ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޗައިނާގެ ފޭދިގަތުން
ދުނިޔެ

ޗައިނާގެ ފޭދިގަތުން

އއިބްރާހީމްް ސަމީރު4 ޖެނުއަރީ 2025
އިނގިރޭސިވިލާތުގައި ޗައިނާއިން ޖާސޫސު ކުރާކަމުގެ ތުހުމަތުތަކުން ފެށިގެން ކެނެޑާގެ އިންތިޚާބުތަކަށް ވަދެގަތުމާ ހަމައަށް، މިފަހުން އެތައް ޤައުމަކުން ވަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީސީޕީ) ން ދުނިޔޭގެ ވެރިކަން ބައްޓަން ކުރުމަށް އިންތިޒާމުކޮށްފައިވާ ހުނަރުވެރި ކެމްޕޭނެއްގެ މައްޗަށް އަލިއަޅުވާލާފައެވެ. ޗައިނާގެ މައިގަނޑު ސްޓްރެޓެޖީގެ މަޤްޞަދަކީ، މި ޤައުމުތަކުގައި ނުފޫޒު ވަރުގަދަކޮށް، ނިޒާމުތައް ބަލިކަށިކުރުމެވެ. ސިޔާސީ ގޮތުން ވަދެގަތުމަށް ޗައިނާއިން ގެންގުޅޭ އުސޫލަކީ މަޑުމައިތިރި ކަމާއެކު ސްޓްރެޓެޖިކް އިންވެސްޓްމަންޓްތައް ކޮށް، ސިއްރު އޮޕަރޭޝަންތައް ހިންގުމުގެ ނިޒާމީ އުސޫލެކެވެ. ޖާސޫސީ ދާއިރާއާއި ދިފާއީ ދާއިރާތަކަށް އަމާޒުކޮށްގެން ކުރާ ސަގާފީ ޖާސޫސީ މަސައްކަތާ ޚިލާފަށް ސީސީޕީގެ އުސޫލުތަކުގައި ހިމެނެނީ، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި އެމީހުންގެ އެހީތެރިންނަށް ފޯކަސް ކުރުމެވެ. ޕްރިންސް އެންޑްރޫއާ ގާތް ގުޅުމެއް އޮންނަ ޗައިނާގެ ޖާސޫސެއް ކަމަށް ބެލެވޭ ޗައިނާގެ 50 އަހަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ޔަންގް ޓެންގްބޯގެ މައްސަލަ ދާދި ފަހުން ސަމާލުކަމަށް އައިސްފައެވެ. އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތުކޮށްފައި ވަނީ ޕްރިންސް އެންޑްރޫއާ އެކު ޔަންގް ‘އާދަޔާ ހިލާފު އިތުބާރެއް’ އުފައްދައި، ސިޔާސީ ބޭފުޅުންނާ ގުޅުންތައް ބަދަހިކޮށް އެމީހުން ސީސީޕީއަށް ލަންބާލުމަށް މަސައްކަތް ކުރި ކަމަށެވެ. އޭގެ ފަހުން އިނގިރޭސިވިލާތުގެ ހޯމް އޮފީހުން ވަނީ ގައުމީ ސަލާމަތާ ބެހޭ ކަންބޮޑުވުންތަކާ ގުޅިގެން ޔަންގް ޔޫކޭއަށް އެތެރެވުން މަނާކޮށްފަ އެވެ. މި ނިންމުމަށް އިނގިރޭސިވިލާތުގެ ކޯޓުން ވެސް 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ތާއީދުކޮށްފައިވެއެވެ. އަދި އެންމެ ފަހުން އިނގިރޭސިވިލާތުން ވަނީ ގައުމީ ސަލާމަތަށް ނުރައްކަލެއްގެ ގޮތުގައި ޗައިނާ ކަނޑައެޅުމަށް އަލުން ގޮވާލާފަ އެވެ. ފާޑުކިޔުންތެރިން ބުނާ ގޮތުގައި ޗައިނާއާ މެދު އިނގިރޭސިވިލާތުން މިހާރު ގެންގުޅޭ އުސޫލަކީ މާ ލުއި އުސޫލެކެވެ. އަދި ގައުމީ މަސްލަހަތު ހިމާޔަތް ކުރުމަށް މިއަށްވުރެ ހަރުދަނާ ސިޔާސަތެއް އޮންނަން ޖެހޭ ކަމަށެވެ. ޗައިނާއަށް ޖާސޫސު ކޮށްދިން ކަމުގެ ތުހުމަތުގައި ޕާލަމެންޓްރީ ރިސާޗަރަކު ވެސް ޔޫކޭގައި ހައްޔަރުކުރިއެވެ. މިމީހާއަކީ، ޕާޓީ ލައިންތަކުގެ ތެރެއިން ގުޅުންތައް އާލާކޮށް، ސިއްރު ބްރީފިންގްތަކަށް ވަދެވޭނެ ގޮތް ހޯދައި، މުހިންމު މައްސަލަތަކުގެ ބަހުސްތައް މޮނިޓަރކޮށް އުޅުނު މީހެކެވެ. އޭނާއަށް ތުހުމަތު ކުރެވޭ ގޮތުގައި އޭނާގެ މަސައްކަތުގެ އަމާޒަކީ ސިޔާސަތު ކަނޑައެޅުމަށް ނުފޫޒު ފޯރުވުމެވެ. އެހެންކަމުން މި މަސައްކަތްތަކުން ޗައިނާގެ ޖާސޫސީ ސްޓްރެޓެޖީތައް ހާމަވެގެން ދެއެވެ. ކެނެޑާގައި ޖާސޫސީ ރިޕޯޓްތަކުން ހާމަވި ގޮތުގައި ފެޑެރަލް އިންތިހާބުތަކަށް ޗައިނާއިން ތަދައްޚުލް ވެފައި ވެއެވެ.އަދި އެޖެންޓުން މެދުވެރިކޮށް ކެމްޕޭންތަކަށް ފައިސާ ފޮނުވާފައި ވަނީ ނަތީޖާ ބަދަލުކުރުމުގެ މަގްސަދުގައެވެ. މިފަދަ އަމަލުތަކުގެ މަޤްޞަދަކީ ހަމައެކަނި ވަކި ގޮތަކަށް ނަތީޖާތަކެއް އަނބުރާލުމަށް ނޫން ކަމަށާއި، ޑިމޮކްރެޓިކް މުއައްސަސާތަކުގެ އިތުބާރު ގެލުވައި ލަން މަސައްކަތް ކުރާ ކަން ހާމަވެއެވެ.

ގުޅުންހުރި ޚަބަރު