ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޕާކިސްތާނުން ހިޖުރަކުރުން އިތުރު ވެފައި
ދުނިޔެ

ޕާކިސްތާނުން ހިޖުރަކުރުން އިތުރު ވެފައި

އއިބްރާހީމްް ސަމީރު10 ނޮވެމްބަރު 2024
އައިއެމްއެފްގެ ހަތް ބިލިއަން ޑޮލަރުގެ ބެއިލްއައުޓަކަށް ފަހު އިގްތިސާދީ ހަމަޖެހުމުގެ އަލާމާތްތައް ފެނުނު ނަމަވެސް، ޕާކިސްތާނުގެ މަތީ ތައުލީމީ ހޯދާފައިވާ މީހުންނާއި އަދި ހުނަރުވެރި ފަރުދުން ދަނީ އައު ދިރިއުޅުމެއް ހޯދުމަށް ގައުމުން ބޭރަށް ހިޖުރަ ކުރަމުންނެވެ. އެއް ޒަމާނެއްގައި އުންމީދީ މަންޒިލެއްކަމުގައިވި ޕާކިސްތާން ދޫކޮށް ދިއުން، ފަގީރުންނާއި މެދުފަންތީގެ މީހުންގެ މެދުގައި މިހަރު އާންމު ކަމަކަށް ވެއްޖެއެވެ. ނަތީޖާއަކަށް ވެގެންދަނީ ހެލްތްކެއާ، ޓެކްނޮލޮޖީ، އަދި ފައިނޭންސް ފަދަ މުހިންމު ދާއިރާތަކަށް އަސަރު ކުރަމުންދާ ކަމެވެ. އަދި މޮޅެތި ސިކުނޑި ގައުމުން ބޭރުވެގެން ދިއުމެވެ. ސަރުކާރުގެ އަންދާޒާތަކުން ދައްކާ ގޮތުގައި ފާއިތުވި ތިން އަހަރު ތެރޭގައި އެއް މިލިއަން ހުނަރުވެރި މަސައްކަތްތެރިން ޕާކިސްތާނުން ދޫކޮށްފައި ވެއެވެ. 2023 ވަނަ އަހަރު އެކަނި ވެސް ގާތްގަނޑަކަށް 900،000 މީހުން (ހުނަރުވެރިންނާއި ހުނަރުވެރި ނޫން މީހުން) ހިޖުރަކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ޓްރެންޑް މަޑު ޖެހިދާނެ ކަމުގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި، ޕާކިސްތާން އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް އިކޮނޮމިކްސް އިން 2022 ވަނަ އަހަރު ކުރި ސާވޭއަކުން ދައްކާ ގޮތުގައި ޕާކިސްތާނުގެ %37 މީހުން ހިޖުރަކުރަން ބޭނުންވާ ކަމަށެވެ. އެމެރިކާގެ ވިސާއަށް އޮތް ޑިމާންޑް ސެޕްޓެމްބަރު 2023 ގެ ނިޔަލަށް ރެކޯޑް މިންވަރަކަށް އިތުރު ވެފައި ވެއެވެ. މިއީ ޒުވާނުންގެ މެދުގައި މާޔޫސްކަން އިތުރުވަމުންދާކަން ހާމަވެގެންދާ ކަމެކެވެ. ހުނަރުވެރި ޕްރޮފެޝަނަލުން ގެއްލިގެން ދިއުމަކީ ޚާއްސަކޮށް ސިއްހީ ދާއިރާއިން ފެންނަ އާންމު ކަމެއް ކަމަށާއި ކޮންމެ 1000 މީހުންގެ ތެރެއިން އެއް ޑޮކްޓަރަށް ވުރެ މަދުން އުޅޭ ޕާކިސްތާނަށް މިއީ ގޮންޖެހުމެކެވެ. ޓެކް އަދި ފައިނޭންސްގެ ކުންފުނިތަކަށް ވެސް ކޮލިފައިޑް ޓެލެންޓް ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު، މިހާރު ވެސް ނާޒުކު އިގްތިސާދެއްގައި ހިންގަން މަސައްކަތްކުރާ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް އިތުރަށް ބޮޑުވެފައިވެ އެވެ. ޕާކިސްތާންގެ އިގްތިސާދީ ދަތިކަމުގައި، 2022 ވަނަ އަހަރުން ފެށިގެން ޒަރޫރީ މުދަލުގެ އަގު ގާތްގަނޑަކަށް ދެގުނައަށް އިތުރުވެފައިވެއެވެ. ކަރާޗީގައި ކިރު ފަދަ އަސާސީ ތަކެތީގެ އަގު ޕެރިސް ފަދަ ސިޓީތަކުގައި ހުންނަ އަގަށް ވުރެ މައްޗަށް ގޮސްފައިވެ އެވެ. ސަރުކާރުގެ އެންމެ ފަހުގެ ބަޖެޓުން ވަނީ އައިއެމްއެފް އިން ކަނޑައަޅާފައިވާ މާލީ ޝަރުތުތަކާ އެއްގޮތަށް ޓެކްސް ބޮޑުކޮށް، އާމްދަނީ ބޮޑުކޮށް ލިބޭ މީހުންނާއި ކުރިން ޓެކްސް ނުދައްކާ ސިނާއަތްތަކަށް ވެސް މިހާރު  ޓެކްސް ބޮޑުކޮށް، މުސާރަ ލިބޭ ފަންތީގެ މީހުންނަށް އިތުރު ބުރަތައް ކުރިމަތިކޮށްފައެވެ.

ގުޅުންހުރި ޚަބަރު