސްޕްރެސްވޭގައި އެތައް ގަޑިއިރަކަށް ޓްރެފިކް ތޮއްޖެހުނެވެ.
މުޒާހަރާ ކުރި ރައްޔިތުން ބުނީ އެމީހުންގެ ސަރަހައްދުން ދުވާލަކު 12 ގަޑިއިރަށް ވުރެ ގިނައިރު ކަރަންޓް ކަނޑާފައި އޮންނަ ކަމަށެވެ. އަދި ކަރަންޓު ކަނޑައަކީ އެއްވެސް ތާވަލެއް ނެތި ކަމަށެވެ. ހަމައެއާއެކު ސަރަހައްދުގެ ފެން ލިބުމުގެ މައްސަލަވެސް އިންތިހާއަށް ގޯސްވެފައިވާ ކަމަށް ބުނެފައި ވެއެވެ.
އޭގެ އިތުން މީހުން ބުނެފައި ވަނީ ފެނާއި ކަރަންޓު ޚިދުމަތް ދޭ ކުންފުންޏަށް ޝަކުވާ ކުރުމުން އެފަރާތުން އެއްވެސް ވަރަކަށް އަޅާލާފައި ނުވާ ކަމަށެވެ.
ފުލުހުންނާ އެކު މަޝްވަރާ ކުރުމަށް ފަހު މުޒާހަރާގެ ބައިވެރިން ވަނީ ކަމާބެހޭ ފަރާތްތަކުގެ ޔަގީންކަން ދިނުމުން ސުލްހަވެރިކަމާއެކު ރޫޅިގެން ގޮސްފައެވެ.
މީގެ ކުރިން ކަރާޗީގެ ޖަހަންގީރު ސަރަހއްދުގައުވެސް މީހުން ވަނީ ކަރަންޓާއި ފެން ކެނޑުމުން މުޒާހަރާ ކޮށްފައެވެ.